Advertisement

ތަސްލީމް ގެއްލުން: މަސްދުވަސް ވީއިރު ވެސް އޮޕަރޭޝަނަށް ކުރިއެރުމެއް ނުލިބޭ

މުހައްމަދު ތަސްލީމް: އޭނާ ގެއްލުނުތާ މަހެއްވީއިރު، މިހާތަނަށް އޮޕަރޭޝަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ -- ފޮޓޯ: އަދަދު


ތަސްލީމް ގެއްލުން: މަސްދުވަސް ވީއިރު ވެސް އޮޕަރޭޝަނަށް ކުރިއެރުމެއް ނުލިބޭ

މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް، 43, ހޯދަމުން އަންނަތާ މަސްދުވަސް ވެފައިވާއިރު، މިހާތަނަށް އެ އޮޕަރޭޝަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ތަސްލީމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

"ސާޗް އޮޕަރޭޝަން ކޮންޑަކްޓް އެބަ ކުރޭ އެ އޭރިއާގައި. ޑައިވާސް ބޭނުންކޮށްގެން އެކަން ކުރަމުންދަނީ. ތަހުގީގު ހަމަ ކުރަމުންދަނީ،" ފުލުހުން ބުންޏެވެ.

ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިފައިވާ ކަމަށް ސެޕްޓެމްބަރު 14، ގައި ފުލުހުން ބުނި ނަމަވެސް މިހާތަނަށް ޔެލޯ ނޯޓިސް ނެރެފައި ނުވެ އެވެ.

ފުލުހުން ދަނީ ތަސްލީމް ގެއްލުނު ފިނޮޅުގެ މޫދާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އަދި, ތަހުގީގުގެ ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން, ފުލުހުން ބުނީ ތަސްލީމު ހޯދުމަށްޓަކައި އޭނާ އާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ސުވާލުކޮށް، އެ ފަސްގަނޑަށް ދަތުރު ދިޔުމަށް ތަސްލީމު އާއި އިތުރު ބަޔަކު ބޭނުން ކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކ. ހުވަފެންފުށީގެ ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް މިދިޔަ އޯގަސްޓު 29، ގެ ހަވީރު 5:00 ހާއިރު ތަސްލީމުއާ އެކު 25 މީހުންނާއި ދެ ކުޑަކުދިން ދަތުރު ދިޔަކަން ތަހުގީގަށް މިހައިތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ. އެ މީހުން އެ ދަތުރު ދިޔައީ މީހެއްގެ އުފަންދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމެންޓު ޕާޓީއަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ދަތުރުގައި ތަސްލީމު ބައިވެރިވީ އެ ޕާޓީގެ ބެކްޑްރޮޕް ހަދައި ދިނުމާއި އެތަނުގެ ކަރަންޓުގެ ބައެއް މަސައްކަތްތައް ކޮށްދިނުމަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ދަތުރު ދިޔަ ދުވަހުގެ ރެ އާއި ތަސްލީމު ގެއްލުނު އޯގަސްޓު 30، ގެ ހެނދުނު ވެސް ތަސްލީމު އެ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ދަތުރުގެ ބައިވެރިން ނަގާފައި ހުރި ބައެއް ފޮޓޯތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ފަސްގަނޑުގައި ހުއްޓައި ތަސްލީމު އެންމެފަހުން ފެނިފައި ވަނީ އޯގަސްޓު 30، ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.