Advertisement

ބައްސާމް ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ކުލަ ހެދުމުގައި ކޯޓަށް ހާޒިރުކޮށްފި

16 ނޮވެންބަރު 2025 - 12:05 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: އޭނާ ޖަލު ހެދުމުގައި ކޯޓަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި -- ފޮޓޯ: އަދަދު ފައިލް


ބައްސާމް ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ކުލަ ހެދުމުގައި ކޯޓަށް ހާޒިރުކޮށްފި

16 ނޮވެންބަރު 2025 - 12:05 1

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ޖަލު ހެދުން ލައިގެން ގޮޅިން ނިކުންނަން ދެކޮޅު ހެދުމުން، އޭނާ ކުލަ ހެދުމުގައި ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ މިއަދު ހެނދުނު 8:15 ގައި އޮތް ޝަރީއަތަށް ބައްސާމް ގޮޅިން ނިކުންނަން ދެކޮޅު ހެދީ ޖަލު ހެދުމުގައި ބިޑިއަޅުވައިގެން ކޯޓަށް ގެންދަން އުޅުމުން ކަމަށެވެ.

އެގޮތުން އޭނާ ހާޒިރުކުރަން އޮތް ގަޑިއަށްވުރެ ދެ ގަޑިއިރާއި 45 މިނެޓު ފަހުން، ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި ބިޑިއަޅުވައިގެން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުން ލައިގެން ބިޑިއަޅުވައިގެން. ބައްސާމް ހާޒިރުކުރީ ކުލަ ހެދުމުގައި. ބިޑިވެސް އަޅުވައިގެން،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން ގައިދީއަކު ދެކޮޅު ހަދާނަމަ، ބާރުގެ ބޭނުންކޮށްގެން އާންމުކޮށް އެ މީހަކު ހާޒިރުކޮށްފައެއް ނުވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ބައްސާމް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެނާގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މިއަދު އޮތް އަޑުއެހުން މިހާރު ނިމިފައިވާއިރު، އެ އަޑުއެހުމުގައި ބައްސާމް ވަނީ އޭނާގެ ވަކީލާ ބައްދަލުކުރަން ދަތިތަކެއް ދިމާވަމުންދާކަން ކޯޓުގައި ފާހަގަކޮށްފަ އެވެ. އެގޮތުން ކޯޓުން ވަނީ އެ އިންތިޒާމު ހަމަޖައްސަން ކަރެކްޝަންސްއަށް އަންގަފަ އެވެ.

ބައްސާމްގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ.

ދައުލަތުން ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.

ބައްސާމްގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަކީ އަދި އެކަށީގެންވާ ކަމެކެވެ.