Advertisement

ފީފާގެ ނިންމުމާ އެކު ވެލެންސިއާގެ ސަސްޕެންޝަން އުވިއްޖެ

26 ސެޕްޓެންބަރު 2024 - 21:59 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކްލަބް ވެލެންސިއާ އިން ޔޫތު ލީގު ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ފީފާގެ ނިންމުމާ އެކު ވެލެންސިއާގެ ސަސްޕެންޝަން އުވިއްޖެ

26 ސެޕްޓެންބަރު 2024 - 21:59 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، އިން މި އަހަރު ފެބްރުއަރީ މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ނިންމުންތަކާ ގުޅިގެން އައި ކަންކަން ބަލައިނުގަންނަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ނިންމުމާ އެކު ކްލަބް ވެލެންސިއާ އަށް އެފްއޭއެމް އިން ދީފައިވާ ސަސްޕެންޝަން އުވިއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގައި، މި އަހަރުގެ މާޗް 7 ގައި ވަނީ ވެލެންސިއާ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމް އިން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ، ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށެވެ.

އެކަމަކު، ފީފާ އިން އެފްއޭއެމް ހިންގުން މިދިޔަ މަހު ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށް، މިހާރު ފީފާގެ ޓީމެއް ނޯމަލައިޒިން ކޮމިޓީއާ އެކު މަސައްކަތް ކުރަމުން އަންނައިރު، ބައެއް ނިންމުންތައް އަންނަނީ .ނިންމަމުންނެވެ.

އެ ގޮތުން، ފީފާ އިން ނިންމާފައިވާ އެއް ކަމަކީ، މި އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮންގްރެސް އިން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އައިސްފައިވާ އެހެން ކަންކަން ވެސް އުވިފައިވާ ކަމަށެވެ. ވެލެންސިއާ، ސަސްޕެންޑް ކުރީ، އެ ކޮންގްރެސް އިން ފާސްކުރި ޑިސިޕްލިނަރީ ކޮމީޓީ އަކުންނެވެ.

އެފްއޭއެމް އިން، މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަަބު ގުޅިފައި އޮތީ ކްލަބް ވެލެންސިއާއާ އެވެ.

ކެންސަލްކުރަން ޖެހުނު އެފްއޭއެމްގެ އެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި ދެ ކެންޑިޑޭޓުން ކަމަށްވާ، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އަށް ވެލެންސިއާ އިން ތާއީދު ސިޓީ ދިނެވެ. އެ މައްސަލަ އެފްއޭއެމް އިން ބަލައި، ވެލެންސިއާގެ ދެ ތާއީދު ސިޓީ ކެންސަލްކުރި އެވެ. އެއާ އެކު، ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި އެވެ. އެއީ، އެފްއޭއެމް އަސާސީ ގަވާއިދުގައިވާ ގޮތަށް، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ ތާއީދު ނެތުމުންނެވެ. އެ މައްސަލަ ތޯރިގު އެޕީލް ކުރިއިރު، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ، ފީފާ އާއި އޭއެފްސީން އެންގީ އިންތިހާބު ކެންސަލް ކުރުމަށެވެ.

އެފްއޭއެމް އިން ފީފާ އާއި އޭއެފްސީގެ އެންގުމަށް ކަމަށް ބުނެ، އިންތިހާބީ ކޮމިޓީތައް އައްޔަންކުރަން، ފެބްރުއަރީ އަށް ވަނަ ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވި އެވެ. އެކަމަކު، އެ ކޮންގްރެސްގައި ވެސް ވެލެންސިއާގެ ބައިވެރިވުމެއް ނެތެވެ. މިހާރު، އެ ކޮންގްރެސް ވަނީ ބާތިލްކޮށްފަ އެވެ.

ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހިމެނޭ ގޮތަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްގެ ގެ ކައިރީގައި ވެސް އެއްވި އެވެ. އަދި އޭގެ ފަހުން، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފަ އެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.