Advertisement

އެމެރިކާއިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

26 ސެޕްޓެންބަރު 2024 - 23:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ), ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ (ވ) އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް


އެމެރިކާއިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

26 ސެޕްޓެންބަރު 2024 - 23:27 0

އެމެރިކާގެ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައި، އެކަން އިއުލާން ކޮށްފި އެވެ.

ރާއްޖެއަށް އެ ފައިސާ ދޭނެކަން، ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އިއުލާނުކުރެއްވީ އދ. ގެ 79 ވަނަ އާންމު ޖަލްސާގެ ސައިޑް އިވެންޓެއްގެ ގޮތުގައި، "ޑިމޮކްރަސީ ޑެލިވާސް" ގެ ނަމުގައި ޔޫއެސްއެއިޑުން ބޭއްވި އިވެންޓެއްގަ އެވެ.

އެ އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނެވި ޕާމަނަންޓް ސެކެޓްރީ ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

ޔޫއެސްއެއިޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެޖެންސީން ރާއްޖޭގެ މީޑިއާ ލިޓްރަސީ ޕްރޮގްރާމްތައް ހަރުދަނާކޮށް، މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތިން މިލިއަން ޑޮލަރުގެ އެހީ އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް 1.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް އެހެނިހެން ދާއިރާތަކުން ވެސް ޔޫއެސްއެއިޑުން މުސްތަގުބަލުގައި އެހީތެރިކަން ފޯރުކޮށްދީ އެކި ވަސީލަތް ތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރައީސް ޑރ. މުހައްމަދު އދ. ގެ އާންމު ޖަލްސާއަށް ވަޑައިގެން، ސަމަންތާ ޕަވާ އާ ބައްދަލުކުރައްވައި ރާއްޖެއާއި ޔޫއެސްއެއިޑާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމާއި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި އެވެ.

އަދި، ރާއްޖެއިން އެހީއަށް އެދި ހުށަހަޅާފައިވާ ޕްލޭންތަކަށް ސަމަންތާ ތައުރީފުކުރެއްވި ކަމަށާއި ތަފާތު އެކި މަސައްކަތްތަކުގައި ރާއްޖެއަށް އެކު މަސައްކަތް ކުރުމަށް ޔޫއެސްއެއިޑުން ތައްޔާރު ކަމަށް އޭނާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޔޫއެސްއެއިޑް އަކީ ރާއްޖޭގައި ހިންގާ އެކި އިގުތިސޯދީ ހަރަކާތްތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާގެ އެހީދޭ އެމެރިކާ ސަރުކާރުގެ އޮނިގަނޑުގައި ހިމެނޭ މިނިވަން އެޖެންސީއެކެވެ.