Advertisement

ގޯތި ވައްކަން: 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި


ގޯތި ވައްކަން: 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އިތުބާރު ކުރެވޭ ސަރުކާރު އޮފިޝަލަކު އަދަދު ނޫހަށް ބުނީ ޕާސްޕޯޓު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު އާއި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު)ގެ އިތުރުން އެ މިނިސްޓްރީގެ ސިޔާސީ ބައެއް ވެރިން ހިމެނެ އެވެ.

ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގައި ހިމެނޭ މެންބަރުންނާއި އެ ކުންފުނީގެ ފަސް މުވައްޒަފަކު އަދި އެމްޑަބްލިޔޫއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒީލް ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި މި ހަފުތާގައި ތިލަވުމާއެކު ފުލުހުންނާއި އޭސީސީން ތަހުގީގު ތަހުގީގު ފެށި އެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ޖިނާއި ތުހުމަތެއް އަދި ނުކުރެ އެވެ.

މި މައްސަލައިގައި ފަޒީލުއާ ސުވާލުކޮށްފައި ވާއިރު އޭނާ ހަވާލާދީ ފުލުހުން ރޭ ބުނީ، އޭނާއަށް ގޯތި ލިޔުން ދިނީ ކުރީގެ ސަރުކާރުން ކަމަށެވެ. ނަމަވެސް އޭނާ އެ ބުނާ ބުނުން ފުލުހުން ކަށަވަރުކޮށްފައެއް ނުވެ އެވެ.

ގޯތިތަކުގެ މައްސަލަ ފުރަތަމަ ފެންމަތިވީ ޖުލައި މަހު އެވެ. ދެ މީހަކަށް އެއް ބިމެއް ދީފައި އޮތްކަން އެނގިގެން އެކަމުގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރި އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގީ އިދާރާއަކަށް ހުށަހައެއް ނާޅަ އެވެ.