Advertisement

ލަންކާގެ ބޮޑުވަޒީރަކަށް ހަރިނީ އައްޔަނުކޮށް، ގާނޫނު ހަދާ މަޖިލިސް އުވާލައިފި

25 ސެޕްޓެންބަރު 2024 - 06:16 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްރީލަންކާގެ ބޮޑުވަޒީރުކަމާ ޑރ. ހަރިނީ (ވ) ހަވާލުވެވަޑައިގެންވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޮ: ދަ ހިންދޫ


ލަންކާގެ ބޮޑުވަޒީރަކަށް ހަރިނީ އައްޔަނުކޮށް، ގާނޫނު ހަދާ މަޖިލިސް އުވާލައިފި

25 ސެޕްޓެންބަރު 2024 - 06:16 1

ސްރީ ލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް ގާނޫނު ހަދާ މަޖިލީހުގެ ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އަށް ނިސްބަތްވާ މެންބަރު ޑރ. ހަރިނީ އަމަރަސޫރިޔާ އައްޔަނުކޮށް، ގާނޫނު ހަދާ މަޖިލިސް އުވާލައިފި އެވެ.

ލަންކާގެ ބޮޑުވަޒީރު ކަމަށް، އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އައްޔަން ކުރެއްވި ޑރ. ހަރިނީ ވެގެން ދާނީ އެ މަގާމު ފުރުއްވާ އެންމެ ތައުލީމީ މީހާ އަށެވެ. އޭނާ އަކީ ޔުނިވާސިޓީ ލެކްޗަރާއެއްގެ އިތުރުން ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެކެވެ.

ޑރ. ހަރިނީއަކީ ލަންކާގެ ބޮޑުވަޒީރަކަށް އައްޔަނު ކުރެވުނު ތިންވަނަ އަންހެން ބޭފުޅާ އެވެ. އެ ކަމަނާގެ އިތުރުން އަންހެން ބޭފުޅަކަށް ބޮޑުވަޒީރުކަން ފުރުއްވީ ސިރިމަވޯ ބަންޑާރަނައިކެ އަދި ޗަންޑްރިކާ ބަންޑާރަނައިކެ ކުމާރަޓުންގަ އެވެ.

އެ ކަމަނާ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެއްވީ އެންޕީޕީގެ ނެޝަނަލް ލިސްޓުގައި ހިމެނިވަޑައިގެން 2020 ގައެވެ.

ބޮޑުވަޒީރަކަށް ޑރ. ހަރިނީ އައްޔަނު ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޑިސަނަޔަކެ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމައި، އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ޑިސަނަޔަކެ ނިންމެވީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 14، ގައި ބާއްވައި، އާ މަޖިލިސް ހުވާކޮށް ފުރަތަމަ ޖަލްސާ ނޮވެމްބަރު 21، ގައި ބޭއްވުމަށެވެ.

އޭގެއިތުރުން ގާނޫނު ހަދާ މަޖިލީހުގައި ވާދަކުރައްވާ ބޭފުޅުން އޮކްޓޯބަރު 4، އިން ފެށިގެން އޮކްޓޯބަރު 11، ގެ ނިޔަލަށް ނޮމިނޭޝަންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ވެސް ޑިސެނަޔަކެ ނިންމެވި އެވެ.