Advertisement

އިނިއެސްޓާ ފުޓްބޯޅައިން ރިޓަޔާކުރަނީ

2 އޮކްޓޯބަރު 2024 - 09:36 0


އިނިއެސްޓާ ފުޓްބޯޅައިން ރިޓަޔާކުރަނީ

2 އޮކްޓޯބަރު 2024 - 09:36 0

މެޑްރިޑް (އޮކްޓޫބަރު 2) - ސްޕެއިން އާއި ބާސެލޯނާގެ ލެޖެންޑް، އަންދްރޭސް އިނިއެސްޓާ ފުޓްބޯޅަ އިން. ރިޓަޔާކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އިނިއެސްޓާ، 40، ރިޓަޔާކުރަން ނިންމި ކަން އިއުލާނުކުރަން ހަމަޖެހިފައި އޮތީ މި މަހު އަށް ވަނަ ދުވަހު އެވެ.

މިދިޔަ ސީޒަނުގައި ދުބާއީގެ އެމިރޭޓްސް ކްލަބަށް ކުޅުނު އިނިއެސްޓާ، އެހެން ޓީމަކާ ގުޅުމަށް ޓްރެއިނިންތައް އަމިއްލަ އަށް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު އޭނާގެ ފިޓްނަސް ލެވަލާއި ކޯޗުންނާއި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ރިޓަޔާކުރުމަށެވެ.

އިނިއެސްޓާ، ރިޓަޔާކުރާނީ، ބާސެލޯނާގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރު ފުރަތަމަ ސީޒަން ކުޅުނު ފަހުން، ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 23 ސީޒަން ހޭދަކުރުމަށް ފަހު އެވެ.

ވިސެލް ކޯބޭގެ މެޗެއްގެ ތެރެއިން އިނިއެސްޓާ.


ބާސެލޯނާގެ ސީނިއާ ޓީމަށް 16 އަހަރު ކުޅެދިން އިނިއެސްޓާ އަކީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެކެވެ. ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ ބާސެލޯނާގައި ހުރެ އެވެ.

ބާސެލޯނާ ދޫކޮށް އިނިއެސްޓާ، 2018 ވަނަ އަހަރު ބަދަލުވީ، ޖަޕާނުގެ ޖޭ ލީގުގެ ކްލަބް، ވިސެލް ކޯބޭ އަށެވެ. ފަސް އަހަރު އެ ޓީމަށް ކުޅުމަށް ފަހު، މިދިޔަ އަަހަރު ގުޅުނީ އެމިރޭޓްސް ކްލަބްއާ އެވެ.

ސްޕެއިނުން 2010 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ގޯލު ޖެހި އިނިއެސްޓާ ވަނީ ސްޕެއިން ޓީމާ އެކު، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ސްޕެއިން ޓީމަށް ކުޅެން ފެށި، އިނިއެސްޓާ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން ކެޓުމުންނެވެ. ގައުމީ ޓީމަށް، 131 މެޗު ކުޅެދިން އިނިއެސްޓާ އަކީ ސްޕެއިނަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އިނިއެސްޓާ އަށް ވުރެން ގިނަ މެޗު ސްޕެއިނަށް ކުޅެދިނީ، އިކާ ކަސިއަސް، ސާޖިއޯ ރާމޯސް އަދި ޒަވީ ހެނާންޑޭޒް އެވެ.