Advertisement

ފައިސާ ޗާޕްކޮށްފާނެކަން ދޭހަވާ ގޮތަށް އެއްވެސް ވާހަކައެއް ނުދައްކަން މެންބަރުންނަށް ރައީސް އަންގައިފި

14 މާރިޗު 2025 - 00:14 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފެބްރުއަރީ 6، 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ފައިސާ ޗާޕްކޮށްފާނެކަން ދޭހަވާ ގޮތަށް އެއްވެސް ވާހަކައެއް ނުދައްކަން މެންބަރުންނަށް ރައީސް އަންގައިފި

14 މާރިޗު 2025 - 00:14 1

ފައިސާ ޗާޕްކޮށްފާނެކަން ދޭހަވާ ގޮތަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަ ނުދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެމްއެމްއޭގެ ގާނޫނާ ފުށުއަރާ ގޮތަށް ހުޅުމާލޭއިން 22 ހެކްޓަރުގެ ބިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ގަންނަން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން އެމްއެމްއޭއިން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، އެ މުއާމަލާތް ހިންގުމަށް ގަވަރުނަރުގެ ވޯޓާއެކު ނިންމާފައިވާކަން މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.

މިއީ އެޗްޑީސީ ނިވާ ފަތްގަނޑަކަށް ހެދުމަށް ފަހު، ސަރުކާރަށް ފައިސާ ދިނުމުގެ ރޭވުމުމެއް މާލީ އަދި އިގުތިސޯދީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. މިގޮތަށް ފައިސާ ދިނުމަކީ ޗާޕްކުރުމެވެ.

ފައިސާ ޗާޕުކުރުމުގެ މާނައަކީ މަރުކަޒީ ސަރުކާރުން ދިގު މުއްދަތަކަށް ފައިސާގެ ސަޕްލައި އިތުރުކުރުމެވެ. އިގުތިސާދުގެ ތެރޭގައި ދައުރުނުވާ ފައިސާއެއް އިގުތިސާދުގެ ތެރެއަށް ވެއްދުމެވެ.

އެމްއެމްއޭގެ ބޯޑުގެ ނިންމުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުން ދަނިކޮށް އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަނީ ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ނާޒިމު އެހެން ވިދާޅުވެފައި ވަނިކޮށް، ޕީއެންސީގެ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ރައީސް މުއިއްޒު ދެ މެސެޖެއް ލިޔުއްވި އެވެ.

ފުރަތަމަ މެސެޖުގައި ވިދާޅުވީ ފައިސާ ޗާޕު ނުކުރާނެ ކަމަށާއި ފައިސާ ޗާޕުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެއްވެސް ހެވެއް އެދިގެން ނޫން ކަމަށެވެ.

"މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ. އިދިކޮޅު ފަރާތްތަކުން އެ އުޅެނީ އެއްވެސް ހެވެއް އެދިގެނެއް ނޫން. އަޅުގަނޑުމެން މިކުރާ މަސައްކަތުން މި ގައުމުގެ އިގުތިސޯދު ހަމަ މަގަށް އަޅުވައި ރައްޔިތުންނަށް މުއްސަނދިކަމާއި އުފާ ފާގަތިކަން ގެނެސްދޭނެކަން ސާފުކޮށް އެނގޭތީ އެކަމަށް ހުރަސް އަޅަނީ،" ރައީސް މުއިއްޒު ލިޔުއްވި އެވެ.

އަދަދު ނޫހަށް ލިބިފައިވާ ރައީސް ލިޔުއްވި ދެ ވަނަ މެސެޖުގައި ވިދާޅުވެފައި ވަނީ "މިހެން އަޅުގަނޑު ދަންނަވާފައި އޮއްވާ ފައިސާ ޗާޕްކޮށްފާނެ ކަމަށް ދޭހަވާ ގޮތަށް އެއްވެސް އެމްޕީއަކު އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް" ކަމަށެވެ.

މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަދި ފަހުވެސް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރީ ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުވެ، އިގުތިސޯދު ވެއްޓުމުންނެވެ.

އެ ހާލަތުގައި ވެސް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތަށް ފައިސާ ޗާޕުކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ހުރިހާ މައުލޫމާތެއް މަޖިލީހަށް ހިއްސާކުރުމަށް ފަހު އެވެ.

މިފަހަރު ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރަން އެމްއެމްއޭގެ ބޯޑުން ނިންމީ، މަޝްވަރާތަކާއި ދިރާސާތައް އެމްއެމްއޭގެ އެތެރޭގައި ވެސް އެކަށީގެންވާ މިންވަރަށް ނުކޮށް ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނެފައިވެ އެވެ. އެކަން އެމްއެމްއޭއިން މިހާތަނަށް ގޮތެއް ނުކުރެ އެވެ.

އެމްްއެމްއޭގެ އަމިއްލަ ފައިސާގެ ގޮތުގައި ނެތް ފައިސާ ބޭނުންކޮށްގެން ހުޅުމާލެއިން ބިން ގަތުމަކީ އެ އިދާރާގެ ގާނޫނާ ހިލާފު, އަދި އިގުތިސޯދަށް ނުރައްކާ ބޮޑު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ގުޅޭ ލިޔުމެއް