Advertisement

އެމްޑީޕީގެ "ވިޔަފާރި ޕްލޭނަށް" އާންމުންގެ ހިޔާލު ދެކަފި

4 އޮކްޓޯބަރު 2024 - 13:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

-- އާޓްވޯކް: އިސްމާއިލް އިމްދާދު


އެމްޑީޕީގެ "ވިޔަފާރި ޕްލޭނަށް" އާންމުންގެ ހިޔާލު ދެކަފި

4 އޮކްޓޯބަރު 2024 - 13:53 0

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ބޮޑު އާމްދަނީއެއް ލިބެނީ ދައުލަތުގެ ބަޖެޓުންނެވެ. ކޮންމެ އަހަރަކު ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މެންބަރުންގެ އަދަދަށް ބެލައި، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ދޫކުރެ އެވެ. އެގޮތަށް ދޫކުރާ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ހޯދާ ޕާޓީތަކަށް ޖެހެނީ ކޮންމެވެސް ބަޔަކަށް ބަރޯސާވެ، ފަރުދުންނާއި ވިޔަފާރިތަކުން ފަންޑު ހޯދާށެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި ނިންމީ އެ ޕާޓީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްތަކެއް ކުރުމަށެވެ. އެޕާޓީގެ ގައުމީ މަޖިލީހުން ފާސް ކުރީ ވިޔަފާރި ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދައި އެމަގުން ކުރިއަށް ދިޔުމަށެވެ. ސިޔާސީ ޕާޓީތަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ޖާގަ ގާނޫނުން އޮތީ ދީފަ އެވެ.

އަވަށްޓެރި ގައުމުތަކާއި ޔޫރަޕް ގައުމުތަކުގައި ވެސް ވިޔަފާރި ކޮށްގެން ޕާޓީތަކަށް އާމްދަނީ ހޯދަ އެވެ. އެ މަގުން ރާއްޖޭގެ ޕާޓީތަކަށް ވެސް އާމްދަނީ ހޯދޭނެ ކަމަށް ބައެއް އާންމުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ދެކެ އެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި ޕާޓީތަކުން ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެމްޑީޕީން ދެކޭ ގޮތުގައި މާލީ މިނިވަންކަން ހޯދަން ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހޭ

އެމްޑީޕީން އިއްޔެރޭ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ސިޔާސީ ޕާޓީއެއް ހިންގަން "ވަރަށް ބައިވަރު" ފައިސާ ބޭނުންވާ ކަމަށާއި ނަމަވެސް މި ވެއަތުވެދިޔަ 19 އަހަރު މާލީ މިނިވަންކަމާއި ތަނަވަސްކަން އެމްޑީޕީއަށް ހޯދިފައިނުވާ ކަމަށެވެ.

"ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަގީގަތުގައި ވަރަށް ބައިވަރު ފައިސާ ބޭނުންވޭ. މިވަގުތު އަޅުގަނޑުމެންނަށް މިހާ ހިސާބަށް އާދެވުނުއިރު، 19 އަހަރުވެގެންދިޔައިރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ޕާޓީތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށް ބައެއް ވިޔަފާރި ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މާލީ ގޮތުން އެމްޑީޕީ މިނިވަން ވުމަށް ފައިސާ ހޯދަން އިތުރު ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ފައިނޭންޝަލީ އަސްލު އަޅުގަނޑުމެންނަށް މިނިވަނެއް ނުވެވޭނެ އަބަދުވެސް ކޮންމެވެސް ބައެއް ކައިރީ ސަލާން ޖަހައިގެން ލާރި ހޯދައިގެން ޕާޓީއެއް ހިންގަން ޖެހޭ ކަމަށް ވަންޏާ. އަބަދުވެސް ކޮންމެވެސް ފައިސާވެރިއެއްގެ އަތްދަށުވެފައި އަޅުގަނޑުމެން ތިބެން ޖެހޭނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުޑަ ހުވަދޫ ދާއިރާގެ ރައީސް ޝާތިރު ވިދާޅުވީ ސިޔާސީ މަސައްކަތް ހިންގަން ކަނޑައެޅިފައި ހުރި ފައިސާ އެހެން ކަން ކަމަށް ހަރަދު ނުކޮށް ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް މިއަދު ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޕާޓީއަށް ލިބޭ ފައިސާއަކުން އަދި ލީޑާޝިޕުން މަސައްކަތް ކޮށްގެން ހޯދާ ފައިސާއަކުން ޕާޓީގެ ސިޔާސީ ކަންކަން ހިންގުން ހުއްޓުވާފައި އެހެން ކަންކަން ކުރުން އެއީ ރަނގަޅު ކަމެއް ނޫން. ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތްތައް ބަރާބަރަށް ހިނގަން ޖެހޭނެ،" ޝާތިރު ވިދާޅުވި އެވެ.

ތިރަފުށި ދާއިރާގެ ރައީސް އަންވަރު ވިދާޅުވީ މީގެ ކުރިން ވެސް މީހުންގެ ނަމުގައި އެކި އެކި ކަންކަން ކޮށްގެން ޕާޓީއަށް ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ކުރެވިފައި ކަމަށާއި ހަމަ އެއާ އެކީގައި ކްރައުޑް ފަންޑުގެ ނަމުގައި ވެސް ބައެއް ބޭފުޅުން ޕާޓީއަށް އާމްދަނީ ހޯދަން މަސައްކަތް ކުރާނެ ވާހަކަ ކުރިން ބުނި ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ސައި ހޮޓާތައް ވެސް ބައެއް ބޭފުޅުންގެ ވިޔަފާރީގެ ތެރޭގައި ހިމަނައިގެން ޕާޓީއަށް އެއްޗެއް ލިބޭ ގޮތަށް ވެސް ކުރެވިއްޖެ. ނަމަވެސް އެކަހަލަ ކަންތައްތަކަކީ މި ޒަމާނުގައި، ސައި ހޮޓާތަކަކީ އަޅުގަނޑުމެން ޕާޓީ މެންބަރުން ވެސް ވަރަށް ގިނައިން ހިންގާ ތަންތަން ކަމަށް ވެފައި، އެކަހަލަ ކުދި ކުދިން ވިޔަފާރި ތެރެއަށް ވަނުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ،" އަންވަރު ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ ރައީސް އިބްރާހިމް ނާފިޒު ވިދާޅުވީ ޕާޓީ ހިންގައި، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ފައިސާ ހޯދަން އިމާރާތް ކުރުމާއި ކުއްޔަށް ދިނުމުގެ ވިޔަފާރިއަށް ދާން ތާއީދުކުރާ ކަމަށާއި ވީ އެންމެ އަވަހަށް އެކަން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީން ވިޔަފާރި ކުރުން ބައެއް މީހުން ދެކޮޅު، އެކަމަކު ބައެއް މީހުންނަށް އެކަން ކަމުދޭ

އެމްޑީޕީއަށް ލިބިފައި އޮތް ހައްގުގެ ދަށުން ވިޔަފާރީގެ ތެރެއަށް ވަންނަން މަސައްކަތް ކުރާތީ ބައެއް އާންމުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އެންމެ އަޑު ހަރުކޮށް ފާޑު ކިޔަމުން ދަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންނެވެ.

މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މަސައްކަތަކީ ސިޔާސީ މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ ވިޔަފާރީގެ ގޮތުން ކުރާ މަސައްކަތެއް ނޫނެވެ.

"ކޯޕަރޭޝަނެއް ފަދަ ނަފާ ހޯދުމުގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ގާނޫނުގައި ހިމެނޭ ކަމެއް ކަމުގައި ދެކިގެން ނުވާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ އެހެން ބައެއް ޕާޓީތަކުގެ ފައިސާއިން ސިޔާސީ ހަރަކާތް ހިންގުމުގެ “ވަގުތީ ކަންފަސޭހަ މަގަށް” އެމްޑީޕީ ދީލި ހުސްވާތަން ފެނުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށެވެ.

"ފިކުރާ އުއްމީދާ ތަސައްވުރެއް ވިއްކާނެ ނެތިއްޔާ، ދެން ޖެހޭނީ ތާއީދުވެސް ފައިސާއަށް މާރުކުރަން،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭގެއިތުރުން ޑިމޮކްރެޓްސްގެ ނައިބުރައީސް އައިޝަތު އަލައިކާ އަދުނާން ވިދާޅުވީ ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަން ޖެހޭނީ ސިޔާސީ ކަންކަމުގައި ކަމަށް ބުނެފައިވާއިރު އޭގެ ބޭރުން އެމްޑީޕީން އަމަލު ކުރަން އުޅޭ ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުން އާންމުންނަށް ހިދުމަތް ކުރުމަށްވުރެ ވިޔަފާރިއަށް އިސްކަން ދިނުން ބަލައި ނުގަނެވޭނެ ކަމަށާއި އެމްޑީޕީން އެ ޕާޓީގެ އަސާސްތައް ހިފަހައްޓަން ޖެހޭ ކަމަށް ބވެސް އަލައިކާ ވިދާޅުވި އެވެ.

ބައެއް އާންމުންގެ ކަންބޮޑުވުމަކީ ވިޔަފާރިވެރިން ވެސް ސިޔާސީ ޕާޓީތައް ހިންގުމެވެ. އެގޮތުން އެ ޕާޓީތަކުން ވެސް ވިޔަފާރީގެ ތެރެއަށް ވަދެފާނެތީ އެވެ. ނަމަވެސް ޕާޓީތަކުން ވިޔަފާރި ކުރުމަކީ ރަނގަޅު ކަމެއް ގޮތުގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ އެ ޕާޓީގެ އެންމެ ފުރަތަމަ ގައުމީ މަޖިލީހަށް ވިޔަފާރި ކުރުމުގެ ހިޔާލު ހުށަހެޅުއްވި ކަމަށާއި އެ ހިޔާލާ ދެކޮޅު ހެއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އެމްޑީޕީއަށް ފަންޑު ކުރާ ވިޔަފާރި ވެރިން އެ ޕާޓީގެ މައްޗަށް ވެރިވެގަތުން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

އެހެން ބައެއް ގައުމުތަކުގައި ޕާޓީތަކުން ވިޔަފާރި ކުރޭ

ބޭރުގެ ގިނަ ގައުމުތަކުން ޕާޓީތަކަށް ފައިސާ ހޯދުމަށް ވިޔަފާރި ކުރެ އެވެ. ޕާޓީތަކުން އެކި ކަންކަމަށް އިންވެސްޓު ކޮށްގެން ވެސް އާމްދަނީ ހޯދަ އެވެ. ނަމަވެސް ވިޔަފާރިތައް ކުރަނީ އުސޫލެއްގެ ތެރެއިން ވަކި ވިޔަފާރިތަކަށެވެ.

އަވަށްޓެރި އިންޑިއާގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންސީ) އާއި ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ފައުންޑޭޝަންތައް ހަދައިގެން ވިޔަފާރިތަައް ހިންގާ އިރު ވިޔަފާރިވެރިންގެ އަތުން ވެސް ފައިސާ ހޯދަ އެވެ. އެކި މަޝްރޫއުތަކަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި އެ ދެ ޕާޓީން އިންވެސްޓު ވެސް ކުރެ އެވެ.

އެ ދެ ޕާޓީން ވެސް ވިޔަފާރި ކުރަނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. އިންޑިއާގައި ޕާޓީތަކުން ރިއަލް ސްޓޭޓް ވިޔަފާރިތަކާއި މީޑިއާތަކަށް އިންވެސްޓު ކޮށްފައި އެބަ ހުއްޓެވެ. އެ ކުރާ އިންވެސްޓްމެންޓް ތަކުން އާމްދަނީ ވެސް ލިބިފައި އެބަ ހުއްޓެވެ.

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީން ވެސް ވިޔަފާރި މޮޑެލްއަކުން އާމްދަނީ ހޯދަ އެވެ. އެ ޕާޓީއާ ގުޅިފައިވާ ކޯޕަރޭޓިވް ޕާޓީން ވެސް އެކި ކަންކަމަށް އިންވެސްޓުކޮށް އާމްދަނީ ހޯދަ އެވެ. އެ ލިބޭ އާމްދަނީން ޕާޓީގެ އެކި ކަންކަމަށް ހަރަދު ވެސް ކުރެ އެވެ. ނަމަވެސް ވިޔަފީގައި ޝާމިލުވެ ފައިދާ ހޯދުމަށް ލިމިޓްތަކެއް އޮވެ އެވެ.

އޭގެއިތުރުން ހަންގޭރީ، ކެމްބޯޑިއާ، މެލޭޝިއާ އަދި މެކްސިކޯގެ ޕާޓީތަކުން ވެސް އާމްދަނީ ހޯދުމަށް ވިޔަފާރި ކުރެ އެވެ. ޖުމްލަ ގޮތެއްގައި އެ ހުރިހާ ޕާޓީތަކަށް ވެސް ވިޔަފާރި ކުރުމަށް ހުއްދަ ދީފައި ވަނީ ވަކި އުސޫލެއްގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކުރުމަށެވެ.

ޕާޓީތަކުން ވިޔަފާރި ކުރުން އިލެކްޝަންސް ކޮމިޝަނަށް ރަނގަޅު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "އަދަދު" އަށް ވިދާޅުވީ އެމްޑީޕީގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ވިޔަފާރި ކުރުން އެއްވެސް ގާނޫނަކާއި ގަވާއިދަކުން މަނާ ނުކުރާ ކަމަށާއި އެކަމަށް އިލެކްޝަންސްގެ ހުރަހެއް ނޯންނާނެ ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީގައި އޮންނަ ގަވާއިދުތަކުގެ ތެރެއިން އެމީހުންނަށް އެކަން ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ. އެއްވެސް ގާނޫނަކުން، ގަވާއިދަކުން މަނަލެއް ނުކުރޭ ސިޔާސީ ޕާޓީއަކަށް ވިޔަފާރި ކުރުމެއް،" ފުއާދު ވިދާޅުވި އެވެ.

ޕާޓީތައް މާލީގޮތުން ބާރުވެރިވެ ކުރިއަރައިގެން ދިޔުމަކީ އިލެކްޝަންސް ކޮމިޝަންގެ އެދުމަކަށް ވާނެކަން ފާހަގަ ކުރައްވާ ފުއާދު ވިދާޅުވީ އެކަން ކުރެވެން އޮތް މަގުތައް ހޯދައިގެން ކުރިއަށް ދިޔުމަށް އެދޭ ކަމަށެވެ.

--

މާލީ ގޮތުން ސިޔާސީ ޕާޓީތައް މިނިވަން ވުމަށް ވިޔަފާރި ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު އެކަމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަނުން ވެސް ބުނެ އެވެ. އެހެން ކަމުން އެމްޑީޕީން މާލީ ގޮތުން ބާރުވެރިވުމަށް އުސޫލުތަކުގެ ތެރެއިން ވިޔަފާރި ކުރުމަކީ އެ ޕާޓީގެ ކުރިއެރުމަށް ކުރެވިދާނެ ކަމެކެވެ.

ރާއްޖޭގައި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވިޔަފާރީގެ ތެރެއަށް ވަދެގެން ދުވަހަކު ވެސް މަސައްކަތް ކުރި ބަޔަކަށް ނުވާއިރު ވަކި އިމެއްގެ ތެރެއިން އެކަން ކުރުމަކީ އޮތް ހުރަހަކަށް ވެސް ވެގެން ނުވާނެ އެވެ.