3 އޮކްޓޯބަރު 2024 - 08:41 0
ލީވާން އަލީ ނާސިރު
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމިއްޔާތެއްގެ ތެރެއިން: ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް
3 އޮކްޓޯބަރު 2024 - 08:41 0
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ މައްސަލަ އަށް ހައްލު ހޯދަން މުވައްޒަފުންތަކެއް ސޮއިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ފިނޭންސް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑަށް ނުވަ އަހަރު ފުރި، 10 އަހަރު ވާން ކައިރިވެފައިވާއިރު ސިވިލް މުވައްޒަފަކަށް އެ އެލަވަންސް ލިބިފައި ނުވާތީ އެ ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
"ބަޖެޓް ނެތީއެއް ނޫން. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މާލީ ވުޒާރާއަށާއި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުަޒާރާއަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފޮނުވާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ނުވަ މިލިއަނާއި 11 މިލިއަނާ ދެމެދުގެ އަދަދަކަށް ކަރެކްޝަންސްގެ ބަޖެޓުން ކޮންމެ އަހަރަކު ބާކީވޭ،" ޕެޓިޝަންގައި ބުނެފައި އޮތެވެ.
ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑާއި މުޅިން ހިލާފަށް ޖަލުތަކުގައި ނިދުމާއި ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ޖަލު އޮފިސަރުން ހިމެނޭހެން، ހުރިހާ ޖަލު އޮފިސަރުންނަށް ހައުސިން އެލަވަންސް ލިބެމުންދާ ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންގެ އަދަދު 100 އަށް ނާރާއިރު އެ މުވައްޒަފުންނަށް ހައުސިން އެލަވަންސް ދިނުމަށް އަހަރަކު 2.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލިޔެ ކިޔުންތަކުން އެނގޭ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.
"މަދަނީ މުވައްޒަފުންނަށް ހައުސިން އެލަވަންސް ހަމަޖެއްސުމަށްޓަކައި މި ސާވިސްއިން ތައްޔާރުކުރާ އަހަރީ ބަޖެޓުގައި ފައިސާ ހިމެނި ކަމުގައި ވިޔަސް މާލީ ވުޒާރާއިން ކޮންމެ އަހަރަކު މި ފައިސާ ދަނީ ކަނޑަމުން،" ޕެޓިޝަންގައި ބުންޏެވެ.
ފިނޭންސުން އެ އެލަވަންސް ދިނުމަށް ދެކޮޅު ހަދަމުންދަނީ މުޅިން އަލަށް ދެވޭ އެލަވަންސެއް ކަމަށް ބުނެ، ޕޭ ހަމަނައިޒޭޝަން މަސައްކަތް ކުރިއަށްދާއިރު އިތުރު އެލަވަންސެއް އެއްވެސް މުވައްޒަފަކަށް ނުދިނުމަށް ކަމަށް ބުނި ނަމަވެސް، ޕެޓިޝަންގައި ބުނެފައި ވަނީ އެއީ އަލަށް ދެވޭ އެލަވަންސެއް ގޮތުގައި ނުބެލޭނެ ކަމަށެވެ.
Comment