Advertisement

ކެފޭއަކަށް ވަދެ ބިރު ދައްކައި ގެއްލުންދިން މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ކެފޭއަށް ވަދެ ގެއްލުންދީ ބިރު ދެއްކި ދެ މީހުން: އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައި -- ފޮޓޯ: ފުލުހުން


ކެފޭއަކަށް ވަދެ ބިރު ދައްކައި ގެއްލުންދިން މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ސްޕޭނުގެ މަތީ ފަންތީގެ ކޮފީއެއް ކަމަށްވާ، ކަތުނަމްބޫ ކޮފީ އަށް ހާއްސަ, "ލެޓްސް ކޮފީ މޯލްޑިވްސް" އަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ވަދެ، ޒީނަތްތެރިކުރަން އެލުވާފައި ހުރި ތަކެއްޗަށް ގެއްލުން ދީ، އެލުވާފައި އޮތް ސްޕޭނުގެ ސަގާފީ ހެދުން ގެންދިޔަ މައްސަލައިގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެ ކެފޭއަށް ވަދެ މުވައްޒަފުންނަށް ބިރު ދައްކައި މުދަލަށް ގެއްލުންދިން މައްސަލައިގައި ހައްޔަރު ކުރީ ގއ. ދެއްވަދޫ، ވަޔަލޮޓްމާގެ، އަހުމަދު ތައުފީގު، 31 އަދި ބ. ތުޅާދޫ، މީޒާން، އަސަދުﷲ ހާތިމު، 44 ކަމަށެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާފަންނު ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީއަށް ވަދެ ގެއްލުން ދިނީ ދިވެހި ތިން ފިރިހެނުންނެވެ. އެ ކެފޭއަށް ވަން މީހުންގެ ހަރަކާތްތައް، ކެފޭގައި ތިބި ދެ އަންހެން މުވައްޒަފުން ވީޑިއޯ ކުރާތީ އިންޒާރު ވެސް ދިނެވެ.

އެ ކެފޭއަށް ވަން މީހުންގެ ހަރަކާތްތައް، ކެފޭގައި ތިބި ދެ އަންހެން މުވައްޒަފުން ވީޑިއޯ ކުރާތީ އިންޒާރު ވެސް ދިނެވެ.


ކެފޭއަށް ވަން ތިން މީހުންގެ ތެރެއިން ދެ މީހަކު އައީ ޖީއެން ސައިކަލެއްގަ އެވެ. އެ މީހުންގެ ފަހަތު އެހެން މީހަކު ވެސް ކެފޭއަށް ވަދެ އެވެ.

"އެ މީހުން ހީކުރީ ކެފޭ އޮތީ ކްރިސްމަސްއަށް ތައްޔާރުކޮށްފައި ކަމަށް. ނަމަވެސް އަޅުގަނޑުމެންނަކީ ސްޕޭން ކޮފީ ބްރޭންޑަކަށް ވާތީ، ކެފީ އޮތީ ސްޕޭންގެ ސަގާފީ ތީމަކަށް ތައްޔާރުކޮށްފައި. އެ މީހުން ގެންދިޔަ ހެދުމަކީ ސްޕޭނުގެ ސަގާފީ ހެދުމެއް،" އެ ކެފޭގެ އޮފިޝަލަކު ބުންޏެވެ.

ކަތުނަންބޫ ކޮފީ އަކީ 1897 ގައި އުފައްދަން ފެށި ކޮފީ އެކެވެ. ރާއްޖެއަށް އެ ކޮފީ ތައާރަފު ކުރަން ލެޓްސް ކޮފީ ހުޅުވީ 2020 ގަ އެވެ.