Advertisement

ޕެސެންޖާ ޝިޕްތަކާއި ޔޮޓްތަކުގެ އެޖެންޓުކަން ކުރެވޭނީ ސަތޭކަ ޕަސެންޓު ދިވެހި ވިޔަފާރިތައް ކަމަށް ކަނޑައަޅައިފި

26 ސެޕްޓެންބަރު 2024 - 10:40 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ބޭރުގެ ކްރޫޒްޝިޕަކުން މާލެއަށް މީހުން ފައިބަން ކުޑަ އުޅަނދެއް ކައިރިކުރަނީ. ރާއްޖެ އަންނަ ބޭރު ބޯޓުތަކުން ނަގާ ފީތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޕެސެންޖާ ޝިޕްތަކާއި ޔޮޓްތަކުގެ އެޖެންޓުކަން ކުރެވޭނީ ސަތޭކަ ޕަސެންޓު ދިވެހި ވިޔަފާރިތައް ކަމަށް ކަނޑައަޅައިފި

26 ސެޕްޓެންބަރު 2024 - 10:40 0

ބޭރުގެ ޓޫރިސްޓް އުޅަނދުތައް ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ގަވައިދަށް ބަދަލު ގެނެސް، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދެއްގެ އެޖެންޓުކުރަން ކުރެވޭނީ 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިސްލާހުގައި، ގަވައިދުގެ ތިން ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްފައިވެ އެވެ.

އެ މާއްދާގެ (ނ)ގެ ގޮތުގައި އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދެއްގެ އެޖެންޓްކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި ހަމަ އެކަނި ދިވެހިން ތިބޭ ކުންފުނިތަކަށެވެ.

އެފަދަ ކުންފުންޏެއްގެ ޕާޓްނަރުންގެ ގޮތުގައި އެހެން ޕާޓްނަޝިޕެއް ނުވަތަ ސޯލް ޕްރޮޕްރިއޭޓާ ޝިޕެއް ހިމެނޭ ނަމަ އެ ޕާޓްނަޝިޕެއް ނުވަތަ ސޯލް ޕްރޮޕްރިއޭޓާޝިޕްގެ ބައިވެރީންގެ ގޮތުގައި ވެސް ތިބެން ޖެހޭނީ ދިވެހިންނެވެ.

ގަވައިދަށް ގެނައި އަނެއް ބަދަލަކީ ރާއްޖެއަށް ބަނދަރުކުރާ ކްރޫޒްޝިޕެއް ނުވަތަ ޔޮޓަކުން އަންނަ ޓޫރިސްޓުންނާ އެކު، ރާއްޖެއަށް އެހެން ގޮތަކުން (ރިސޯޓަކަށް ނުވަތަ ގެސްޓްހައުސްއަކަށް) އައިސް ތިބޭ ޓޫރިސްޓުންނަށް އެކްސްކާޝަންތަކަށް ނުދެވޭ ގޮތަށް ގެނެސްފައި އޮތް ބަދަލެކެވެ.

ގަވައިދުގެ ހަތަރު ވަނަ މާއްދާއަށް އިތުރުކުރި އެ މާއްދާގެ (ރ) ގައިވާ ގޮތުން، ބޭރުން އަންނަ އުޅަނދުގެ ފަޅުވެރިންނާއި ޕަސިންޖަރުން އެކްސްކާޝަންތަކަށް ދާއިރު އެކަމުގައި އެ މީހުންގެ އިތުރުން ބައިވެރިވެވޭނީ ގަވައިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓުއަގައިޑުންނަށް އެކަންޏެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުތައް ރާއްޖެއަށް ބަނދަރުކުރުމާއި ރާއްޖޭގައި ދުއްވުމަށް ޕެސެންޖާ ލައިސަންސް ދޫކުރާ އިރު އަގު ނަގާ އުސޫލަށް ވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިސްލާހުގައި ކުޑަ ކުޑަ ބަދަލެއް ގެެނެސްފައި ވެ އެވެ.

ގަވައިދުގައި ކުރިން އޮތް ގޮތުން ދިގުމިން 75 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުތަކުން ޕެސެންޖާ ލައިސަންސް ފީއެއްގެ ގޮތުގައި ނަގަނީ ދުވާލަކަށް 700 ޑޮލަރެވެ.

އެ ބަޔަށް ގެނައި ބަދަލަކީ 75 މީޓަރަށް ވުރެ ދިގު 100 މީޓަރަށް ވުރެ ކުރު އުޅަނދުތަކުން ލައިސަންސް ފީއަށް 650 ޑޮލަރު ނެގުމާ އެކު 100 މީޓަރަށް ވުރެ ދިގު، ކްރޫޒް ލައިނާ ނޫން އުޅަނދުތަކަށް ވަކި ކެޓަގަރީއެއް ހަދައި އެ ކެޓަގަރީއަށް 750 ޑޮލަރު ނަގާ ގޮތަަށް ހަމަޖެއްސުމެވެ.