Advertisement

ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެސްޓްހައުސެއްގައި ބެހެއްޓި މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި

1 އޮކްޓޯބަރު 2024 - 14:22 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް


ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެސްޓްހައުސެއްގައި ބެހެއްޓި މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި

1 އޮކްޓޯބަރު 2024 - 14:22 0

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝިޔާމަށް ދައުވާ ކުރަނީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެސްޓްހައުސެއްގައި އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި މިއަދު ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތު ނުވާ ކަމަށެވެ. އެގޮތުން, ގެސްޓުހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައި ނުވެ އެވެ.

މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒުލިފާ އެވެެ.

ޝިޔާމްގެ ބައްޕަ މިހާރު ވަނީ އަވަހާރަވެފަ އެވެ. ސިފައިންގޭގެ ގެސްޓްހައުސެއްގައި ބައްޕަ ބެހެއްޓީ، ޝިޔާމްގެ މަންމަ އަވާހަރުވުމަށް ފަހު އެވެ. އޭރު ވެސް ބައްޕައަކީ ވަރަށް ބަލި މީހެއް ކަން ދިފާއުން ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އަދި އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.

އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނާ ގޮތުގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް އެ ތަނުގައި ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ޕީޖީން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް އެންގުމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްދިނުމަށް އެ ކޮމިޝަނުން އެދުނެވެ.