Advertisement

ރޮބޯމޭން ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް

3 އޮކްޓޯބަރު 2024 - 17:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރޮބޯމޭން ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް

3 އޮކްޓޯބަރު 2024 - 17:45 0

ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ ކުޑަކުދިންނަށް ލިބުނު އެންމެ އުފާވެރި ހަބަރަކަށް ވެގެންދިޔައީ އެކުދިންގެ ހީރޯ ރޮބޯމޭންގެ ފިލްމު "ރޮބޯމޭން – ދަ މޫވީ" އޮލިމްޕަސް ސިނަމާގައި އެޅުވުމެވެ. ޒަމާންތަކަކަށްފަހު ކުޑަކުދިންނަށްވެސް އޮލިމްޕަހަށް ގޮސް ސިނަމާގައި ފިލްމެއް ބަލާލަން ދާން ފުރުސަތު ލިބިގެންދިޔައީ އެ ފިލްމާ އެކު އެވެ.

ސެޕްޓެމްބަރު 26، ގައި އެ ފިލްމު ރިލީޒްކުރުމާ އެކު އެ ފިލްމަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެގޮތުން ކުޑަކުދިންނެކޭ އެއްވަރަށް ބޮޑެތި މީހުންނަށް ވެސް އެ ފިލްމު ވަނީ ކަމުގޮސްފަ އެވެ.

އެހެންކަމުން އެ ފިލްމަކީ ހަމައެކަނި ކުޑަކުދިންގެ ފިލްމެކޭ މިހާރު ބުނެވޭކަށް ނެތެވެ. ރޮބޯމޭން – ދަ މޫވީ އަކީ ބޮޑެތި މީހުންގެ ވެސް ފިލްމެކެވެ. އަދި ރޮބޯމޭންއަށް ބޮޑެތި މީހުންގެ މެދުގައި ވެސް އޮތް މަގްބޫލުކަން ވަރަށް ސާފުކޮށް ފެނިގެންދެ އެވެ.

ރޮބޯ މޭން ފިލްމަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޯކޭޒް އިންކް އަދި މީޑިއާނެޓްގެ ވީޑިއޯކްލަބް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމު ބަލަން ދިޔަ ފަރާތްތަކުންދަނީ ފިލްމަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.

ރޮބޯމޭންއާއެކު އެ ފިލްމުގެ މައިރޯލުން ފެނިގެންދާ އަމީލިއާ އަދި މިޝާގެ އެކްޓިންގް އާއި ނެށުމުގެ ހުނަރުތައް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އެ ފިލްމުގައި މުޖުތަމައަށް ވަރަށް ފުރިހަމަ މެސެޖުތަޖެއްވެސް ވަނީ ދޫކޮށްލާފަ އެވެ. ހާއްސަކޮށް އާއިލީ ގުޅުންތަކުގެ މުހިންމުކަން ވަރަށް ފުރިހަމައަށް ގެނެސްދީފައިވެ އެވެ.

ރޮބޯމޭން ފިލްމު ބަލާލުމަށް ސެޕްޓެމްބަރު 30، ގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުވެސް ވަނީ ފިޔަވަތި ހިޔާގައި ތިބޭ ކުޑަކުދިންނާއެކު އޮލިމްޕަސް ސްކްރީނަށް ވަޑައިގެންފަ އެވެ. އެ ފިލްމުގެ ޝޯތައް އޮކްޓޯބަރު 5، އާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިލްމަށް ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބޭނެ ކަމަށާއި އެ ފިލްމު ބައެއް ރަށްރަށުގައި އެޅުވުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.