Advertisement

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މާލެ ވަޑައިގެންނެވުމުން ނައިބު ރައީސް ހުސެއިން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަރުހަބާ ދަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.

އެމެރިކާއިން ރައީސް ފުރާވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނު މިއަދު ހެދުނު މާލެ ވަޑައިގެންނެވީ ދުބާއީ މަގުންނެވެ. މިއީ ރައީސް މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް އާއެކު އދ. ގެ މަޖިލީހަށް ދިޔަ ދިވެހި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ. ވަފުދުގައި ބައިވެރިވި އޮފިޝަލުން ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

މި ދަތުރުގައި ރައީސް ވަނީ އދ. އާންމު ޖަލްސާގެ ބަހުސްގައި ތަގުރީރުކުރެއްވުމުގެ އިތުރުން، އދ. ސަލާމަތީ ކައުންސިލުގައި ވެސް ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން ހަވާސާގައި ކުރިއަށްދިޔަ ބައެއް ޕެނަލްތަކާއި އިވެންޓުތަކެއްގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވަނީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެ ޕްރޮގްރާމުގައި އެ މަނިކުފާނު ތަގުރީރެއް ދެއްވުމުގެ އިތުރުން، ދަރިވަރުންގެ ސުވާލުތަކަށް ވެސް ވަނީ ޖަވާބު ދެއްވައިފަ އެވެ.