Advertisement

އައިކޮމްއަށް އަހަރީ ރިޕޯޓު ނުފޮނުވާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ތިން މިނިސްޓްރީއެއް

2 ފެބުރުވަރީ 2025 - 18:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަރުކާރަށް އަހަރެއް ވެގެން ބޭއްވި ޖަލްސާގައ ރައީސް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އައިކޮމްއަށް އަހަރީ ރިޕޯޓު ނުފޮނުވާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ތިން މިނިސްޓްރީއެއް

2 ފެބުރުވަރީ 2025 - 18:11 0

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ކޮންމެ އަހަރަކު ހުށަހެޅުން ލާޒިމުކުރާ އަހަރީ ރިޕޯޓު ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީސް ހިމެނިއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސުންގަޑި ހަމަވިއަރު އެ ރިޕޯޓު ފޮނުވާފައިވަނީ 383 އިދާރާއަކުން ކަމަށެވެ. އެއީ ޖުމުލަ އިދާރާތަކުގެ 40 ޕަސންޓެވެ.

އަހަރީ ރިޕޯޓު ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން ހިމެނެނީ ހަތަރު ވުޒާރާއެކެވެ. އެއީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެވެ.

"އިދާރާތަކުން ފޮނުވަންޖެހޭ މަހޯލި އަހަރީ ރިޕޯޓަކީ މަހޯލި ގާނޫނާއި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގެ ކުރިން މި އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓެއް،" އައިކޮމް އިން ބުނެފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ހާމަކަން ބޮޑު، މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުތަކަކާއެކު އެވެ. ވެރިކަމަށް އައުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްްޒު ވެސް ދެއްކެވީ އެފަދަ ވާހަކަތަކެކެވެ.

އެގޮތުން، އާރުޓީއައި ހުށަހަޅަން ނުޖެހި މި ސަރުކާރުން މައުލޫމާތު ދޭނެ ކަމަށް ޑިސެމްބަރު 5، 2023، ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން ރައީސް އޮފީހުން ވަނީ އެކި އުޒުރު ދައްކާ ގިނަ އާރުޓީއައިތަކަށް ޖަވާބުދޭން ދެކޮޅުހަދައިފަ އެވެ.

ވެރިކަން ފެށުނީއްސުރެ އައިކޮމް އިން ބޭއްވި އެއްވެސް އަޑުއެހުމެއްގައި ބައިވެރިނުވެ ތިބުމަށް ފަހު ރައީސް އޮފީހުން އަޑުއެހުމެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވީ ވެސް އޮގަސްޓު 5، 2024، ގަ އެވެ.

މިދިޔަ އަހަރު އައިކޮމްއިން އާންމުކުރި ތަފާސްހިސާބުތަކަކުން އެނގުނު ގޮތުގައި، މައުލޫމާތަށް އެދި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުދީގެން އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައި އޮތީ ވެސް އެ އޮފީހާ ދެކޮޅަށެވެ.