Advertisement

އަޒްމީލްގެ ފަރުވާ ލަސްކުރި މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރެވި ޕީޖީގައި ތާށިވެފައި

އަޒްމީލް ޖަލީލު: އަޒްމީލްއަށް ފަރުވާ ދިނުން ލަސްކުރި މައްސަލައިގައި ވަކި ވަކި ފުލުހުންނަށް ދައުވާ ކުރެވިދާނެތޯ އެޗްއާރްސީއެމް އާއި ޕީޖީން ދަނީ މަޝްވަރާ ކުރަމުން، މައްސަލަ ޕީޖީގައި ތާށިވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި -- ފޮޓޯ: އަދަދު


އަޒްމީލްގެ ފަރުވާ ލަސްކުރި މައްސަލައިގައި ފުލުހުންނަށް ދައުވާ ނުކުރެވި ޕީޖީގައި ތާށިވެފައި

ޑްރަގް ކޯޓަށް ގެންދަންވެގެން ފުލުހުން ބަލާ ދިޔުމުން ފިލަން އުޅުމުގެ ތެރޭގައި އިމާރާތެއްގެ މަތިން ވެއްޓި މައިބަދަ ބިނދި، ސިކުނޑިއަށް ލޭ އެޅުމުން ވެސް ނަގައި ވެހިކަލަށް އަރުވައިގެން ކަސްޓޯޑިއަލް ޖަލަށް ގެންދިޔަ އަޒްމީލް ޖަލީލް، 38، ގެ މައްސަލަ ޕީޖީ އޮފީހުގައި ތާށިވެއްޖެ އެވެ.

އެ ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދުނު ކަންކަން ފުރިހަމަ ކުރުމަށް ފަހު އެ މައްސަލައިގައި ހިމެނޭ ފުލުހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާން އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ އެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި ކަމަށާއި، އެ މަރުހަލާގައި އެޗްއާރްސީއެމްއާ އެކު މައްސަލައާ ގުޅިގެން ދައުވާ ކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ކޭސްގެ ޑިއުޓީ ޕްރޮސެކިއުޝަން އޮންގޮއިންގަ. އަދި ދައުވާ ކުރުމަށް ބަލައި ނުގަނޭ. މަޝްވަރާ ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމްއިން ބުނީ އެ މައްސަލަ ފުރަތަމަ ޕީޖީއަށް ފޮނުވުމުން، އެކަމާ ގުޅިގެން ކަންކަން ފުރިހަމަ ކުރަން އެ އޮފީހުން އެދުނު ކަމަށެވެ. އެގޮތުން ޕީޖީން ބޭނުންވި ކަންކަން ފުރިހަމަ ކުރުމަށްފަހު އެޗްއާރްސީއެމްއިން މިދިޔަ މަހު އަނބުރާ އެ މައްސަލަ ޕީޖީއަށް ފޮނުވި އެވެ.

އަޒްމީލަށް އަނިޔާވީ ޖުލައި 15، ގެ މެންދުރު 2:15 ހާއިރު ޑްރަގް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން މާފަންނު ގެއަކަށް ގޮސް ހަރަކާތްތެރި ވަނިކޮށް، ފިލަން އުޅުމުގެ ތެރޭގައި ގޭގެ ފުރަތަމަ ފަންގި ފިލާއިން ވެއްޓިގެން ކަމަށް ފުލުހުން ބުނެ އެވެ.

މަތިން ވެއްޓުމުން ވެސް ފަރުވާ ދިނުމުގެ ބަދަލުގައި ނުވަތަ ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި ފުލުހުން އަޒްމީލް ގެންދިޔައީ ކަސްޓޯޑިއަލް ޖަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ދެ ގަޑިއިރު ފަހުން ހަވީރު 4:20 ހާއިރެވެ.

އެޗްއާރްސީއެމްއިން އަޒްމީލުގެ މައްސަލަ ބަލަމުންދަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުންނެވެ. އެ މައްސަލައިގައި ފުލުހުން އަޒްމީލް ހޮސްޕިޓަލަށް ނުގެން ގޮސް ގިނަ ވަގުތުތަކެއް ފަރުވާ ލިބުން ލަސްވުމުން ކަންބޮޑުވާ ކަމަށް ކުރިން އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެޗްއާރްސީއެމްއިން ބުނީ މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބި ސިއްހީ ފަރުވާ ބޭނުންވާ ހާލަތުގައި، އެ މީހަކު ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދަން މީގެ ކުރިން ވެސް ކޮމިޝަނުން ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ.

އަޒްމީލް ހައްޔަރުކުރިއިރު ފުލުހުން ބޮޑީކެމް ބޭނުން ކޮށްފައެއް ނުވެ އެވެ. އެ ހާދިސާއަށް ފަހު ބަންދު އަމުރު ތަންފީޒު ކުރަންދާ ފުލުހުން ބޮޑީ ކެމް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

އަޒްމީލަށް ލިބުނު ޒަހަމްތަކަށް އެ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

"އަޒްމީލްގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު. އަދިވެސް ފިޒިއޯ ހަދަމުންދަނީ. އެކަމަކު މާގިނައިން ކޮޅަށް ހެލިފެލިވެ ނޫޅެވޭ،" އަޒްމީލްގެ އާއިލާއިން ބުންޏެވެ.

ފަހުގެ ތާރީހެއްގައި އިހުމާލުގެ މައްސަލައެއްގައި ފުލުހުންގެ މައްޗަށް ދައުވާ ކުރެވިފައެއް ނުވެ އެވެ.