20 ޑިސެންބަރު 2024 - 19:44 1
އަހުމަދު އާއިދު
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯހެއް ހަދާފައި ނުވާނެ ކަމަށް --- ފޮޓޯ: އެމްޑީޕީ
20 ޑިސެންބަރު 2024 - 19:44 1
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގައި އިސްކޮށް އުޅުނު ހައުސިންގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފު ހިމެނޭހެން ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމާއި އާރިފް ހިމެނޭހެން ބިންވެރިޔާ ސްކީމުގެ ކަންކަމުގައި އިސްކޮށް އުޅުނު ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހަައްޓަން އަމުރަކަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންނެވެ. މި ލިސްޓުގައި ދެން ތިބި ދެ މީހުންނަކީ:
މި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އާރިފް އާއި ވިޝާންގެ ޕާސްޕޯޓު އޮތީ އޭސީސީން އެދުނު އިރު ވެސް ހިފަހައްޓާފަ އެވެ. އެއީ ފުލުހުން އެދިގެން ޕާސްޕޯޓު ހިފެހެއްޓި 20 މީހުންގެ ލިސްޓުގައި ހިމެނޭ ދެ މީހުންނެވެ. އެ ލިސްޓުގައި ދެން ތިބީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުންނާއި ބައެއް އިސް މުވައްޒަފުންނާއި ވަގު ލިޔުން ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެދިގެން ހިފެހެއްޓި 20 މީހުންގެ ޕާސްޕޯޓު ހިފެހެއްޓީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ފަހުން ހިފެހެއްޓި ޕާސްޕޯޓުތައް ހިފެހެއްޓީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ވަގު ލިޔުން ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މީހުން ބުނީ އެއީ ކުރީ ސަރުކާރުން ދީފައި ހުރި ލިޔުންތަކެއް ކަމަށެވެ. ނަމަވެސް މިކަން ދޮގުކޮށް އަކްރަމް ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެކަކު ކަމުގައިވާ މުހައްމަދު ފަޒީލް ރަޝީދާ އޭނާއާ އެއްވެސް މުއާމަލާތެއް އެއްވެސް އިރެއްގައި ކޮށްފައި ނުވާނެ ކަމަށެވެ.
ފަޒީލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަދި މި މައްސަލައިގައި ކޮރަޕްޝަނުގެ ބޮޑު ތުހުމަތުތަކެއް ކުރެވިފައިވާ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ވަގަށް ވިއްކި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެޗްޑީސީއަށް ވަދެފަ އެވެ. ފުލުހުން މި މައްސަލަ ބަލަމުން ދަނީ ފޯޖުކޮށްފައި ހުރި ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭތީ އެވެ.
އެގޮތުން އެންމެ ފުރަތަމަ ފެންމަތިވީ ސައްހަ ނޫން ލިޔުމަކުން ފަޒީލް އަށް ގޯތި ލިބުނު މައްސަލަ އެވެ. އެ ލިޔުން ދިނީ ކުރީ ސަރުކާރުން ކަމަށާއި އެކަން ހިނގީ އަކުރަމް އާ ބައްދަލުކުރުމަށްފަހު ކަމަށް ފަޒީލް ވަނީ ފުލުހުންގެ ތަހުގީގަށް ބުނެފަ އެވެ. އެ ވާހަތައް ދޮގުކޮށް އަކްރަމް ވަނީ އޭނާ ދުވަހަކުވެސް ފަޒީލް އާ ބައްދަލު ނުކުރާ ކަމަށް ބުނެފަ އެވެ.
މި މައްސަލަ ފެންމަތިވި ފަހުން ޗެއާމަން ފިޔަވާ އެޗްޑީސީގެ ބޯޑުގެ ހުރިހާ މެންބަރުންނާއި ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
Comment