Advertisement

މަރާމާތަށްފަހު އާސަހަރާ އާއި ހިނަވާގެ ރަސްމީކޮށް ހުޅުވައިފި

4 އޮކްޓޯބަރު 2024 - 13:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަރާމާތަށްފަހު މިއަދު ހުޅުވި އާސަހަރާ އިމާރާތް: މިއާއެކު މާލޭގައި މަރުވާ މީހުންގެ ޖަނާޒާ އަލުން މާލޭގައި ކުރަން ފެށޭނެ --- ފޮޓޯ: ސިޓީ ކައުންސިލް


މަރާމާތަށްފަހު އާސަހަރާ އާއި ހިނަވާގެ ރަސްމީކޮށް ހުޅުވައިފި

4 އޮކްޓޯބަރު 2024 - 13:31 0

މަރާމާތު ކުރަން ބަންދު ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން އާސަހަރާ އަދި އެތަނުގައި ހުންނަ ހިނަވާގެ ރަސްމީކޮށް ހުޅުވައިފި އެވެ.

މަރާމާތުގެ މަސައްކަތަށް އާސަހަރާ މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ މެއި 27، ގަ އެވެ. ސިޓީ ކައުންސިލުގެ މޭޔަރަކަށް އޭރު ހުންނެވި، މިހާރުގެ ރައީސް މުއިއްޒު އާސަހަރާ މިސްކިތް ބަންދު ކުރީ ދެ މަސްދުވަހަށެވެ. ނަމަވެސް މަސައްކަތް ދިގުލައިގެން ދިޔައީ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާސަހަރާ ރަސްމީކޮށް ހުޅުވައިދެއްވީވެސް އެމަނިކުފާނެވެ. ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި ސިޓީ ކައުންސިލްގެ އިސްވެރިންގެ އިތުރުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާއި އިތުރު ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މަޝްރޫއުގެ ދަށުން އާސަހަރާ މިސްކިތާއި ހިނަވާގެ ވަނީ މަރާމާތުކޮށްފަ އެވެ. އޭގެ ތެރޭގައި ހިނަވާ ކޮޓަރިތަކާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ފާހާނާ އަދި ވުޟޫ ކުރާ ސަރަހައްދުތައް ހިމެނެ އެވެ.

މަރާމާތަށްފަހު ހުޅުވި އާސަހަރާގެ ހިނަވާގޭގެ އެތެރެ --- ފޮޓޯ: ސިޓީ ކައުންސިލް


ދެ މަސްދުވަހަށް އާސަހަރާ ބަންދުކުރަން ސިޓީ ކައުންސިލުން ނިންމި ނަމަވެސް ދެފަހަރެއްގެ މަތިން އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމާ ތާރީހު ބަދަލުކުރުމަށްފަހު މިދިޔަ ނޮވެމްބަރު 5، ގައި މާލެ ސިޓީ ކައުންސިލުން މަރާމާތު ކޮންޓްރެކްޓު ބާތިލު ކުރި އެވެ.

މި ލަސްތަކާއެކު މިއަދާ ހަމައަށްވެސް މާލެ ސަރަހައްދުގައި މަރުވާ އެންމެންގެ ޖަނާޒާ ބާއްވަމުން ގެންދިޔައީ ހުޅުމާލެ ސަހަރާގަ އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ މަޝްރޫއު މަޑުޖެހިފައި އޮއްވާ މި އަހަރުގެ ޖެނުއަރީ މަހު މަސައްކަތް އަލުން ބަޔަކާ ހަވާލު ކުރެއްވީ މޭޔަރު އާޒިމް މިކަން ނިންމެވުމަށް އިސްކަމެއް ދެއްވައި ކުރެއްވި މަސައްކަތުންނެވެ.

އެ މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އާސަހަރާގެ ކަންކަން ނިންމުމަށް 9.7 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.