Advertisement

ޑޮލަރު މާރު ކުރުން މަޖުބޫރު ކުރާ ފޯމިއުލާއާ ޓުއަރިޒަމް އިންޑަސްޓްރީ ދެކޮޅު

2 އޮކްޓޯބަރު 2024 - 10:02 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ޑޮލަރު މާރު ކުރުން މަޖުބޫރު ކުރާ ފޯމިއުލާއާ ޓުއަރިޒަމް އިންޑަސްޓްރީ ދެކޮޅު

2 އޮކްޓޯބަރު 2024 - 10:02 6

ޓުއަރިސްޓު ފެސިލީޓަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރަން އިއްޔެ ސަރުކާރުން ކަނޑައެޅި ފޯމިއުލާއާ ޓުއަރިޒަމް އިންޑަސްޓްރީގެ ގިނަ ބަޔަކު ދެކޮޅުކަން މި ނޫހަށް އެނގިއްޖެ އެވެ.

އިއްޔެ ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެ ބަދަލު ގެނައުމުގެ ކުރިން ޓުއަރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތަކާ އެމްއެމްއޭއިން ބައްދަލުވުންތަކެއް ބޭއްވި އެވެ. އެ ބައްދަލުވުންތަކުގައި އެމްއެމްއޭ އަދި އިންޑަސްޓްރީން ވެސް ޑޮލަރު މާރު ކުރުމުގެ ފޯމިއުލާތަކެއް ހުށަހެޅި އެވެ. ނަމަވެސް, އެ ބައްދަލުވުމަށް ވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ ބޮޑު ވިޔަފާރިވެރިއަކު ބުނީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުން ހުށަހެޅި އެއްވެސް ކަމެއް ސަރުކާރުން ބަލައިނުގަތް ކަމަށެވެ.

"ބަދަލުތައް ގެނައި ގޮތުން މިހާރު ލިބޭ އެއްޗަކަށް ވުރެ ގިނައިން އެބަ ދައްކަން ޖެހޭ. މީގައި އެބައިން އިސްތިސްނާ ކުރެވޭ ގޮތްތަކެއް ވެސް. އެކަމަކު، އިސްތިސްނާ ކުރާނީ ސަރުކާރުން ބޭނުންވާ ބައެއް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިއްޔެ ބަދަލު ގެނައީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާއި މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖްތަކާ ބެހޭ ގަވާއިދެވެ.

އާ ގަވާއިދުގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ. މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ. އެއީ:

  • ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ހޭދަކުރާ ފައިސާ
  • ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކުން ދޭ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ރެމިޓެންސް ހިދުމަތްދޭ ވިޔަފާރިތަކާއި އެ ވިޔަފާރިތަކުން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  • ޓޫރިޒަމް ދާއިރާގައި މުދަލާއި ހިދުމަތްދޭ ވިޔަފާރިތަކަށް އިންޝުއަރެންސް ކުންފުނިތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބައިނަލްއަގުވާމީ މުއާމަލާތްތައް
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ވިޔަފާރިއަކުން ބޭރު ފައިސާއިން އަގު އަދާކުރުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން ނަމަ ޑިވިޑެންޑް ދިނުމާއި ހިއްސާދާރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން މުސާރަ އާއި އިނާޔަތް ބޭރު ފައިސާއިން ދިނުން
  • ޑިއުޓީ ފްރީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަން، އާ ގަވާއިދުގެ ދަށުން ވަނީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ވާން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތަކުން ވެސް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި މި ރަޖިސްޓްރޭޝަނަށް އެމްއެމްއޭއަށް ހުށަހަޅަން ޖެހެ އެވެ.