Advertisement

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ބަލާކަން އޭސީސީއަށް ބުނެ ނެދުވުނު

26 ސެޕްޓެންބަރު 2024 - 09:46 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީގެ ރައީސް ޝާމިލް (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ރައީސް އޮފީސް


އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ބަލާކަން އޭސީސީއަށް ބުނެ ނެދުވުނު

26 ސެޕްޓެންބަރު 2024 - 09:46 1

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަތައް މިހާރު ބަލަމުންދާކަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބުނެ ނުދެވުނެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތަކުގެ މައުލޫމާތު ހޯދަން މިދިޔަ ދެ ހަފްތާ ތެރޭގައި "އަދަދު" އިން ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އޭސީސީއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ މައްސަލަތައް މިހާރު އޮތް ހިސާބެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 281 މީހެއްގެ ލިސްޓެއް މަޖިލީހުން އާންމުކުރި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެ މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ އަދަބު ލުއިކޮށް ކުރީގެ ސަރުކާރުން ވަނީ އަދީބު މިނިވަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ ފަހަރަކު ޖިނާއީ ހުކުމެއް އިއްވި އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެކެވެ. ނަމަވެސް އެ ދެ ހުކުމް ވެސް މަތީ ކޯޓުތަކުން ވަނީ ބާތިލުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުލައި 7، ގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި އެންމެނަށް އަދަބު ދީ، "ރައްޔިތުންނަށްޓަކައި އެ ފައިސާ" ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލައި ފައިސާތައް ހޯދާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވެ.

އޭސީސީގައި ކޮރަޕްޝަނުގެ ގިނަ މައްސަލަތައް ފުނި ޖެހިފައިވާއިރު އެ ކޮމިޝަނުން މަޑު ދުވެލީގައި މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.