2 އޮކްޓޯބަރު 2024 - 11:49 0
ލީވާން އަލީ ނާސިރު
ޑީއައިސިސް މިނިސްޓީރިއަލް ބައްދަލުވުމުގެ ތެރެއިން: ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
2 އޮކްޓޯބަރު 2024 - 11:49 0
އިސްލާމިކް ސްޓޭޓް ނައްތާލުމުގެ މަގުސަދުގައި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގުވާމީ އިއްތިހާދު، "ގްލޯބަލް ކޯލިޝަން ޓު ޑިފީޓް ދައެޝް/އައިސިސް (ޑީއައިސިސް)" ގެ 10 ވަނަ މިނިސްޓްރީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެ އެވެ.
އެމެރިކާގެ ވެރިރަށް، ވޮޝިންޓަން ޑީސީގައި ބޭއްވި އެ ބައްދަލުވުމުގައި ކޯލިޝަންގެ ހުރިހާ މެންބަރު ގައުމުތަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ އެ އިއްތިހާދުގެ މެންބަރު ގައުމަކަށް ރާއްޖެ ވީފަހުން ބައިވެރިވި ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމެވެ. ޑީއައިސިސްގެ މެންބަރު ގައުމަކަށް ރާއްޖެ ވީ މިދިޔަ އޯގަސްޓު މަހު އެވެ.
ޑީއައިސިސްއަކީ އައިސިސްއާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް 2014 ގައި އެމެރިކާ ސަރުކާރުގެ އިސް ނެގުމުގެ މަތިން އުފައްދާފައިވާ އިއްތިހާދެކެވެ.
ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކޯލިޝަންގެ މަސައްކަތްތަކުން ނިރުބަވެރިކަމާއި ދެކޮޅަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރެވިފައި ވާކަން އެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން ފާހަގަކުރި އެވެ.
ނަމަވެސް، ޓެރަރިޒަމްގެ ބިރުވެރިކަމަކީ އަދިވެސް ދުނިޔޭގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރި އެވެ.
ޑީއައިސިސް މިނިސްޓީރިއަލް ބައްދަލުވުމުގެ ތެރެއިން: ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
އެގޮތުން، ގައުމުތަކުގެ ދެމެދުގަ އާއި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާއެކު މުހިންމު މައުލުމާތު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި އޮތުމަކީ ވަރަށް ބޭނުންތެރިކަމެއްކަން އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެ އެވެ.
ޑީއައިސިސްގެ މެންބަރު ގައުމަކަށް ރާއްޖެ ވުމާއެކު އެ އިއްތިހާދުގައި ހިމެނޭ މެންބަރު ގައުމުތަކުގެ އަދަދު ވަނީ 87 އަށް އަރައިފަ އެވެ. ޑީއައިސިސްގެ މެންބަރު ގައުމަކަށް ވުމުން އެ އިއްތިހާދުން ވަނީ މަރުހަބާ ރާއްޖެއަށް މަރުހަބާ ކިޔައިފަ އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްއަފޫރު މުހައްމަދު އެވެ.
Comment