Advertisement

ޔާމީނުގެ ސުވާލެއް: ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރިއިރު އެތަން ހޯދަން އައި ސަރުކާރަށް ކުރެވުނީ ކީއް؟

3 އޮކްޓޯބަރު 2024 - 23:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު


ޔާމީނުގެ ސުވާލެއް: ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރިއިރު އެތަން ހޯދަން އައި ސަރުކާރަށް ކުރެވުނީ ކީއް؟

3 އޮކްޓޯބަރު 2024 - 23:18 0

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސިން ދިންއިރު، ފޯޅަވައްސާ ދިމާލުން ގެއްލުނު ކަނޑު ހޯދަން އައި ސަރުކާރަށް ކުރެވުނީ ކީއްތޯ ސުވާލު އުފައްދަވައި، މި ސަރުކާރުން މިހާރު އެތިބީ "ޗަ ގޯސް" ހަދައިގެން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ހަރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ގެއްލުނު ކަނޑު ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް "ދަރިއަކު ދުނިޔެއަށް އުފަން ކުރާހާ މުއްދަތު ވެރިކަމަށް ފާއިތުވެގެން ދިޔައިރު" އެ ވައުދު ފުއްދަން ކުރެވުނީ ކޮން ކަމެއްތޯ ޔާމީނު ސުވާލު އުފެއްދެވި އެވެ.

"މިއީ އަޅުގަނޑު އުފައްދާ ސުވާލު، އދ. އަށް ދެވިއްޖެޔޭ، 10 މިލިއަން ހަރަދު ކުރެވިއްޖެޔޭ، މިއޮތީ، މިނިސްޓަރު ތޯރިގަށް މި ދަންނަވަނީ ދުނިޔެއާ ގުޅިފައޭ ތިއޮތީ، ކޮންކަމެއްހެއްޔޭ އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ މުހިންމު ކަންތަކުގައި، އިނގިރޭސިވިލާތާ ހަމައަށް ދެވުނުހޭ، މި ވާހަކަ ހުށަހެޅުނުހޭ، އިނގިރޭސިންނާއި އަޅުގަނޑުމެންނާ މުއާމަލާތު ކުރެވިއްޖެހޭ ވާހަކަ ދެއްކިއްޖެހެއްޔޭ އަޅުގަނޑުމެން މިކަން ކުރަން،" ޔާމީނު ސުވާލު އުފެއްދެވި އެވެ.

"ނޫނިއްޔާ ބައިނަލްއަގުވާމީ ކޯޓަށް ވައްދައިގެން ފޯޅަވަހި، ފުރަތަމަ ނަގާފައި އޮތް ނެގުން ނޫނިއްޔާ ދެން ދިޔަ ދިޔުން އިޓްލޮސް [އިން] ބައި ކޮށްގެން ދިޔަގޮތް އަޅުގަނޑުމެން ޗެލެންޖު، އެއްވެސް ކަމެއް ކުރިންހޭ."

ޔާމީނު ވިދާޅުވީ މި ސަރުކާރަށް އެ ކަންކަން ކުރަން ވަގުތު ލިބުނު ކަމަށެވެ. ނަމަވެސް ވެރިކަމަށް އައިސް ހާސިލު ކުރަން އެންމެ ބޮޑަށް ބޭނުންވި ކަންތައް ނުވެ ދިޔައިރު، ކުޑަމިނުން އިނގިރޭސިވިލާތާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް ޔާމީނު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ތަންތަނަށް ގޮސް ފާޑުފާޑުގެ ވާހަކަދައްކާފައި މި އަންނަނީ، އަންނައިރު، މާތް ކަލާކޯ، ގޭގައި ނެތޭ މަރިޔަނބެއް، ކަތިވަޅިއެއް އެކައްޗެއް ވެސް، ހުރިހާ އެއްޗެއް ގެއްލިފައި މިއޮތީ އިނގޭތޯ؟" ޔާމީނު ވިދާޅުވި އެވެ.

ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަސް ދޭން އިނގިރޭސިވިލާތުން އެއްބަސްވިކަން އިއުލާނު ކުރީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. މި އެއްބަސްވުން ފައިނަލައިޒްކޮށް ދެ ގައުމުން އެކުގައި މުއާހަދާއެއްގައި ސޮއިކުރާނެ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ މިހެން ކަންތައް ވީމާ ދެން މި ސަރުކާރުން ރައްޔިތުންގެ ކުރިމައްޗަށް އަރައި ދައްކަން އޮންނާނީ ކޮން މޫނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

އެހެންވީމާ މިހާރު މިއޮތީ، ދެން އަޅުގަނޑު ހަމަ ހަނދާން ވަނީ އެމްޕީ ޝިޔާމު ނުވަތަ މިހާރު ވަޒީރު ޝިޔާމު ވިދާޅުވާހެން، ޗަ ގޯސް! ޗަ ގޯސް! ހަމަ ތިބެގެން ޗަ ގޯސް ހަދާފައި މިއޮތީ އިނގޭތޯ؟ މިއޮތީ ފޯޅަވަހި ގެއްލިފައި، އަޅުގަނޑުމެންނަށް ފުރުސަތު ލިބުނޭ،" ޔާމީނު ވިދާޅުވި އެވެ.

ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ. އިން މީގެކުރިން ތަކުރާރުކޮށް އެދިފައިވެ އެވެ. އަދި އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް އެތައް ދަހަރެއް ކުރިން ވެއްދި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް އޮތީ ދީފަ އެވެ.

ނަމަވެސް މިއަދުގެ ނިންމުމާ ހަމައަށް އިނގިރޭސިން ކޯޓުގެ އެ ހުކުމް ބަލައެއް ނުގަނެ އެވެ.

އެގޮތުން އައިސީޖޭގެ ހުކުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއަށް ދިނުމަށް ގޮވާލާ އދ. އަށް ގަރާރެއް ވެސް ހުށަހެޅުނެވެ. ގިނަ ގައުމުތަކުން ގަރާރާ އެއްބަސްވި ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވޯޓު ދިނީ އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައިވެސްވެ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.