Advertisement

ހަރަދު ކުޑަކުރަން އަންގާފައި އޮއްވައި މޯލްޑިވްސް ގޭސްގެ ލޯގޯ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަނީ

25 ސެޕްޓެންބަރު 2024 - 13:22 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވްސް ގޭސްގެ ގޭސް ފުޅިއެއް: އެ ކުންފުނިން މިހާރު ވެސް ބޭނުން ކުރަމުންދަނީ 1999 ވަނަ އަހަރު ކުންފުނި ވުޖޫދު ކުރިއިރު ވެސް ބޭނުން ކުރި ލޯގޯ -- ފޮޓޯ: މޯލްޑިވްސް ގޭސް


ހަރަދު ކުޑަކުރަން އަންގާފައި އޮއްވައި މޯލްޑިވްސް ގޭސްގެ ލޯގޯ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަނީ

25 ސެޕްޓެންބަރު 2024 - 13:22 4

ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަންގާފައި އޮއްވައި މޯލްޑިވްސް ގޭސްގެ ލޯގޯ އަލުން ޑިޒައިން ކޮށްދޭން ފަރާތެއް ހޯދަން އެ ކުންފުނިން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް ގޭހުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ލޯގޯ ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ މި އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ދެވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް ގޭސްގެ އޮފީހުގައި ކަމަށެވެ.

އެ ސެޝަންއަށް ނުދާ އެއްވެސް ފަރާތަކަށް ބިޑު ހުށަ ނޭޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭހުގެ ލޯގޯ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން އިއުލާނު ކުރިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިމަހުގެ ތިންވަނަ ދުވަހު ވަނީ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމަށް އަންގައި ސާކިއުލާއެއް ފޮނުވައިފަ އެވެ.

ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައި ވާތީ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކުން ވެސް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވާ އިތުރު ހަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތް ރޭވުމަށް އެ ސާކިއުލާގައި ޕީސީބީން އަންގާފައިވެ އެވެ.

އޭގެ އިތުރުން ވެސް ކޮންމެހެން ވަޒީފާއަށް ނަގަންޖެހޭ މުވައްޒަފަކަށް ނޫނީ ވަޒީފާ ނުދިނުމަށާއި ކުންފުނިތަކުން ކުރާ ދަތުރުތަކުގެ ހަރަދު ވީހައިވެސް ބޮޑަކަށް ކުޑަ ކުރަން އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އެ އެންގުމުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން މަދު ކުރަން ފަށާފައިވާއިރު، ޑޮލަރުން މުސާރަދެމުން އައި އެމްއޭސީއެލްއިން ވަނީ ރުފިޔާއިން މުސާރަ ދޭން ފަށައިފަ އެވެ.

މޯލްޑިވްސް ގޭހުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ ލޯގޯ ޑިޒައިން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ބިޑު އެވޯޑު ކުރާނީ އިވެލުއޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިޔުމަށްފަހު ކަމަށެވެ. އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭހުން މިހާރު ބޭނުން ކުރަމުންދާ ލޯގޯ އަކީ 1999 ވަނަ އަހަރު އެ ކުންފުނި ވުޖޫދުކޮށް ހިދުމަތް ދޭން ފެށިއިރު ވެސް ބޭނުން ކުރަމުންދާ ލޯގޯ އެވެ.