Advertisement

އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ރާއްޖެ-އެމެރިކާ ގުޅުން މުހިންމު: ރައީސް

26 ސެޕްޓެންބަރު 2024 - 22:56 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު އދ. ގެ ސެކިއުރިޓީ ކައުންސިލުގައި: އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ރާއްޖެއަށް އެމެރިކާ މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ރާއްޖެ-އެމެރިކާ ގުޅުން މުހިންމު: ރައީސް

26 ސެޕްޓެންބަރު 2024 - 22:56 1

އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގުޅުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ "ޑީންސް ލީޑާޝިޕް ސީރީސް" ގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ކަނޑުގެ ބައިނަލްއަގުވާމީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ.

"ބައެއް މީހުން ހިތަށް އަރާނެ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެވެބާވައޭ. އިންޑިއާ ކަނޑުގައި ހިނގާ މައުމާލާތް ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމުވެ، ރައްކާތެރިކަން ބޭނުންވޭ. ދުނިޔޭގެ ތިންބައިކުޅަ އެއްބައި ބަލްކް ކާގޯ ދަތުރުކުރަނީ އިންޑިއާ ކަނޑުން،" ރައީސް ވިދާޅުވި އެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރެވޭ 75 ޕަސަންޓަށްވުރެ ގިނަ ވިޔަފާރީގެ މުއާމަލާތް އިންޑިއާ ކަނޑު މެދުވެރިކޮށް ކުރުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅަށް ބޭނުންވާ ތެލުގެ 50 ޕަސަންޓު ވެސް ކޮންމެ ދުވަހަކު އިންޑިއާ ކަނޑު މެދުވެރިކޮށް ފޮނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރާއްޖެއަކީ ކޮންމެ ގައުމަކުން ވެސް ނުފޫޒު ފޯރުވަން ބޭނުންވާ ގައުމަކަށް ވާނެ ކަމަށާއި އެގޮތުން އެ ހަމަޖެހުން ގާއިމުކޮށް ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް ރާއްޖެއަކީ މިނިވަން ގައުމެއް ގޮތުގައި ބޭއްވުމަށް ގައުމުތަކާއެކު ގުޅުން ބާއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާއިން އިޒްރޭލަށް ވާގިވެރިވެ ފަލަސްތީނުގެ ގާޒާ އާއި ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރާއްޖެ އާއި އެމެރިކާއާ އޮތް ގުޅުން ވަރުގަދަ ކުރާތީ ގިނަ ބަޔަކު އެކަމަށް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެމެރިކާއިން ގާޒާގައި ހިންގާ ލާއިންސާނީ ކަންތައްތަކާ ގުޅިގެން އެއްވެސް ކަމެއް ނުކޮށް އިޒްރޭލަށް ވާގިވެރިވާތީ ގިނަ ދިވެހިންގެ ނުރުހުން އެމެރިކާއަށް އޮތީ އަމާޒުވެފަ އެވެ.