28 ސެޕްޓެންބަރު 2024 - 09:57 0
މުހައްމަދު ނަސީމް
އާޓް ވޯކް: އިސްމާއީލް އިމްދާދު
28 ސެޕްޓެންބަރު 2024 - 09:57 0
"ތިޔަތަން ކޮނެފައި އެހެރަ ތަނުގައި ހުރަސްތޮށްޓެއް ލައިފިއްޔާ މިއޮތް ދިމާ ގިރައި ހުސްވާނެ،" މިއީ ހިލަތޮށި ބަނދަރުތައް ރާއްޖޭގައި ހަދަން ފެށި ދުވަސްވަރު އެ މަޝްރޫއުތައް ކުރިއަށް ދިޔަ ރަށްރަށުގެ ހޮޅުއަށި ތަކުން އާއްމުކޮށް އިވުނު ޖުމްލަ އެކެވެ. އޭރުގައި ތިބި މުސްކުޅިން ދެއްކި ވާހަކަ އެކެވެ.
އޭރުގައި ތިބި ބައެއް ޒުވާނުން ބުނަމުން ދިޔައީ އެ ހުރިހާ ކަމަކަށް ވިސްނައިގެން ރަށް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އެކަހަލަ ވާހަކަ ދައްކައިގެން މަޝްރޫއު ލަސްވެދާނެތީ އެކަހަލަ ވާހަކަ ދެއްކި މީހުންނާ ފޮށި ހާރުވާފައި ވެސް އެބަ ހުށްޓެވެ.
އެކަމަކު މިހާރު ކޮންމެ އަހަރަކު އެތައް ފަހަރަކު މި އިވޭ ހަބަރުތަކަކީ އޭރު ދެއްކި ވާހަކަތަކަށް ރިއާޔަތް ނުުކުރުމުގެ ނަތީޖާ އެވެ. ފަޅު ކޮނުނު ފަހުން އުފެދުނު ކިތަންމެ "ގިރާ ސަރަަހައްދެއް" ކިތަންމެ ރަށެއްގައި އެބަ ހުށްޓެވެ. އެއް ފަޅުގައި އޮތް ދެރަށް ގުޅައިލަން އެޅި ކޯޒްވޭއާ އެކު އުދައިގެ ގެއްލުން ބޮޑުވި ރަށްރަށް އެބަ ހުއްޓެވެ.
ވޯލްޑް ބޭންކުން އެންމެ ފަހުން ޝާއިއު ކުރި "ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމެންޓް ރިޕޯޓް" ގައި ތަފްސީލުކޮށް އޮތީ ކުރުކޮށް ބުނާ ނަމަ ރަށްފުށުގެ ހަރުމީހުން އޭރު ފާޅުކުރި ކަންބޮޑުވުންތަކެވެ. ތަފާތަކީ މިއީ ސައިންޓިފިކް ގޮތުން ދިރާސާކޮށް އެކުލަވައިލާފައިވާ އާރުލާ ރިޕޯޓަކަށް ވުމެވެ.
އެ ރިޕޯޓްގައި މައިގަނޑު ފަސް ކަންބޮޑުވުމެއް ފާހަގަކޮށްފައި އެބަ އޮތެވެ.
މޫސުމަށް އަނަނަ ބަދަކުލުތަކުގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތައް
ވޯލްޑް ބޭންކްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 1992 ވަނަ އަހަރުން ފެށިގެން ކަނޑުގެ ލޮނުގަނޑު އަހަރަކު އުފުލެމުން އައީ އެންމެ ހަތަރު މިލިމީޓަރަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ފިނިހޫނުމިން މިހާރު މަތިވަމުންދާ ގޮތަށް މަތިވާ ނަމަ، ރާއްޖޭގައި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އަހަރަކު ހައެއް ނުވަތަ 12 މިލިމީޓަރަށް މަތިވެދާނެ ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ލަފާކޮށްފައި ވެ އެެވެ.
ލަފާކުރުންތަކުގައިވާ އެންމެ މަތީ މިންވަރަށް ލޮނުގަނޑު އުފުލޭ ނަމަ އެކަމުގެ ބޮޑު ގެއްލުން ރާއްޖެއަށް ކުރިމަތިވާނީ ދުއިސައްތަ ތިންސަތޭކަ އަހަރަކުން ނޫނެވެ. ވަރަށް ދުރުގައި އޮތް ކަމަށް ހީކުރެވުނަސް މީގެ އެންމެ ފަންސަވީހަކަށް އަހަރު ފަހުން، 2050 ވަނަ އަހަރު އެކަން އައިސް ލައިގަންނާނެ އެވެ.
އެންމެ ބޮޑުވަރު ނުވަތަ "ވޯސްޓްކޭސް ސިނާރިއޯ" ގައި 2100 ވަނަ އަހަރާ ހިސާބަށް ދާއިރު ބައި މީޓަރަށް ނުވަތަ 0.9 މީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ބެލެވޭތީ އެވެ.
ރިޕޯޓްގައި ލަފާކޮށްފައިވާ ގޮތުގައި އެގޮތަށް ކަންތައް ވެއްޖެ ނަމަ 2050 ވަނަ އަހަރު އަންނަ އިރު ފެންބޮޑުވުމުގެ ސަބަބުން ހަލާކުވާ މުދަލުގެ ނިސްބަތް 3.3 ޕަސެންޓަށް އަރާނެ އެވެ.
މޫސުމަށް އަންނަ ބަދަލަށް، ރަށްތަށް ގުދުރަތީ ގޮތުން ހޭނެމުން އައި، އެކަމަކު އެކަން ނެތިދާނެ
ވޯލްޑް ބޭންކްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މޫސުމަށް އައި ބަދަލުތަކަށް ރާއްޖޭގެ ރަށްތައް މީގެ ކުރިން އައީ ހޭނެމުންނެވެ. އެކަމުގެ ބިންގަލަކީ ރާއްޖޭގެ ކަނޑުތަކުގައި އޮތް ވެލި އުފެދުމުގެ ނިޒާމެވެ. އަހަރަކު ތިނެއް ނުވަތަ ހަތަރު މިލިމީޓަރަށް އުފުލެމުން ދިޔަ އިރު ވެސް ރަށްރަށް ގިރައި، ބިން ގެއްލެމުގެ މައްސަލަ ކުރިމަތިވީ އެ ރިޕޯޓުގައިވާ ގޮތުން އެންމެ ތިން ޕަސެންޓް ރަށްތަކަށެވެ. އަދި 59 ޕަސެންޓް ރަށްތަކަށް ބިން އިތުރުވި އިރު 38 ޕަސެންޓް ރަށްތަކަށް ބަދަލެއް ނާދެ އެވެ.
އެހެން ނަމަވެސް ވެލި އުފެދި، ރަށްތައް ހޭނުމުގެ އެ ނިޒާމަށް، ފަރުތައް ހަލާކުވުމުގެ ސަބަބުން މިހާރު ވަނީ ބުރޫއަރައިފަ އެވެ.
ކާރިސާ ތަކުގެ ސަބަބުން ޖީޑީޕީ ދަށަށް ދިއުން
މުޅި ދުނިޔޭގައި ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު މަތީގައި ހުރެ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އިތުރުވަމުން ދާ ނަމަ ރާއްޖޭގެ ޖީޑީޕީ 11 ޕަސެންޓުން ދަށަށް ދާނެ ކަމަށް ވޯލްޑްބޭންކްގެ ރިޕޯޓްގައި ލަފާކޮށްފައި ވެ އެވެ.
އެކަން އެހެން ދިމާވާ ސަބަބަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ގެއްލުން ކުޑަކުރުމަށް ޓަކައި އަޅަން ޖެހޭ އެޑަޕްޓޭޝަން ފިޔަވަޅުތަކަށް ކުރަން ޖެހޭނެ ހޭދައާއި ރާއްޖޭގެ ދަރަނީގެ ޓްރެޖެކްޓަރީ ހުރި ގޮތެވެ.
ރައީސް ޑރ.،މުހައްމަދު މުއިއްޒުގެ ކްލައިމެޓް އެންވޯއީ އަލީ ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެކަމުގައި އޮތް އެންމެ ބޮޑު ގޮންޖެމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން ކުރަން ޖެހޭ މަސައްކަތްތައް ( އެޑަޕްޓޭޝަން މަސައްކަތްތައް) ކުރަން ހަރަދުކުރުމުގެ ބަދަލުގައި ކާރިސާތަކާ ގުޅިގެން ވަގުތުން ވަގުތަށް ކުރަން ޖެހޭ ހަރަދުގެ ބޮޑުކަމެވެ.
"މިސާލަކަށް ފެންބޮޑުވީމާ އެ ލިބޭ ގެއްލުން، އަޅުގަނޑުމެންނަށް ލިބޭ އިންކަމްކޮޅު މި ޖެހެނީ އިމަޖެންސީއަށް ހަރަދުކުރަން، ކުރަން ހުރި އަސްލު ކަންތައް ބަހައްޓާފައި، އެހެންވީމާ މި ވާ ގޮތަކީ އަބަދުވެސް މި އުޅެން ޖެހެނީ ކަމެއް ރަނގަޅުކޮށްލަ ކޮށްލައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލިބޭ އާމްދަނީ އިމަޖެންސީ ތަކަށް ހަރަދުކުރަން ޖެހުމުން ކްލައިމެޓް އެޑަޕްޓޭޝަން އަށް ހަރަދުކުރާނެ ފައިސާ ރާއްޖެެއަށް ހޯދަން ޖެހެނީ ބޮޑެތި ލޯނުތައް ނަގައިގެންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖޭގެ ޖީޑީޕީއަށް ކުރަނީ މިގޮތަށެވެ.
ދުނިޔެ ހޫނުވާތީ މުރަކަ މަރުުވުމުގެ ނުރައްކާ
ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތައް މަރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުމެއް އޮތް މައްސަލަ އެވެ. ރާއްޖެއިން މިހާރު ވެސް ވަނީ އެކަމުގައި ވަރަށް ހިތި ތަޖުރިބާތަކެއް ކޮށްފަ އެވެ.
މީގެ މިސާލަކީ 1998 ވަނަ އަހަރު ކުރިމަތިވި ގައު ހުދުވުމުގެ މައްސަލަ އެވެ. އެފަހަރު ރާއްޖޭގައި މުރަކައިން ލިބޭ ހިމާޔަތުގެ ނިސްބަތް 70 ޕަސެންޓުން އެންމެ 10 ޕަސެންޓަށް ވެއްޓުނެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު ، ގާ ހުދުވުމުގެ މައްސަލަ އަނެއްކާވެސް ކުރިމަތިވުމާ ހަމަައަށް ކުރީގެ ގެއްލުންތައް ގާތްގަނޑކަަށް އިއާދަވި އެވެ.
މުރަކަ މަރުވުމަށް ފަހު، އަލުން އާލާވުމަކީ އެހެން ހިނގާ ކަމަކަށް ވިޔަސް އެކަމަށް ވަގުތު ނަގަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާ ގޮތަކީ ގާ ހުދުވުމުގެ އެއް ކާރިސާއާ އަނެއް ކާރިސާއާ ދެމެދު ހޭދަވާ މުއްދަތު ކުރުވުމެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓް އެކުލަވައިލަން ހެދި ދިރާސާގައި ބޭނުންކުރި މޮޑެލުން ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ މުރަކައެއް މަރުވާނެ އެވެ.
އެހެން ނަމަވެސް މިފަދަ ކޮންމެ ދިރާސާއެެއްގައި ލަފާކުރާ ލަފާކުރުން ތަކަކީ އަކުރުން އަކުރަށް ދިމާވާނެ ކަންކަމެއް ނޫނެވެ. އެކަމުގައި ރާއްޖޭން އަމަލުކުރާ ގޮތްތަކަކުން ނުރައްކާ ކުޑަ ވެސް ކުރެވިދާނެ އެވެ.
ރިޕޯޓްގައި ވޯލްޑްބޭންކުން ފާހަގަކޮށްފައިވާ، މަތީގައި އެވާ ކަންބޮޑުވުންތަކަކީ އެންމެ ގޯސްކޮށް ކަންތައް ވާ ނަމަ ކުރިމަތިވާނެ ގެއްލުންތަކެވެ. އެ ގެއްލުންތައް އެހިސާބަށް ދިޔަނުދީ ކުޑަކުރެވިދާނެ ގޮތްތައް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި އެބަ ހުއްޓެވެ.
މިސާލަކަށް ފެންބޮޑުވުމުގެ ސަބަބުން ވެދާނެ ގެއްލުންތައް، ރަށްތައް ހިއްކުމާއި ތޮށި ޖެހުމާއި ގޮނޑޮދޮށް ހިމާޔަތްކުރަން ކުރާ މަސައްކަތްތައް ވަކި ގޮތަކަށް ބައްޓަންކޮށްފި ނަމަ ކުޑަކުރެވޭނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ މި ގެއްލުންތައް ކުޑަކުރުމަށް ޓަކައި އަޅަން ޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މާލީ އިސްލާހުތައް ގެނެސް، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމެވެ.
"މިކަމުން ދައްކައިދެނީ މާލީ އިސްލާހުތައް ގެނެސް ޑެޓް ޕްރޮފައިލް ރަނގަޅުކޮށް، އެޑަޕްޓޭޝަނަށާއި އަލުން ބިނާކުރަން ހަރަދުކުރުމުގައި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމުގެ މުހިއްމުކަމެވެ،" ރިޕޯޓްގައި ބުނެފައި ވެ އެވެ.
މޫސުުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި ރާއްޖޭން ގެންގުޅެން ޖެހޭ އެންމެ މުހިއްމު އެއް ވިސްނުމަކީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހުރިހާ ރަށަކަށް އެއް ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ކޮންމެ ރަށެއްގެ ތިމާވެށްޓަށް ވަކިވަކިން ރިއާޔަތްކޮށް، އެ ރަށަކާ ގުޅޭ ހައްލެއް ހޯދުމެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ކުރެވިދާނެ ފަސް ކަމެއް އޮންނަ އިރު ބަލަން ޖެހޭނީ ކޮން އެރަށަކާ އެންމެ ގުޅޭނީ އޭގެ ތެރެއިން ކޮން ގޮތެއް ތޯ އެވެ.
އެއް ގޮތަކީ ބޮޑު ހިލަ ނުވަތަ ކޮންކްރީޓު ތޮށިގަނޑު ޖެހުމެވެ. އަނެއް ގޮތަކީ ފެންބޮޑުވިޔަސް އަސަރުނުކުރާނެހެން އިމާރާތް ކުރުމެވެ. ނުހިއްކައި، ތަނބު ޖަހައިގެން ފަޅުތެރޭގައި އިމާރާތް ކުރުމަކީ މީގެ މިސާލެކެވެ.
ތިން ވަނަ ގޮތަކީ މުރަކަ އާލާކުރުމާއި ކަނޑޫފާތައް ހެއްދުމުގެ ތެރެއިން، ގުދުރަތީ ހިމާޔަތްތެރިކަން ވަރުގަދަ ކުރުމެވެ. ހަތަރުވަނަ ގޮތަކީ އުސްކޮށް ބިންހިއްކުމެވެ.
ވޯލްޑްބޭންކުން ލަފާ ދެނީ މި ގޮތްތަކުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް އެ ރަށަކާ ގުޅޭ ގޮތެއް އިހުތިޔާރުކުރުމެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކްލައިމެޓް އެންވޯއީ އަލީ ޝަރީފު ވިދާޅުވި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން އަަޅަން ޖެހޭ ފިޔަވަޅުތަކަށް ބައިނަލް އަގުވާމީ ފަންޑިން ހޯދަން، ވޯލްޑްބޭންކްގެ މިދިރާސާއާއި ކުރިން ކޮށްފައިވާ މިފަދަ ދިރާސާތައް ބޮޑު އެހީއަކަށް ވާނެ އެވެ. އެއީ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ވާ ގެއްލުން އެ އިދާރާތަކަށް ފަސޭހައިން ގަބޫލުކުރެވޭނީ މިފަދަ ސައިންޓިފިކް ހެކިތަކާ އެކު އެވާހަކަ ދައްކައިގެން ކަމަށް ވާތީ އެވެ.
"ފުރަތަމަ ކަމަކީ ފަންޑިން ހޯދަން [ލިބޭ ބާރަކަށް ވުން]. ރާއްޖެއަކީ މިހާރު މިޑުލް އިންކަމް ކަންޓްރީއެއް ދެއްތޯ، އެހެންވީމާ ފަންޑިން އަކަށް ކުރީގައި ޑިވެލޮޕިން ކަންޓްރީއެއްގެ ގޮތުގައި އޮތް އިރުހާ ފަަސޭހައެއް ނުވާނެ މިހާރު އެކްސެސް ހޯދާކަށް. ދެން އަނެއްކާ އިންފޮމޭޝަން އޭޖަކަށް ވަނީމާ މިވާ ގޮތަކީ ފަންޑިން ހޯދަން ދާއިރުގައި އަޅުގަނޑުމެންގެ ޕްރޮޕޯޒަލްތަކުގައި ވެސް އެވިޑެންސް ރަނގަޅަށް ޑޮކިއުމެންޓް ވެފައި ހުރޭތޯ އެބޭފުޅުން ވެސް ބަލާ،" ޝަރީފު ވިދާޅުވި އެެވެ.
ވޯލްޑްބޭންކްގެ ރިޕޯޓްގައި މިހާރުގެ ހާލަތު ރަނގަޅަށް ބަޔާންކުރުމާ އެކު ކުރިއަށް ލަފާކުރާ ގޮތްތައް ވެސް އެބަ އޮތެވެ.
"އެހެންވީމާ ފައިސާ ހޯދަން މިކުރެވޭ މަަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ މިގޮތަށް ހެދިފައި ހުރި އެސެސްމެންޓްތަކުން،" ޝަރީފް ވިދާޅުވި އެވެ.
ރިޕޯޓުގައި ލަފާ ދީފައިވާ ގޮތާއި ރާއްޖޭގައި މަސައްކަތް ކުރާ ގޮތް ދިމާވޭތޯ "އަދަދު" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ކުރިއަޅާ އަޅައި ބަލާއިރު ރާއްޖޭގައި މިހާރު މަސައްކަތްކުރާ ގޮތް ރަނގަޅު ކަމަށެވެ. އެންމެ ރަނގަޅު މިސްރާބަށް އެކަން އަދި ނުގޮސް އޮވެދާނެ ކަން އޭނާ ވެސް އެކަމަކު ގަބޫލުކުރައްވަ އެވެ.
ހަމަ މިކަހަލަ އެވިޑެންސް ތަކަށް ބިނާ ކުރެވި، މިހާރު އެކަން އެ ކުރަނީ [ތަރައްގީގެ މަޝްރޫއުތައް އެ ހިންގަނީ. އެހެންވީމާ ޖެނެރަލް ކޮށް ދަންނަވާ ކަމަށް ވަންޏާ އެޑަޕްޓޭޝަން ޕާސްޕެކްޓިވް އަށް ފިއުޗާގެ އެކްސްޓްރީމް ރިސްކްތަކަށް ކޮންސިޑަރޭޝަން ދެވިގެން މިހާރު އެކަން އެކުރެވެނީ،" ޝަރީފު ވިދާޅުވި އެވެ.
މިރިޕޯޓް ފަށަމުން ވެސް ބުނިހެން، ތިމާވެށްޓަށް އެންމެ ފައިދާހުރި ގޮތަށް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަވާނެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން އުޅޭ ނަމަ މީހުންގެ ނުރުހުން އެކަމަށް އަމާޒުވެ އެވެ.
ޖެހިގެން އޮތް ރަށުގައި ބޮޑު ހިލަ ބަނދަރެއް ހަދާގައި މިރަށުގައި ކަނޑަށް، ނުވަތަ ވިލަށް ޖެޓީއެއް އެޅުމަކީ ބަލައިގަނެވޭ ކަމަކަށް ނުވެ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިމާވެށީގެ މައްސަލަތަކުގައި ގިނައިން އަޑު އުފުލެއްވި އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މީހުން ހޭލުންތެރި ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރާތީ ވާ ގޮތެކެވެ.
"މީހުން ތިމާވެށްޓާ ބީރަށްޓެހިވަނީ ކީއްވެތޯ ދެނެގަނެ، އެއަށް އަހުލުވެރިކުރުމަށް ޓަކައި މިސާލަކަށް ސްކޫލް ސިސްޓަމް ތެރެއިން ވެސް މަސައްކަތް ކުރެވިދާނެ، އަދި ހަމަ ދައުލަތުގެ މީޑިއާގެ ވެސް އެބަހުރި ހަމަ ގާނޫނީ ޒިންމާތަކެއް،" އޭނާ ވިދާޅުވި އެވެ.
ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރި ނުކުރެވުމަކީ އޭނާ ސިފަކުރެއްވި ގޮތުގައި ދައުލަތެއްގެ ގޮތުގައި ރާއްޖޭގެ ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ. އެކަމުގައި މުޅި ދައުލަތުގެ ޒިންމާ އޮތް އިރު ކައުންސިލްތަކުގެ ޒިންމާ ވެސް ކުޑައެއް ނޫނެވެ.
"ތަރައްގީ އަކީ ދެމެހެއްޓެނިވި ތަރައްގީ ކަމަށް އަަޅުގަނޑުމެން ބަލައިގަނތްތާ މިހާރު ވިއްސަކަށް އަަހަރު ވެއްޖެ، ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް އަހަރެމެން ކިޔަނީ، އަދި ވަރަށް ރީތި ރާގުރާގަށް ދުނިޔޭގެ އެކި އެކި ފޯރަމްތަކުގައި އަޅުގަނޑުމެން [ރާއްޖޭން] ބޭނުންކުރާ ޓާމެއް އެއީ، އެކަމަކު އެއްވެސް ކުރަނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓްގެ ހަމައަކުން ނޫން،" ވަހީދު ވިދާޅުވި އެވެ.
މޫސުމަށް ބަދަލު އަންނަ ކަމާއި އެކަމުން ބޮޑެތި ގެއްލުން ލިބޭކަން ގަބޫލުކުރެވޭ ހިސާބަކީ އެކަން އައިސް ލައިގަތުން ކަމަށް ވެފައި މިވަނީ ހޭލުންތެރިކަން ކުޑަވީމަ އެވެ. ހަގީގަތަކީ މިހާރު ވެސް އެ ގެއްލުންތައް ވަމުން އަންނަ ކަމެވެ.
"ދެން ލޮލަށް އެއްޗެއް ފެނުނީމާ އަޅުގަނޑުމެންނަށް މި އިހުސާސްވަނީ، މިސާލަކަށް ގްލޯބަލް ވާމިން އޭ ކިޔަކިޔާ ތިއްބައި މިހާރު އިހުސާސްވާން ފަށައިފި ދެއްތޯ ހޫނުމިން އެބަ މަތިވާކަން، އިހުސާސްވާ ހޫނުމިން ސާޅީސް އެތައް ޑިގްރީއަކަށް މައްޗަށް ދިޔައިމާ އެބަ އިހުސާސްވޭ،"
ރަށް ގިރުމުގެ މައްސަލަ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ގަބޫލުކުރެވުނީ ހަމަ އެގޮތަށް ލޮލަށް ފެނުމުންނެވެ. އެ މައްސަލަ ނެތް ރަށެއް މިހާރު ނުވެސް ނެތޭ ބުނެވޭ ވަރަށް އެކަން ބޮޑުވެއްޖެ އެވެ.
ވޯލްޑްބޭންކްގެ މިފަހަރުގެ ދިރާސާގައި ފާހަގަކޮށްފައި އޮތް ނުރައްކާތަކާ މެދު ދެކެން ޖެހޭނީ ވަރަށް ސީރިއަސްކޮށް ކަމަށް ވަހީދު ގަބޫލުކުރައްވަނީ މިހެންވެ އެވެ.
"ހަގީގަތުގައި އެ ރިޕޯޓްގައި އެހެރަ ކަންތައްތައް ތަކަށް ބަލާއިރު ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ކުރާ މަސައްކަތްތައް ވަންނަންވީ ޑިފެންސް މިނިސްޓްރީގެ ޒިންމާގެ ތެރެއަށް، އެހާ ވެސް ގެއްލުން ބޮޑުކޮށް މިހާރު މިފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ވޯލްޑްބޭންކްގެ މި ރިޕޯޓަށް ކަމާ ބެހޭ ހުރިހާ އިދާރާއަކުން ރިއާޔަތްކުރަން ޖެހެ އެވެ. ސިޔާސީ ގޮތުން ވިސްނުމުގެ ބަދަލުގައި ތިމާވެށީގެ ނަޒަރަކުން މަޝްރޫއުތަކާ މެދު ވިސްނަން ޖެހެ އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ސިފަތައް ތަފާތުކަން ގަބޫލުކޮށް، ކޮންމެ ރަށަކަށް އެރަށަކާ އެންމެ ގުޅޭ ހައްލެއް ހޯދަން ޖެހެ އެވެ.
ކޮންމެ ރަށަކަށް ބޮޑު ހިލަ ތޮށްޓަކުން ނުފުދޭނެ އެވެ. އެހެން ކިތަންމެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.
ރާއްޖޭގައި މާހައުލީ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް އެންމެ އާއްމުކޮށް ކުރާ އެއް ކަމަކީ ފަޅުކޮނެ، ބޮޑު ހިލައާއި ކޮންކްރީޓްގެ ތޮށިގަނޑުތައް ލައިގެން ހަދާ ބަނދަރުތައް ހެދުމެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޮޑު ހިލައިގެ ތޮށިގަނޑުތައް ޖެހުމަކީ ވެސް ކުރާ ކަމެކެވެ.
މީގެ ތެރެއިން ބަނދަރު ހެދުމުގެ މައްސަލައަށް ބަލައިލާ ނަމަ ކޮންމެ ރަށަކީ ފަޅު ކޮންނަން ޖެހޭ ރަށެެއް ނޫންކަން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ބަލައިލިޔަސް އެހުނީ ފެންނާށެވެ. އާބާދީގައި ދުއިސައްތަ ތިން ސަތޭކަ މީހުން އުޅޭ ރަށަކަށް ވުރެ، ގިނަ ދަތުރު ކޮންމެ ދުވަހަކު ކުރާނެ ކިތަންމެ ރިސޯޓެއްގައި ފަޅުކޮނެގެން ބަނދަރު ހަދައިފައެއް ނެތެވެ. އެ ރިސޯޓްތަކުގައި ލަފާ ފުރުމަށް ޓަކައި ހަމަޖައްސާފަައި ހުރި އިންތިޒާމަކީ ވިލަށް އަޅާފައިވާ ފާލަންތަކެވެ.
އެކަމަކު ހަމަ އެގޮތަށް ވިލަށް ފާލަން އަޅައިގެން ހަމަޖެއްސޭ ގޮތަށް ހުރި، މީހުން އުޅޭ ރަށްތަކުގައި އޮތީ ކޮނެގެން ބަނދަރު ހަދައިފަ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގައި ވެސް ކަންހުރީ މިގޮތަށެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހުރި ގޮތްތަކުގެ ތެރެއިން ކޮންކްރީޓާއި ބޮޑުހިލައިގެ ތޮށިލުން (ގްރޭ އެންޖިނިއާޑް މެޝާސް)ގެ ބަދަލުގައި ގުދުރަތީ ގޮތްތައް (ނޭޗާ ބޭސްޑް ސޮލިއުޝަންސް) އެބަ ހުއްޓެވެ. އެއީ މުރަކަ އިންދައި އާލާކުރުމާއި ކަނޑޫފާ (މެންގްރޫވް) އާލާކުރުން ފަދަ ގޮތްތަކެވެ.
ގުދުރަތީ އެ ގޮތްތައް ބޮޑަށް ބޭނުންކޮށްފައި ހުރީ ވޯލްޑް ބޭންކްގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ފަދައިން ރިސޯޓްތަކުގަ އެވެ.
Comment