Advertisement

ބޭންކިން ސިސްޓަމަށް ޑޮލަރު އިތުރު ކުރަން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި

26 ސެޕްޓެންބަރު 2024 - 12:03 0

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ޑޮމެސްޓިކް ބޭންކުތަކަށް ޑޮލަރު ވެއްދުމަށް ފެންނަ ގޮތުގެ ހިޔާލު ވިޔަފާރިވެރިންނަށް ހުށަހެޅި -- ފޮޓޯ: އެމްއެމްއޭ


ބޭންކިން ސިސްޓަމަށް ޑޮލަރު އިތުރު ކުރަން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި

26 ސެޕްޓެންބަރު 2024 - 12:03 0

ބޭންކިން ސިސްޓަމުގެ ތެރޭގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރު ކުރަން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އިއްޔެ ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާންމެއް ނުކުރެ އެވެ.

ނަމަވެސް ކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ އަދަދު އިތުރު ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

ޑޮލަރު އިތުރު ކުރަން އެމްއެމްއޭއިން ފެންނަ ގޮތްތަކެއް އެ ބައްދަލުވުމުގައި އެމްއެމްއޭއިން ހުށަހެޅި އެވެ. އަދި ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް ފެންނަ ހައްލުތަކެއް ވެސް އެ ބައްދަލުވުމުގައި ހުށަހެޅި ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ.

ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު އެނގޭނެ ހިސާބުތަކެއް މިދިޔަ އަންގާރަ ދުވަހު އެމްއެމްއޭއިން ވަނީ އާންމުކޮށްފަ އެވެ. ހިސާބުތަކުން އެނގޭ ގޮތުގައި ރިސޯޓުތަކުން މިދިޔަ އަހަރު ބޭންކުތަކަށް މާރު ކުރީ 68 މިލިއަން ޑޮލަރެވެ. ނަމަވެސް އާމްދަނީގެ ގޮތުގައި ރިސޯޓުތަކަށް މިދިޔަ އަހަރު 4.5 ބިލިއަން ޑޮލަރު ލިބުނެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގުގައި ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ޑޮލަރުގެ ސާކިއުލޭޝަން އިތުރު ކުރުމުގެ މަގްސަދުގައި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ސަރުކާރުން ވަނީ މިފަހުން ނިންމައިފަ އެވެ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރު ކުރަން މަޖުބޫރު ކުރަން ވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.

މި ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، ޑޮމެސްޓިކް ބޭންކުތަކަށް ޑޮލަރު ވެއްދުމާމެދު ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ހިމެނޭ ގޮތަށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ކަންބޮޑުވުންތަކުގެ މައިގަނޑު އެއް ސަބަބަކީ، ވިޔަފާރީގެ މުޅި ރެވެނިއުއިން ވަކި ޕަސެންޓޭޖެއް ބޭންކުތަކަށް މާރު ކުރަން ސަރުކާރުން ބޭނުންވުމެވެ. ވިޔަފާރީގެ ފައިދާއިން ވަކި މިންވަރެއް ބޭންކުތަކަށް މާރު ކުރުމާމެދު ވިޔަފާރިވެރިންގެ ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އެނގިފައިވެ އެވެ.