Advertisement

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޭން ޔޫކޭ އިން އެއްބަސްވެއްޖެ

3 އޮކްޓޯބަރު 2024 - 15:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާ --- ފޮޓޯ: ފައިލް


ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޭން ޔޫކޭ އިން އެއްބަސްވެއްޖެ

3 އޮކްޓޯބަރު 2024 - 15:32 0

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން މިއަދު އެއްބަސްވެއްޖެ އެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މިކަން އިއުލާނުކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. މިއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ އެވެ. މި އެއްބަސްވުން ފައިނަލައިޒްކޮށް ދެ ގައުމުން އެކުގައި މުއާހަދާއެއްގައި ސޮއިކުރާނެ އެވެ.

"މި މުއާހަދާގައި ސޮއިކުރުމާއެކު އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ ހިމެނޭހެން ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއާ ހަވާލުކުރެވޭނެ،" ދެ ބޮޑުވަޒީރުންގެ ބަޔާނުގައިވެ އެވެ.

ޑިއެގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ރަށެކެވެ. 2036 ގެ ނިޔަލަށް މިހާރު ކުއްޔަށް ދީފައި އޮތް ޑިއެގޯ ގާސީއާގައި ހުރި އަސްކަރީ މަރުކަޒާ ގުޅޭ ގޮތުން އެމެރިކާ އާއެކު މޮރިޝަސް އިން އެއްބަސްވުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުން ދަނީ ބުނަމުންނެވެ.

މީގެކުރިންވެސް އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ. އިން ތަކުރާރުކޮށް އެދިފައިވެ އެވެ. އަދި އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް އެތައް ދަހަރެއް ކުރިން ވެއްދި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް އޮތީ ދީފަ އެވެ. ނަމަވެސް އިނގިރޭސިން މިއަދުގެ ނިންމުމާ ހަމައަށް ކޯޓުގެ ހުކުމް ބަލައެއް ނުގަނެ އެވެ.

އެގޮތުން އައިސީޖޭގެ ހުކުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއަށް ދިނުމަށް ގޮވާލާ އދ. އަށް ގަރާރެއް ވެސް ހުށަހެޅުނެވެ. ގިނަ ގައުމުތަކުން ގަރާރާ އެއްބަސްވި ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވޯޓު ދިނީ އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައިވެސްވެ އެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކުރި އެވެ. ނަމަވެސް މިއަދުގެ ނިންމުމާއެކު އޭރު ރާއްޖެއިން ނެގި ދިފާއުތައް ވަނީ މުޅީންހެން ބާތިލުވެފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.