27 ސެޕްޓެންބަރު 2024 - 20:06 0
މުހައްމަދު ޝަހްޒާން
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް: އެންމެ ދެކެން ބޭނުންވަނީ ދިވެހި ޒުވާނުން ދެތިން ރިސޯޓުގެ އޯނަރުންނަށްވާ ދުވަސް ދެކެން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
27 ސެޕްޓެންބަރު 2024 - 20:06 0
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް، ދިވެހި އެއްވެސް ރައްޔިތަކު ނުކުރުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް މިއަދު ގޮވައިލައްވައިފި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް ފައިސަލް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސާދަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ޕީސް" ކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ މަންފާ އެންމެ އެކަށޭނެ ގޮތުގައި ހޯދުމަށް ގައުމުގެ ހަމަޖެހުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވޭ ކަމަކުން އޭގެ ސަބަބުން، އޭގެ އިމްޕެކްޓު ވަރަށް ބޮޑަށް މިތަނަށް އަންނަ ފަތުރުވެރިންގެ ތެރޭގައި، އަދި ދުނިޔޭގެ ސަމާލުކަމަށް ވެސް އެކަން އައިސްފިއްޔާމުން އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް، އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަކީ، އަދި ފަތުރުވެރިކަމަށް ދިވެހިން މިހާރު ވެސް ތިބަހައްޓާ ޝައުގުވެރިކަން އިތުރަށް ބަހައްޓައިގެން އަދި އިތުރަށް މީގެ ތެރޭގައި ވީހައިވެސް ގިނައިން ފަތުރުވެރިކަމުގެ ދާއިރާއިން އެކި ގޮތްގޮތުން ދިވެހިން މި ސިނާއަތުގައި ކުރި އަރައި ދިޔުމަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް،" ފައިސަލް ވިދާޅުވި އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ފޮނުއްވައި ދެއްވި މެސެޖުގައި ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ދިވެހި ޒުވާނުން ވަދެ އިންވެސްޓު ކުރުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ދެކެން ބޭނުން ޒުވާނުން މީގެ ތެރެއަށް ވަދެ ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓުކޮށް އަދި އެ ބޭފުޅުންނަކީ މީގެ 15-20 އަހަރު ފަހުން ތިން ހަތަރު ރިސޯޓު އޯން ކޮށްގެން ތިއްބެވި ބޭފުޅުންނަށް ވާތަން ދުށުމަކީ އަޅުގަނޑުގެ ހުވަފެނެއް،" ފައިސަލް ވިދާޅުވި އެވެ.
1980 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަ ކުރަމުން އަންނަނީ ފަތުރުވެރިކަން ކުރިއަރައި ދިޔުމުގެ ތެރެއިން އުފެދޭ ގުޅުންތައް ވަރުގަދަވެ، އެކި ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކަށް މީހުން އަހުލުވެރިވުމަށް ބާރު އެޅުމުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަ ކުރީ ޖޯޖިޔާގަ އެވެ. މީގެ ކުރިން، 2013 ވަނަ އަހަރު ރާއްޖޭގައި ވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް، ރަސްމީކޮށް ފާހަގަ ކުރި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މިވަގުތަށް އެންމެ ބޭނުން ޖެހިފައި އޮތީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ޓާމިނަލް ހުޅުވުން ކަމަށް ފައިސަލްގެ މެސެޖުގައި ވިދާޅުވި އެވެ.
މިހާރު އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތުން، އަންނަ ޑިސެމްބަރު މަހު އެތަން ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"މި އުއްމީދު ކުރަނީ މިއަހަރުގެ ޑިސެމްބަރު މަހު ތެރޭގައި އެ ޓާމިނަލް ހުޅުވައިލެވޭނެ ކަމަށް، އަދި މުޅި އެއާޕޯޓް ފުލީ ފަންކްޝަން ކުރެވޭވަރު، މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނުވަތަ ދެވަނަ ކުއާޓާގައި އަޅުގަނޑުމެންނަށް އެކަން ވެސް ކުރެވިގެން ދާނެ ކަމަށް، އެ ހިސާބުން އެއީ އަޅުގަނޑުމެންނަށް 7.5 މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ، އެއީ ވަރަށް ބޮޑު ކުރިއެރުމެއް،" ފައިސަލް ވިދާޅުވި އެވެ.
އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުމުން އިތުރު އެއާލައިންތައް ރާއްޖެއަށް އަންނަން ފަށާނެ ކަމަށާއި އެ ޓާމިނަލް ހުޅުވުމާއެކު، ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ކުވެއިތު ފަންޑާއި ސައޫދީ ފަންޑާއި އަބޫދާބީ ސަރުކާރުގެ އިތުރުން އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން 350 މިލިއަން ޑޮލަރު ނަގައިގެންނެވެ.
އެ މަޝްރޫއު މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ދެ ފަންގިފިލާއަށް ހުންނަ ޒަމާނީ ފެންވަރުގެ އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. އެ ޓާމިނަލާއެކު މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ.
ޓާމިނަލް ތަރައްގީކުރެވުމާއެކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ, މިހާރަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އާދެވޭނެ މަގުފަހިވާނެ އެވެ.
Comment