Advertisement

ވެމްކޯ އާއި އެމްޕީއެލް އިން ތަފާތު ބޮޑު މޮޅަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި

5 އޮކްޓޯބަރު 2024 - 07:58 0

އެމްޕީއެލް ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ވެމްކޯ އާއި އެމްޕީއެލް އިން ތަފާތު ބޮޑު މޮޅަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި

5 އޮކްޓޯބަރު 2024 - 07:58 0

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ކްލަބް ވެމްކޯ އާއި ޕޯޓްސް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް) އިން ތަފާތު ބޮޑު މޮޅަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

ގްރޫޕް ޖީގައި ރޭ އެމްޕީއެލް އިން 7-1 އިން ކްލަބް އާރްއޯއެލް ބަލިކުރިއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ މޮޅުވީ 13-0 އިންނެވެ.

އެމްޕީއެލް އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނަ ހޯދި ވެމްކޯ އަށް ލިބުނީ ހަ ޕޮއިންޓެވެ. އާރްއޯއެލް ތިން ވަނަ އަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ. އިސްލާމިކް ބޭންކުން މުބާރާތް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބި އެވެ.

ލަނޑު ޖެހުމަށް ފަހު ވެމްކޯ ޓީމުގެ އަލީ ރެޒާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ވެމްކޯ ޓީމަށް ރޭގެ މެޗުގައި، އަލީ ރެޒާ ޝެއިކްލާރު އާއި އަލީ ޝިޔާހު (ޝިޔަޅޭ)، ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމަށް ދެން ލަނޑުތައް ޖަހައިދިނީ، އިސްމާއިލް ވަޖީހު (ވައްޖެ) ދެ ގޯލާއި، އަބްދުﷲ ޖުނައިދު (ޖެންނެ)، އަލީ އަލްސަން، މުސައްނިފު މުހައްމަދު، އިބްރާހިމް ޝައުފް މުހައްމަދު އަދި އިސްމާއިލް ވިފާގު (އިއްސެ) އެވެ.

އެމްޕީއެލް އަށް ރޭގެ މެޗުގައި މުހައްމަދު ސަހާއު (ބޭލް) ހެޓްރިކެއް ހަދައިދިންއިރު، އަހުމަދު އަޔާޒް (އަޔާ) ދެ ގޯލު ޖަހާފައިވެ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ، އަހުމަދު ބައްސާމް މުހައްމަދު ނައީމް އާއި މުހައްމަދު ސާދު ނިޒާރު އެވެ. އާރްއޯއެލްގެ ހަމައެކަނި ލަނޑު ޖެހީ، އައިރޫން އަހުމަދު އެވެ.