Advertisement

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ފުލުހުން އޭސީސީއަށް ފޮނުވައިފި

28 ސެޕްޓެންބަރު 2024 - 16:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެސްއެމް: ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ވަނީ އޭސީސީއަށް ފޮނުވާފައި -- ފޮޓޯ: އަދަދު ފައިލް


ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ފުލުހުން އޭސީސީއަށް ފޮނުވައިފި

28 ސެޕްޓެންބަރު 2024 - 16:41 0

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލަ އެ އިދާރާއަށް ހުށަހެޅުމުން، ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއިން ބަލާތީ އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނާނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމަށްވާތީ އެ މައްސަލަ ފުލުހުން ވާނީ އޭސީސީއަށް ހުށަހަޅާފައި،" ފުލުހުން ބުންޏެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ޕީއެސްއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ ނެގި ފައިސާއިން ނުވަ މިލިއަން ރުފިޔާ މަދުވެ، ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގެ ތެރެއިން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު އާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ވަނީ ފައިސާ ޖަމާކޮށްފަ އެވެ.

އާންމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ގެއްލިފައިވާ ނުވަ މިލިއަން ރުފިޔާ އަކީ:

  • ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ ބޭންކު އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4،583،701ރ.
  • 2017 އިން 2024 ގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އާއި އެހެނިހެން ގޮތްގިތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4،260،295ރ.
  • ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190،087ރ.

ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަތުމަށް ޕީއެސްއެމްގެ ބޭންކު އެކައުންޓުން ނެގި 5.79 މިލިއަން ރުފިޔާގެ ތެރެއިން 4.58 މިލިއަން ރުފިޔާއަށް ލިބެންވާ 297،257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ.

އޮޑިޓުގައި ބަލާފައި ވަނީ 2017 އިން ފެށިގެން އޭޕްރީލް، 2024، ވަނަ އަހަރުގެ ނިޔަލަށް ޑޮލަރު ގަތުމަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކާއި އެކި ހިދުމަތްތައް ފޯރުކޮށްދީގެން އާމްދަނީގެ ގޮތުގައި ލިބިފައިވާ ނަގުދު ފައިސާގެ މުއާމަލާތްތަކުގެ އިތުރުން ތިޖޫރީގައި ބަހައްޓާ ފައިސާ އާއި ނަގުދު ފައިސާއިން ކުރި ހަރަދުތަކާ ގުޅޭ މުއާމަލާތްތަކެވެ.