3 އޮކްޓޯބަރު 2024 - 11:30 1
މުހައްމަދު ޝަހްޒާން
ކުރީގެ ޕީޖީ އަހުމަދު މުއިއްޒު: އޭނާ ވިދާޅުވީ ކުންފުންޏާ ބެހޭ ގަވާއިދުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ އޭގެ ދަށުން ހަދަންޖެހޭ ގަވާޢިދު އެކުލަވައިލުމުން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
3 އޮކްޓޯބަރު 2024 - 11:30 1
މިއަހަރުގެ ޖެނުއަރީ 1، ގައި އަމަލު ކުރަން ފެށި ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތައް އަދިވެސް އެކުލަވާލައިފައި ނުވުމުން، އިކޮނޮމިކް މިނިސްޓަރީގެ ގާބިލު ކަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލު ކުރަމުންދާ ކުންފުނިތަކުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް އެކުލަވައިލައި ހިންގަން ޖެހޭނީ ރަޖިސްޓްރާ އެވެ. އެ ގަވާއިދުތައް، ގާނޫނަށް އަމަލު ކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކުލަވައިލައި އާންމު ކުރަންޖެހޭނެ ކަމަށް ކުންފުނިތަކާ ބެހޭ ގާނޫނުގެ 247 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.
މިދިޔަ މާޗު މަހުގެ 31 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެކަމާ ކަންބޮޮޑުވުން ފާޅުކޮށް އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދު އެކުލަވައިލަންޖެހޭ މުއްދަތު ހަމަވެގެން ދިޔަތާ އެތައް ދުވަހެއް ވީއިރު، ވެސް އެކަން ނުވެ އޮތުމަކީ މިނިސްޓަރީގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ކުންފުނީގެ ގަވާއިދާ ނުލައި، އެ ގާނޫނުގެ ފޮނި މީރުކަން އާންމުންނަށް ނުލިބޭނެ އެވެ. މިއީ ކަމާބެހޭ މިނިސްޓަރީގެ ގާބިލުކަމާ މެދު ސުވާލު އުފެދެން މެދުވެރިވާ ސަބަބެކެވެ," މުއިއްޒު ވިދާޅުވި އެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރި ޝަހުސެއްގެ ގޮތުގައި ކުންފުނި އުފައްދައި ކުންފުނި ރެޖިސްޓަރީ ކުރުމާއި ކުންފުނި ހިންގުމާއި ކުންފުނި އުވައިލުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެކުލަވައިލަން ޖެހެ އެވެ.
އަދި، ކުންފުނި ރެޖިސްޓަރީ ކުރުމާއި ހިންގުމާއި އުވައިލުމުގައި އާންމު، ފަސޭހަ ފަހި ޝަރުތުތަކާއި އިލްތިޒާމުތައް ކަނޑައެޅުމާއި އިގުތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަ ކަމާއި ޔަގީންކަން ކަށަވަރު ކޮށްދިނުމުގެ ބޭނުމުގައި ކުންފުނިތަކުގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އިތުރުން އާންމު ކުރުމާ ބެހޭ އުސޫލުތައް އެ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހެ އެވެ.
މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދު ހެދުމަށް ލިބިފައިވާ މުއްދަތު ކުރުކަމަށް ދެކޭ ނަމަ އެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުން މުހިންމު ކަމަށެވެ.
Comment