about 6 hours 0
އަހުމަދު އާއިދު
ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ ޑްރަގު އަތުލައިގެން މައްސަލާގައި އެ ބޯޓުން ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު --- ފޮޓޯ: ފުލުހުން
about 6 hours 0
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލާގައި އެ ބޯޓުން ހައްޔަރުކުރި ސްރީ ލަންކޭގެ ފަސް މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
އެ މީހުންގެ ވަނަވަރު ހާމަކޮށް ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ފަސް ފިރިހެނުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ހދ. މަކުނުދޫ ބޭރުން "އަށެންގުތަ" ނަމަކަށް ކިޔާ މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފްއިންނެވެ. ފުލުހުންނަށް ޑްރަގު ފެނުނީ އެމްއެންޑީއެފްއިން މި ބޯޓު އަތުލައިގަތުމަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވީ މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނިއިރު، މިހާތަނަށް މި މަސްތުވާތަކެއްޗަކީ ރާއްޖޭގެ ޑްރަގު ނެޓުވޯކަކާ ގުޅިގެން އެތެރެ ކުރަން އުޅުނު ތަކެތި ކަން ކަށަވަރު ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
Comment