Advertisement

އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ބައި ލައްކަ މަދުވެއްޖެ

25 ސެޕްޓެންބަރު 2024 - 11:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން: ރާއްޖެއަށް އިންޑިއާ ފަތުރުވެރިން އަންނަ ނިސްބަތަށް ބައި ލައްކައިގެ ވެއްޓުމެއް އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުން -- ފޮޓޯ:


އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ބައި ލައްކަ މަދުވެއްޖެ

25 ސެޕްޓެންބަރު 2024 - 11:48 0

މިދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިންޑިއާއިން މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ބައި ލައްކަ މަދުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24، ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 146،057 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ނަމަވެސް މި މަހުގެ 24 އާ ހަމައަށް ރާއްޖެ އައީ 88،202 ޓޫރިސްޓުންނެވެ. މި ދެ އަދަދު އަޅާކިޔާއިރު، 57،855 ޓޫރިސްޓުންގެ ތަފާތެއް އެބައުޅެ އެވެ.

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަހަރުތަކުން:

  • 2018 - 90،474 ފަތުރުވެރިން
  • 2019 - 166،030 ފަތުރުވެރިން
  • 2020 - 62،960 ފަތުރުވެރިން
  • 2021 - 291،787 ފަތުރުވެރިން
  • 2022 - 241،382 ފަތުރުވެރިން
  • 2023 - 208،430 ފަތުރުވެރިން (ޑިސެމްބަރު 26، ގެ ނިޔަލަށް)
  • 2024 - 88،202 ފަތުރުވެރިން (ސެޕްޓެމްބަރު 24، ގެ ނިޔަލަށް)

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އެކި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށުމުންނެވެ.

އެކަމާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން ސަސްޕެންޑުކުރި ނަމަވެސް، އިންޑިއާއިން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލައި ބޮޑު ކެމްޕެއިނެއް ފެށި އެވެ. އެ ކެމްޕެއިން ފެށި ފަހުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިން ބޮޑުތަނުން ދަށަށް ދިޔަ އެވެ.

ސަރުކާރުން އިންޑިއާއާ އޮތް ގުޅުން ރަނގަޅު ކުރަން މިހާރު އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުން އިތުރު ކުރުމަށް ވެސް އަންނަނީ "ވެލްކަމް އިންޑިއާ" ފަދަ އެކި ކެމްޕެއިނެއް ފެށި އެވެ. އަދި އިންޑިއާގެ ޓޫރިޒަމް އެކްސްޕޯތަކުގައި ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އިންޑިއާ މާކެޓަށް ލޮޅުމެއް އައި ނަމަވެސް ޗައިނާ އާއި ހުޅަނގު ޔޫރަޕުގެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން، ޖުމްލަ ޓޫރިސްޓުންގެ އަދަދު ކުރީ އަހަރުތަކަށް ވުރެ ގިނަ އެވެ.

އެގޮތުން މި މަހުގެ 24، ގެ ނިޔަލަށް 1.45 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސަންޓުގެ އިތުރުވުމެކެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،465 ޓޫރިސްޓުން އަންނަ އިރު، 7.7 ދުވަހު ރާއްޖޭގައި މަޑުކުރެ އެވެ.