Advertisement

މި އަހަރު ސްކޭމް ތަކުގައި މީހުން އަތުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިއްޖެ: ފުލުހުން

26 ސެޕްޓެންބަރު 2024 - 11:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މި އަހަރު ސްކޭމް ތަކުގައި މީހުން އަތުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިއްޖެ: ފުލުހުން

26 ސެޕްޓެންބަރު 2024 - 11:09 0

މި އަހަރު ސްކޭމް ތަކުގައި މީހުންގެ އަތުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކާ ގުޅޭ 2.2 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ.

"ހިތާމައަކީ ގިނަ ބަޔަކު ހިޔާނާތްތެރިންގެ ޝިކާރައަކަށްވެ އެމީހުންގެ ސްކީމްތަކުގައި ޖެހޭކަން،" ޝީފާން ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ސްކޭމްތަކުން މީހުން ސަލާމަތްކޮށް އެ ކުށްކުރާ މީހުން ހޯދުމަށް ހާއްސަކޮށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝިފާން "އަދަދު" އަށް ވިދާޅުވީ އެ ސެންޓަރު ގާއިމު ކުރުމަށް ވަސީލަތްތައް ހޯދައި، ޓެކްނިކަލް މީހުން ނަގައި، ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ސެންޓަރު ގާއިމުކުރެވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައިވިޔަސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުންނެވެ.

ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރެވެ.

ޖެނުއަރީ 31، ގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ 2021 އިން ފެށިގެން ސްކޭމްގެ 28،003 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

"28،003 ސްކޭމްގެ އެކި ބާވަތުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އޭގެ ޖުމުލަ ގެއްލުން 57.8 މިލިއަން ވަރު އެބައުޅޭ، އެއީ ހަމައެކަނި ދިވެހި ފައިސާއިން އަދި ޑޮލަރު ވެސް އެބަހުރި، 64 ލައްކަ ޑޮލަރު ގެއްލިފައި ޖުމުލަ ޓޯޓަލް އަދަދު،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ސްކޭމް މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، އާންމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އެދެ އެވެ.