އޮކްޓޯބަރު 3، ގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އިންތިޒާމް ކުރި މުޒާހަރާ ރޫޅާލުމަށްޓަކައި ބާރުގަދަ އަޑެއް ބޭނުން ކުރުމުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ.
އެ މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ބޭނުން ކުރީ އެމެރިކާގެ ޖެނަސިސް ކުންފުނިން އުފައްދާ LRAD 100X އެވެ. އެ ބޭނުންކޮށްގެން ފުލުހުން ފޮނުވީ އެމަޖެންސީ ހާލަތްތަކުގައި އިއްވާ ފަދަ ތޫލި އަޑެކެވެ.
މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނާ ގޮތުން އަޑުގެ ސަބަބުން އުނދަގޫވެގެން ވަރަށް ގިނަ ބަޔަކު އެ ސަރަހައްދު ދޫކޮށް ދިޔަ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން ވެސް ކަންފަތް ބައްވެފައި ހުރި ކަމަށް ބައެއް މީހުން ބުންޏެވެ.
ބާރުގަދަ އަޑާއި ފުލުހުން ބޭނުން ކުރާ މުގުރާއި ޕެޕާ ސްޕްރޭ ފަދަ އެހެން ހަތިޔާރަކީ ފުލުހުންގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެއްޗެވެ. ބޭނުން ކުރެވޭނެ ހަތިޔާރާއި އެ ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތާއި ގޮތްތައް ވަރަށް ސާފުކޮށް ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ.
ގަވާއިދުގެ ތެރެއިން ހަތިޔާރު މާނަ ކުރުން
ފުލުހުން ހަތިޔާރު ގެންގުޅުމުގެ ހަމަތައް ބަޔާންކޮށްފައި ވަނީ "ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުން ކުރުމުގެ ގަވާއިދު" ގަ އެވެ.
ފުލުހުންގެ ގަވާއިދުން ބާރު ލިބިގެން ހަދާފައިވާ އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހުންނަށް ބޭނުން ކުރެވޭނީ ފަޔާ އާމްސް އާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ ހަތިޔާރެވެ. އަދި އެއީ ހަތިޔާރު އަމާޒުވާ މީހާގެ ފުރާނައަށް ގެއްލުން ނުވާނެ ގޮތަކަށް ފަރުމާކޮށްފައިވާ ހަތިޔާރަކަށް ވެސް ވާންޖެހެ އެވެ.
ފުލުހުން ބޭނުން ކުރާ ހަތިޔާރުގައި އެ ދެ އަސާސް ފުރިހަމަވުމުގެ އިތުރުން، އެ ހަތިޔާރަކީ "ހުޅުވިފައިވާ ޑިމޮކްރަޓިކް ގައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތުގެ ލެސްލީތަލް" ހަތިޔާރަކަށް ވާންޖެހެ އެވެ.
ފުލުހުންނަށް ބޭނުން ކުރެވޭނެ ލެސްލީތަލް ހަތިޔާރު
- ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު އެކުލެވިގެންވާ ގޭސް، ލިކުއިޑް، ސްޕްރޭ ނުވަތަ ޕައުޑަރު
- މުގުރު
- ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ޓޭޒާ)
- އެންޓި-ރަޔަޓް ހަތިޔާރު
- މި ނޫންވެސް، މީހަކު ނުވަތަ ގިނަ ބަޔަކު ހިންގާ ކުށުގެ އަމަލެއް ނުވަތަ އަމަލުތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ބޭނުންކުރުމަށް ތައްޔާރުކޮށް، ބޭނުންކުރާ ޒަމާނީ ހަތިޔާރުތައް
އޮޕަރޭޝަނަލް މެނުއަލްއެއް ހެދުން
ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހުންނަށް އެއްވެސް ހަތިޔާރެއް ބޭނުން ކުރެވޭނީ އޮޕަރޭޝަނަލް މެނުއަލްއެއް އޮންނަން ޖެހޭނެ އެވެ. އެއީ ގަވާއިދަށް އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލަންޖެހޭ އެއްޗެކެވެ. އެ އޮޕަރޭޝަނަލް މެނުއަލްގައި، ހާލަތާ ގުޅޭ ގޮތުން ބާރުގެ ބޭނުން ކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައި އޮންނަންޖެހެ އެވެ.
ހަތިޔާރު ދަަރަޖަވެގެންވާ ގޮތް
ފުލުހުން ގެންގުޅޭ ހަތިޔާރު ދަރަޖަކޮށްފައި ވަނީ ދެ ބަޔަކަށެވެ. އެއީ ފްރަންޓްލައިން ފުލުހުން ބޭނުން ކުރާނެ ހަތިޔާރާއި ފުލުހުންގެ ސްޕެޝަލިސްޓު ޓީމުތަކުން ބޭނުން ކުރާނެ ހަތިޔާރެވެ.
ފްރަންޓްލައިން ފުލުހުންނަށް ބޭނުން ކުރެވޭނެ ހަތިޔާރު
- މުގުރު
- ޕެޕާ ސްޕްރޭ ނުވަތަ އެ ނޫންވެސް އެފަދަ ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ހުންނަ ލެސްލީތަލް ހަތިޔާރު
ސްޕެޝަލިސްޓު ޓީމުތަކަށް ބޭނުން ކުރެވޭނެ ހަތިޔާރު
- ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓައިލުމަށް ބޭނުންކުރާ އާލަތްތައް
- ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ޓޭޒާ)
- ޕެޕާ ޕިސްޓަލް އަދި މި ނޫނަސް ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ހުންނަ އޮލަދުމާއި ގޭހާއި ލިކުއިޑް ނުވަތަ ޕައުޑަރު
- ގަދައަލި
- ބާރުއަޑު
- ދުން އެކުލެވޭ ލެސްލީތަލް ހަތިޔާރު
- އެންޓި-ރަޔަޓް ހަތިޔާރުތައް
ހަތިޔާރު ހަވާލު ކުރެވޭ ފުލުސް މީހާގެ ހުންނަންޖެހޭ މިންގަނޑުތައް
ހަތިޔާރާ ބެހޭ ގަވާއިދުގައިވާ ގޮތުން ހަތިޔާރު ހަވާލު ކުރެވޭ ފުލުސް މީހާގެ ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެ އެވެ. އަދި ހަތިޔާރު ހަވާލު ކުރެވޭ މީހާގެ އަދާ ކުރަންޖެހޭ ޒިންމާތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ހަތިޔާރު ހަވާލު ކުރެވޭ ފުލުސް މީހާގެ ޝަރުތު
- އެ ހަތިޔާރެއް ބޭނުންކުރުމުގެ ތަމްރީނަކުން ފާސްވެފައިވާ ފުލުހަކަށްވުން
- ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ގޮތުން އިގްރާރެއްގައި ސޮއިކުރުން
- ކަނޑައެޅޭ ވަކި މުއްދަތެއްގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ތަމްރީނުގެ ތާޒާކުރުމުގެ ޕްރޮގްރާމްތައް، ހަތިޔާރު ހަވާލުކޮށްފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ
ހަތިޔާރު ގެންގުޅެންޖެހޭ ގޮތް
- ހަތިޔާރު ގެންގުޅެންޖެހޭނީ ސަލާމަތާއި ރައްކާތެރިކަމާއެކީ
- ހަތިޔާރު ސާފުކޮށް ބެލެހެއްޓުމަށް ނުވަތަ ތަމްރީނުތަކުގައި ބޭނުން ކުރުމަށް ނޫން ގޮތަކަށް ހަތިޔާރު ނަގަންޖެހޭނީ، އެ މީހަކު ގާނޫނީ ގޮތުން ހަތިޔާރު ނަގަންޖެހޭ ފަދަ ހާލަތެއްގައި އެކަނި
- ހަތިޔާރު ބޭނުންކުރުން ހުއްދަ ކަމަށް ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އެއްވެސް މީހަކާ ދިމާއަށް ހަތިޔާރު ދިއްކޮށްގެން ނުވަތަ އަމާޒުކޮށްގެން ނުވާނެ
- އެއްވެސް ފުލުހަކު، އެ މީހަކާ ހަވާލުކޮށްފައިވާ ހަތިޔާރެއް ނުވަތަ ހަތިޔާރުގެ ބައެއް އެހެން އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ހަވާލުކުރަންވާނީ ހަތިޔާރު ހަވާލުކުރެވޭނެ ކަމަށް ފުލުހުން ކަނޑައަޅައިފައިވާ ފަރާތަކަށް އެކަނި
- ހަތިޔާރު ބޭނުންކުރުން ހުއްދަކޮށްފައިވާ ފުލުހަކަށް ނޫނީ އެއްވެސް ގޮތެއްގައި ހަތިޔާރުގެ ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެ
ހަތިޔާރާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން، ހަތިޔާރު ގެންގުޅެ ބެލެހެއްޓުމާއި ޑިއުޓީތަކުގައި އުޅޭ ފަރާތްތަކަށް ހަތިޔާރު ދޫކުރުމާއި ހަތިޔާރު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކޮށްފައިވާ އުސޫލެއް ތިން މަސްދުވަސް ތެރޭ ހަދަންޖެހޭނެ އެވެ.
ހަތިޔާރު ބޭނުން ކުރެވޭ ހާލަތްތައް
ފުލުހުންނަށް ހަތިޔާރު ބޭނުން ކުރެވޭނެ ހުރިހާ ހާލަތްތަކެއް ހަތިޔާރާ ބެހޭ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ ނޫން ހާލަތެއްގައި ފުލުހަކު ހަތިޔާރު ބޭނުންކޮށްފި ނަމަ އެ ކުރެވެނީ ގާނޫނާ ހިލާފު އަމަލެކެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން މުޒާހަރާ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ވެސް ހަތިޔާރު ބޭނުން ކުރެވިދާނެ އެވެ. އެކަމަކު މުޒާހަރާއެއްގައި ހަތިޔާރު ބޭނުން ކުރާ ނަމަ އެ މުޒާހަރާއަކީ ގާނޫނާ ހިލާފު މުޒާހަރާއަކަށް ވާންޖެހޭނެ އެވެ.
ފުލުހުންނަށް ހަތިޔާރު ބޭނުން ކުރެވޭނެ ހަމައެކަނި ހާލަތްތައް
- ވަކި މީހަކު ނުވަތަ ބަޔަކު ކުރަމުންދާ އަމަލެއްގެ ސަބަބުން، އެހެން މީހެއްގެ ނުވަތަ ބައެއްގެ ފުރާނަޔަށް ނުވަތަ މުދަލަށް ނުރައްކާވުން ނުވަތަ ނުރައްކާވެދާނެ ކަމަށް ގަބޫލު ކުރެވުން، ނުވަތަ އެފަދަ އަމަލެއް ހިންގައިފާނެކަމަށް ބެލެވޭ ފަރާތެއް ހައްޔަރުކުރުމަށް ހަތިޔާރު ބޭނުންކުރުން ފިޔަވައި އެހެން ގޮތެއް ނެތްކަމަށް ބެލެވުން
- ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހަކު ގަދަފަދަކަން ދެއްކުމުގެ ސަބަބުން ނުވަތަ ދެކޮޅުވެރިކަން ދެއްކުމުގެ ސަބަބުން އެ މީހަކު ހިފެހެއްޓުމުގައި ނުވަތަ ކިޔަމަންތެރި ކުރުވުމުގައި ފުލުސް އޮފިސަރަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން
- މީހަކު ނުވަތަ ބަޔަކު ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެ މީހަކާ ނުވަތަ ބަޔަކާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހަތިޔާރު ބޭނުންކުރަންޖެހޭ ސަބަބެއް އޮތް ކަމަށް، ހަތިޔާރު ބޭނުންކުރާ ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވުން
- ލެސްލީތަލް ހަތިޔާރެއް އެ ފުލުހެއްގެ އަތުގައި އޮތް ހާލަތެއްގައި، އެ ފުލުސް އޮފިސަރަށް މީހަކު ނުވަތަ ބަޔަކު ޖިސްމާނީ އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއްވާ ފަދަ ކަމެއް ކުރުން، ނުވަތަ ކުރަން އުޅޭކަމަށް ބެލެވިގެން އެ ކަމުން ސަލާމަތްވުމަށް
- އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން އެހެން މީހެއްގެ ފުރާނަޔަށް ނުވަތަ ބައެއްގެ ފުރާނަޔަށް ނުރައްކާވާ ފަދަ ހާލަތެއްގައި އެ ހާލަތަކުން އެ މީހަކު ނުވަތަ ބަޔަކު ސަލާމަތްކުރުމަށް
- ގިނަ އަދަދެއްގެ ބަޔަކުވެގެން ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއްގެ ސަބަބުން ނުވަތަ ގަވާއިދާ ހިލާފު އަމަލުތަކެއްގެ ސަބަބުން އެ ތަނެއްގެ އާންމު މަސްލަހަތު ގެއްލިދާފަދަ ކަމެއް ދިމާވުން ނުވަތަ މިއިން ކަމެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން
- ފުލުހުންނާ ދެކޮޅަށް މީހަކު ނުވަތަ ބަޔަކު ހަތިޔާރު ބޭނުންކުރުން ނުވަތަ ބޭނުންކޮށްފާނެ ކަމަށް ގަބޫލުކުރެވުން
- ހޮސްޓޭޖްކުރުމާއި ރަހީނުކުރުމުގެ އަމަލެއް ނިމުމަކަށް ގެނައުމަށް
- ޓެރަރިޒަމްގެ އަމަލެއް ހުއްޓުމަކަށް ގެނައުމަށް
- ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތަކާއި މުޒާހަރާތައް ނުވަތަ އެ ނޫނަސް އެފަދަ ގާނޫނާ ހިލާފު އެއްވުމުގެ ހަރަކާތްތައް ހަތިޔާރު ބޭނުންކޮށްގެން ނޫނީ ނުހުއްޓުވޭނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން، އެފަދަ ހަރަކާތެއް ހުއްޓުވުމަށް
ހަތިޔާރު ބޭނުން ކުރުމުގެ ކުރިން އިންޒާރު ދިނުން
- ހަތިޔާރު ބޭނުންކުރުމުގެ ކުރިން، އަންނަނިވި ފަދައިން އިންޒާރު ކުރަންޖެހޭ
- ގާނޫނީ ގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްތެރިވުން؛
- ހަތިޔާރު ބޭނުންކުރާނެކަމާއި، ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެއްބާރުލުން ނުދިން ފަރާތަކުންކަން އަންގައި އިންޒާރު ކުރުން؛
- ހަތިޔާރު ބޭނުންކުރުމުގެ ކުރިން "ހަތިޔާރު ބޭނުންކުރަނީ" މިހެން ބުނުން.
2. މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވޭ މީހާ ކުރަމުންދާ އަމަލެއްގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެކަމުގެ ކުއްލި ހާލަތެއް އޮތް ނަމަ، "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް އެއް ފަހަރު އިއްވައި އިންޒާރު ކުރުމާއެކު
3. މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ މީހާގެ ސަބަބުން އެ ވަގުތު އެ މީހާގެ ފުރާނަޔަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް އޮތް ނަމަ، ނުވަތަ އެ ވަގުތު ހަތިޔާރު ބޭނުން ނުކޮށްފި ނަމަ، އެ ހާލަތުގައި އެ މީހެއްގެ އަމަލު ނުހުއްޓުވޭނެ ކަމަށް ބެލެވޭ ނަމަ، އިންޒާރު ދިނުމަކާނުލައި ހަތިޔާރު ބޭނުންކުރެވިދާނެ
ގަވާއިދުގައި ބުނާ ގޮތުން، ވަކި ހަތިޔާރެއް ބޭނުން ކުރުމުގެ ކުރިން ހާއްސަ ގޮތަކަށް އަމަލު ކުރަންޖެހޭ ނަމަ، އެފަދަ ހަތިޔާރެއް ބޭނުން ކުރުމުގެ ކުރިން އަމަލު ކުރަންޖެހޭ ގޮތާއި އިންޒާރު ކުރަންޖެހޭ ގޮތުގެ މެނުއަލްއެއް އެކުލަވައިލަންޖެހެ އެވެ.
ހަތިޔާރު ބޭނުން ނުކުރެވޭ ހާލަތްތައް
ހަތިޔާރާ ބެހޭ ގަވާއިދުގައި، ހަތިޔާރު ބޭނުން ނުކުރެވޭނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، އެ ބުނާ ހާލަތްތަކުގައި ފުލުހުންނަށް ހަތިޔާރު ބޭނުން ކުރުމަކީ ހުއްދަ ކަމަކަށް ނުވާނެ އެވެ.
ހަތިޔާރު ބޭނުން ނުކުރެވޭނެ ހާލަތްތައް
- އެއްވެސް މީހަކަށް އިންޒާރުކުރުމުގެ ގޮތުން ނުވަތަ ބިރުދެއްކުމުގެ ގޮތުން
- ބުއްދި ފިލައިގޮސްފައިވާ މީހަކާ ދެކޮޅަށް
- ބިޑިއަޅުވައިފައި ހުރި މީހަކާ ދެކޮޅަށް
- އެއްވެސް މީހަކާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން މަގުސަދު ހާސިލު ނުވާނެކަން ކަނޑައެޅިގެން އެނގޭ ނަމަ، އެފަދަ ހާލަތެއްގައި ހަތިޔާރު ބޭނުންކޮށްގެން ނުވާނެ
ލެސްލީތަލް ހަތިޔާރު ބޭނުން ކުރުން
ހަތިޔާރު ބޭނުން ކުރެވޭ ހާލަތާއި ބޭނުން ނުކުރެވޭ ހާލަތްތަކުގެ އިތުރުން، ފުލުހުންނަށް ލެސްލީތަލް ހަތިޔާރު ބޭނުން ކުރަންޖެހޭނެ އުސޫލުތައް ވެސް ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ.
- ލެސްލީތަލް ހަތިޔާރުގެ ބަދަލުގައި ފުރަތަމަ ބޭނުން ކުރަންޖެހޭނީ ދިލަނެގުމާއި ކެރުމުގެ އަސަރު ގޭސް، ލިކުއިޑް ނުވަތަ ޕައުޑަރު
- އެއްވެސް މީހަކާ ދެކޮޅަށް ލެސްލީތަލް ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކު ހައްޔަރު ކޮށްފި ނަމަ، އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ސަބަބުން އެ މީހަކަށް ވަގުތީ ގޮތުން ކުރިމަތިވެފައިވާ ތަދު ނުވަތަ ދިލަނެގުމުގެ ނުވަތަ ކެރުމުގެ އަސަރު ކުޑަކުރުމަށް އެ ހިނދަކަށް ދޭންޖެހޭ ވަގުތީ ފަރުވާ ދޭންޖެހޭ
މުގުރު ބޭނުން ކުރުމާއި މުގުރު ބޭނުން ކުރެވޭނެ ގޮތް
ފުލުހުން ބޭނުން ކުރާ ހަތިޔާރުތަކުގެ ތެރެއިން، އެ ހަތިޔާރެއް ބޭނުން ކުރެވޭނެ ގޮތް އެންމެ ތަފުސީލުކޮށް ބަޔާންކޮށްފައިވާ އެއް ހަތިޔާރަކީ މުގުރެވެ. މުގުރުން ޖަހަންވާ ގޮތާއި ޖަހަންވާ ތަން، ގަވާއިދުގައި އޮތީ ބަޔާންކޮށްފަ އެވެ.
- މުގުރުން މީހަކު ގައިގައި ޖަހާނަމަ، ފުރަތަމަ ޖަހަންވާނީ، މުގުރުން ޖެހުމުގެ ސަބަބުން އެ މީހަކަށް ދާއިމީ ގެއްލުމެއް ނުލިބޭނެ ފަދަ ޕްރައިމަރީ ޓާގެޓް އޭރިއާތައް ކަމަށްވާ ގައިގެ މަސްތައް ގިނަ ހިސާބުތައް
- ޕްރައިމަރީ ޓާގެޓުގައި ޖެހުމުން ވެސް ކިޔަމަންތެރި ނުވެއްޖެ ނަމަ، ދެން ޖެހޭނީ، ސެކަންޑަރީ ޓާގެޓް އޭރިއާ ކަމަށްވާ، ހަށިގަނޑުގެ މަސްތައް މަދު، ކަށިގިނަ ތަންތަނާއި ހުޅުތަކު
- ހަތިޔާރު ބޭނުންކުރާ ފުލުސް އޮފިސަރުގެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ނުވަތަ އެ ނޫން ވެސް މީހެއްގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެ ނުރައްކަލެއް ކުރިމަތިކުރުވާ މީހަކު ހުއްޓުވުމަށްޓަކައި ފައިނަލް ޓާގެޓް ކަމަށްވާ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް މުގުރުން ޖެހިދާ
- އެއް ތަނެއްގައި، އެއް ވަގުތެއްގައި ތިބި ގިނަ އަދަދެއްގެ ބަޔަކާ ދެކޮޅަށް މުގުރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި، ޕްރައިމަރީ ޓާގެޓާއި ސެކަންޑަރީ ޓާގެޓް ފާހަގަކޮށް މުގުރުގެ ބޭނުންކުރެވެން ނެތް ހާލަތެއްގައި ވެސް ފައިނަލް ޓާގެޓަށް މުގުރު އަމާޒުކޮށްގެން ނުވާނެ. ނަމަވެސް، އެފަދަ ހާލަތެއްގައި ފައިނަލް ޓާގެޓަށް މުގުރު އަމާޒުވުމަކީ، ކަނޑައެޅިގެން ފައިނަލް ޓާގެޓުގައި މުގުރުން ޖެހީކަމުގައި ބަލައިގެން ނުވާނެ
- ހުރިހާ ހާލަތެއްގައި ވެސް މުގުރުން މީހެއްގެ ގައިގައި ޖަހަންޖެހޭނީ، އެ މީހެއްގެ ފުރާނައަށް ނުވަތަ އެއްވެސް ގުނަވަނަކަށް ދާއިމީ ގެއްލުމެއް ނުލިބޭ ފަދަ ގޮތަކަށް ބަލައިގެން
- މުގުރު ބޭނުންކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެގެން މުގުރު ބޭނުންކުރުމުގެ ސަބަބުން މީހަކަށް އަނިޔާއެއްވެއްޖެ ނަމަ، އެކަމާ ގުޅޭ ހާދިސާ ރިޕޯޓެއް ތައްޔާރުކޮށް، މުގުރު ބޭނުންކުރި ސަބަބާއި ތާރީހާއި ގަޑި އާއި މުގުރުގެ ބޭނުން ކުރި ފުލުސް މީހާގެ ނަމާއި ރޭންކު އެނގޭނެ ގޮތަށް، މުގުރު ބޭނުންކުރި އޮފިސަރު ސީދާ ރިޕޯޓުކުރާ ފަރާތުން ރިކޯޑުކޮށް ބަލަހައްޓަންޖެހޭ
ރަޔަޓް ހަތިޔާރު ބޭނުން ކުރުން
ގަވާއިދުގައި ބުނާ، ބަޔަކާ ދެކޮޅަށް ފުލުހުންނަށް އެންޓި ރަޔަޓް ހަތިޔާރު ބޭނުން ކުރެވޭނީ، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކުގައި އެކަންޏެވެ.
- އެންޓި-ރަޔަޓް ހަތިޔާރު ބޭނުންކުރަންވާނީ، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި ހިނގައިލުންތަކުގައި ނުވަތަ ގިނަ ބަޔަކު އެއްވެގެން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޓަކައި، ގިނަ ބަޔަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެކަނި
ފުލުހުން އަމަލު ކުރަންޖެހޭ އިތުރުން ކަންކަން އަދި ފުލުހުންގެ ޒިންމާތައް
ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމުގައި ފުލުހުން ހިފަހައްޓަންޖެހޭ އިތުރު އުސޫލުތަކާއި އުފުލަންޖެހޭ ޒިންމާތައް ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ. އޭގެ ތެރޭގައި ހަތިޔާރު ގެންގުޅުމަށް ޓްރެއިނިން ހެދުމާއި ތާޒާ ކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން ހިމެނެ އެވެ.
ހަތިޔާރު ބޭނުން ކުރުމަށްފަހު، އެކަން ތަފުސީލުކޮށް ރިޕޯޓު ކުރުމާއި އެ ހާދިސާގެ ރިޕޯޓެއް ހެދުމާއި ފުލުހުން ހަތިޔާރު ބޭނުން ކުރި ގޮތާއި ހާދިސާތައް ހިމެނޭ އަހަރީ ރިޕޯޓެއް ތައްޔާރު ކުރުން ހިމެނެ އެވެ.
އެގެ އިތުރުން، ފުލުހުން ޓޭޒާ ބަޑި ބޭނުން ކުރުމުގެ ވަކި އުސޫލެއް ވަނީ މިފަހުން އެކުލަވައިލާފަ އެވެ. އެ އުސޫލު ހެދީ ޓޭޒާ ބަޑި ބޭނުން ކުރެވޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރުމުންނެވެ. އެކަމަކު، ގަވާއިދުގައި ބުނެފައިވާ ގޮތަށް، ހަތިޔާރެއްގެ ގޮތުގައި ބާރުގަދަ އަޑު ބޭނުން ކުރުމުގެ އުސޫލެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.
ހަތިޔާރު ގުދަންކޮށްފައި ބެހެއްޓުމާއި ހަތިޔާރު ޓްރާންސްޕޯޓު ކުރުމުގެ އުސޫލުތަކާއި ހަތިޔާރެއް ނައްތައިލުމުގައި ފުލުހުން އަމަލު ކުރަންޖެހޭ އުސޫލުތައް ގަވާއިދުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި އޮވެ އެވެ.
Comment