2 މާރިޗު 2025 - 10:49 0
ސާއިފް ޝިޔާދު
2 މާރިޗު 2025 - 10:49 0
ޕޯޓް ލުއީ، މޮރިޝަސް (މާޗު 2) - ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަވިން ރާމްގޫލާމް ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއޭގޯ ގާސިއާގެ ކޮންޓްރޯލް ލީޒް އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތަށް އޮންނާނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ނިމިގެންދިޔަ ޑިމޮކްރެޓުންގެ ސަރުކާރުގައި ޖޯ ބައިޑެންގެ ރުހުމާއެކު އެކުލަވާލި މި އެއްބަސްވުން މިހާތަނަށް ރަސްމީކޮށްފައި ނުވާއިރު ޓްރަމްޕު އިންތިހާބުވުމާއެކު އެ އެއްބަސްވުމާ މެދު ސުވާލުތަކެއް އުފެދުނެވެ.
އެގޮތުން، ޗައިނާއާ ގާތް ގުޅުމެއް އޮންނަ ކަމަށް އެމެރިކާއިން ބުނާ މޮރިޝަސްއަށް ޗާގޯސް ދިނުމަކީ އެމެރިކާގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕު ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި މާކޯ ރުބިއޯ މީގެކުރިން ވިދާޅުވެފައިވެ އެވެ.
ނަމަވެސް، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއޭ ސްޓާމާއާ ބައްދަލުކުރައްވަމުން ޓްރަމްޕު ވަނީ އެއްބަސްވުމަށް ތާއިދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އެއްބަސްވުން ފައިނަލް ކުރުމުގެ ޓްރަމްޕު ސަރުކާރަށް ރިވިއު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ސްޓާމާގެ ސަރުކާރުން އޮތި ހާމަކޮށްފަ އެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ވަނީ ހުކުމެއްވެސް ކޮށްފަ އެވެ.
ގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހައި ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.
ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment