Advertisement

މާލީ ބަގާވާތަށް މަސްދުވަސް: މިހާތަނަށް އެއްވެސް މީހަކާ ސުވާލު ނުކުރޭ

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކް: މާލީ ބަގާވާތް ހިންގަން ވާގިވެރި ކަމަށް ތުހުމަތު ކުރާ ސްޓުމަކް ވަނީ ރާއްޖެއިން ބޭރަށް ގޮސް އިސްތިއުފާދެއްވާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލީ ބަގާވާތަށް މަސްދުވަސް: މިހާތަނަށް އެއްވެސް މީހަކާ ސުވާލު ނުކުރޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ ވެރިކަން ވައްޓާލުމަށް އިދިކޮޅުން ރާވައިގެން ހިންގި "މާލީ ބަގާވާތެއް" ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފެށިތާ މަސް ދުވަސްވީއިރު ވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މިހާތަނަށް މާލީ ބަގާވާތާ ގުޅިގެން އެއްވެސް އަޕްޑޭޓެއް ނެތް ކަމަށާއި އެއްވެސް މީހަކާ މިހާތަނަށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް ބަޔަކާ ސުވާލު ކުރެވި ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވޭ. އެއްވެސް އަޕްޑޭޓެއް ނެތް،" ފުލުހުން ބުންޏެވެ.

ފުލުހުން ސެޕްޓެމްބަރު 18، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ބައެއް މައުލޫމާތުތައް ހޯދައި އެއްކޮށް ކްރިމިނަލް ޕްރޮސީޑިންއެއް ގެންދެވޭނެ މިންވަރަށް އެކަންކަން ފުރިހަމަވޭތޯ ބަލަމުންދާ ކަމަށެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ގެންދެވި ވަގުތާ އެވެ.

އޭގެ ކުރިން ވެސް ސަރުކާރުގެ ވެރިން ދިޔައީ އެއީ ބަގާވާތެއް ކަމަށް ބުނަމުންނެވެ.

މާލީ ބަގާވާތަށްފަހު ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ވަނީ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް މިނިސްޓަރުން ހިމެނޭ ގޮތަށް ސިިޔާސީ މުވައްޒޒަފުން އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

ސަރުކާރާއި ފުލުހުން ބުނަމުންދާ މާލީ ބަގާވާތް އާންމުން ދެކެނީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.