Advertisement

ރައީސްގެ ހާރިޖީ ސިޔާސަތުން ފެންނަނީ ހުސް ނިފާގުކަން

25 ސެޕްޓެންބަރު 2024 - 08:39 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރައީސްގެ ހާރިޖީ ސިޔާސަތުން ފެންނަނީ ހުސް ނިފާގުކަން

25 ސެޕްޓެންބަރު 2024 - 08:39 3

މީގެ އަހަރެއް ކުރިން ސެޕްޓެމްބަރު 2023, ގައި އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަތުން ޕީއެންސީއަށް ވެރިކަން ފުރޮޅުނު މައިގަނޑު ސަބަބަކީ ހާރިޖީ ސިޔާސަތުގައި ހުރި ތަފާތުތަކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު އުފެއްދި ނަފުރަތާއި ރުޅިވެރިކަން ވެގެންދިޔައީ އާހިރުގައި އެ ވެރިކަން ނިމި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިސް ޑިޕްލޮމެޓަށް ވުމުގެ މައިގަނޑު އަސާސަށެވެ.

އެންމެ ގާތް އަވަށްޓެރިޔާގެ ގޮތުގައި އޮތް އިންޑިއާއާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭން ވެގެންދިޔައީ މުޅި އިންތިހާބުގެ އޮއިވަރު ބަދަލުވެގެންދިޔަ ވަރުގަދަ ކެމްޕޭން އުކުޅަކަށެވެ. އޭގެ ފަހުން ބޯކެޔޮވަލަކު ހުޅުލީހެން ފެތުރުނު "ޗާގޯސް މައްސަލަ" ވެގެންދިޔައީ އެ ވެރިކަމުގެ ސަންދޯކުގައި ޖެހި ފަހު މޮހޮރަށެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އާންމުވިއިރު ވަގުތު ފާއިތުވެއްޖެ އެވެ. އިންތިހާބު އޮތީ އެމްޑީޕީއަށް ގެއްލިފަ އެވެ.

ދިވެހިންގެ ހިތުގައި ޖަހަނީ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ފަހުރުވެރި ވިންދެވެ. ޒަމާނުއްސުރެއް ކަންއޮތީ އެހެންކަން ވަރަށް ރަނގަޅަށް ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ, ދޮގު މައުލޫމާތާއި އޮޅުވައިލުމުގެ ތެރެއިން އެ ޖަޒުބާތާއި ޖޯޝާއި ގައުމިއްޔަތުގެ ފައިދާ އެމަނިކުފާނާއި ކެމްޕޭނުން ވަރަށް ފުރިހަމައަށް ނެންގެވި އެވެ.

ވެރިކަމަށް އަހަރެއް ނުވަނީސް އޭރު އިންތިހާބު ކާމިޔާބު ކުރަން ދެއްކި ވާހަކަތައް ސައިބޯނި ބޮކިތަކަށްވެ ނިމިއްޖެކަން ހާމަވެއްޖެ އެވެ. އެ ވާހަކަތަކަށް އަމިއްލައަށް އިއުތިރާފުވެވަޑައިގަތުމުގެ އިތުރުން އަމަލުން ވެސް ރައީސް މުއިއްޒު އެމަނިކުފާނުގެ ދެފުށްދެގޮތްކަން ސާބިތު ކޮށްދެއްވައިފި އެވެ. މުޅި ސަރުކާރުގެ ހާރިޖީ ސިޔާސަތުން ވެސް ފެނި ހާމަވަނީ އެ ނިފާގު ކަމެވެ.

ނިފާގުކަމުގެ މާނަ


ދިވެހި ބަހުގެ ރަދީފުގައި ނިފާގުކަމަކީ ދެފުށްގޮތްކަމެވެ. މިއީ އިނގިރޭސި ބަހުގައި އޮންނަ "ހިޕޮކްރަސީ" ގެ ބަދަލުގައި ބޭނުންކުރާ ދިވެހި ބަހެވެ.

އިންޑިއާ ބޮޑުކޮށް "އިން"

"އިންޑިއާ އައުޓް" ކެމްޕޭނަކީ މިފަހުގެ ތާރީހުގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގައި ޖެހުނު އެންމެ ބޮޑު ލައްގަނޑެވެ. އިންޑިއާގެ ބޮޑުވަޒީރު ސިފަވާގޮތަށް މާލި ހަދައި, އެ ގައުމުގެ ދިދައިގައި ކުރަހައި ރާއްޖޭގައި އުޅެމުންދާ އިންޑިއާ ޓީޗަރުންނާއި, ނަރުހުންނާއި އަދިވެސް އެ ނޫން ރައްޔިތުންނަށް ފުރައްސާކުރީ ހާރިޖީ ގުޅުންތަކާއި ދޭދޭ ގުޅުންތަކާ މެދު އެއްވެސް ވަރަކަށް ވިސްނާ ނުލަ އެވެ.

ކެމްޕޭނުގައި ރައީސްގެ ބަސްމަގު އިންޑިއާއާ މެދު ބެހެއްޓެވީ އެއީ މި ގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި ދެއްކުމަށެވެ. ކޮންމެ ޖަލްސާއެއްގައި ކޮންމެ އިވެންޓެއްގައިހެން އިންޑިއާއަށް ރާއްޖެ އަޅުވެތިވެފައިވާ ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.

އެހެންވެ, އެމްއެންޑީއެފްއިން ބޭނުންކުރަމުންދިޔަ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރާއި އެ އޮޕަރޭޓު ކުރުމަށް މިތާ ތިބި އިންޑިއާ ސިފައިން ބޭލުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ވައުދެވެ.

ވެރިކަމަށް އައުމުގެ ކުރިން ވިދާޅުވީ ރާއްޖޭގައި 2,000 އަށްވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށެވެ. އެކަމަކު, ދައުލަތުގެ ހުރިޔާ ލިޔެކިޔުމެއް ބަލައި އަތްފުނާ އަޅައިގެން ވެސް ރައީސް މުއިއްޒުއަށް 80 ސިފައިން ހަމަނުކުރެވުނެވެ.

ކުލަ ހެދުމުގައި ވެސް ސިފައިން ތިބުން ބަލައިނުގަންނާނެ ކަމަށް ކެމްޕޭނުގެ އަށް ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ. "ކުލަ ހެދުމެއް ނޫން ގަންޖުފަރާހުގައިވެސް ބޭރު ސިފައިންނަށް މި ގައުމުގައި ނުތިބެވޭނެ" ކަމަށް ވިދާޅުވި އެވެ.

ނަމަވެސް, ދެން ހިނގީ އެމަނިކުފާނުގެ ހާރިޖިއްޔާގެ ނިފާގުކަން އެއަށްވުރެ ބޮޑަށް ފާޅުވި ކަމެކެވެ. މި ގައުމުން ބޭލި 76 ސިފައިން ކުލަ ހެދުމުގައި އަނބުރާ ރާއްޖެއަށް ގެނައީ އެވެ.

ހައިޑްރޯގްރަފީ އެއްބަސްވުން ވެސް ބާތިލުކުރާނެ ކަމަށް ވިދާޅުވުމަށް ފަހު އެގޮތަށް ވެސް އަމަލެއް ނުކުރެވެ އެވެ. އެ އެއްބަސްވުން އާ ނުކުރަން ނިންމީ އެވެ. ބާތިލު ކުރީއެއް ނޫނެވެ. ހާމަކުރަން ބުނި އެންމެ އެއްބަސްވުމެއް ވެސް ހާމަނުކުރެވެ އެވެ. މަޖިލީހުން ވެސް އެ މަސައްކަތް ކުރުން ރައީސް ހުއްޓުވައިފި އެވެ.

ވެރިކަމުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން އިންޑިއާއަށް ރާއްޖެ ބުލީ ނުކުރެވޭނެ ކަމަށް މޭފުއްޕާފައި ވިދާޅުވުމަށް ފަހު އެ ހުރިހާ ވާހަކައެއް ވެސް އަމަލުން އަނބުރާ ގެންދަވައިފި އެވެ. އެއާ އެމްބިއުލާންސް ފަށައި ގްރައުންޑް ކުރި ހެލިކޮޕްޓަރާއި ޑޯނިއާ މިހާރު އަނެއްކާ ވެސް އުދުހެނީ އެވެ. މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ދުބާއީ މަގުން ވަޑައިގަތީ އެވެ. ދެކުނުގައި އަޅަން ދެކޮޅު ހެދި ކޮންސިއުލޭޓު ވެސް އަވަސްވޭތޯ އުޅެނީ އެވެ. އާ ރާޑަރު ސްްޓޭޝަނެއް ވެސް ގާއިމުކުރަން މަޝްވަރާ ކުރަނީ އެވެ. ސަލާން ޖަހަން ނުދާނެ ކަމަށް ވިދާޅުވުމަށް ފަހު ކޮންމެ ދެތިން މަހަކުން އިންޑިއާ ސަރުކާރުގައި އާދޭސް ވެސް ދަންނަވަނީ އެވެ.

ހަރުދަނާ ހާރިޖީ ސިޔާސަތެއް ނެތުމުން މި ސަރުކާރު ހަމަ ރަނގަޅަށް ވެސް އިންޑިއާގެ އުނގުގައި ހެޔޮހިތުން ރުހުމާ އެކު އިއްތައިލައިފި އެވެ. ނޮވެމްބަރުގައި އިންޑިއާއަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މި ނިފާގުކަން އިތުރަށް ހާމަވާނެ އެވެ.

ގެއްލުނު ކަނޑުގެ ވާހަކަ ވެސް ގެއްލިއްޖެ

ސެޕްޓެމްބަރު 2, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމެއް ނެތް މިހާރު. މި ބޭރުގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުވެސް ގެއްލިގެން މިދިޔައީ. އަޅުގަނޑުމެން މަސްކަނޑުން ބޮޑު ބައެއްވެސް ގެއްލިގެން މިދިއައީ މި އަޅުވެތި ކަމުގެ ސަބަބުން.

ސެޕްޓެމްބަރު 5, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

"އަޅުގަނޑުމެން ވަށައިގެންވާ ބައުންޑަރީ އޭގެ އެއްބައި ދޫކޮށްލާ ކަނޑުން ބައެއް ދޫކޮށްލާ އަޅުގަނޑުމެން ރާއްޖޭގެ ޖާގަ ވެސް ކުޑަވެ ވަރަށް ގިނަ ކަންތައް، ހަމައެކަނި ގެއްލުނީ ކަނޑެއްނޫން، ކަނޑު އަޑީގައި ހުރި ހުރިހާ ތަނެއްވެސް."

ސެޕްޓެމްބަރު 7, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

"ވަރަށް ބިރުގަންނަންޖެހޭ. ފިތްކަނޑައިގެން ދާންޖެހޭ ކަހަލަ ކަންތައްތައް. ރާއްޖޭގެ ކަނޑުން އެތައްހާސް އަކަ ކިލޯމީޓަރެއް އެއްވެސް ކަހަލަ ގާނޫނީ ހަމަތަކެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ސިޓީ އަކުން ދޫކޮށްލީ."

ސެޕްޓެމްބަރު 8, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

"އެއްވެސް އެންގުމެ ނެތި ސިއްރު ސިޓީއަކުން އަޅުގަނޑުމެންގެ ކަނޑުގެ, މަސްކަނޑުގެ, އެތައް ހާސް އަކަކިލޯމީޓަރެއް އެއްވެސް އަސާސެއް ނެތި, ގާނޫނު ހަދާ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ދޫކޮށްލިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ."

ސެޕްޓެމްބަރު 24, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

"އަމަލީގޮތުން އަޅުގަނޑުމެންގެ މިނިވަންކަން މިވަނީ އަމިއްލަ އަތުން ބީވެގެން ގޮސްފައި. ކަނޑު ވިއްކާލައިފި. އަޅުގަނޑުމެންގެ އެކި އެކި ސަރަހައްދުތައް، އެކި އެކި އެގްރިމެންޓްތައް ހަދާ ހަވާލުކުރެވިއްޖެ."

ސެޕްޓެމްބަރު 26, 2023 ގައި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު

"ކިތަންމެ ވަރަކަށް ހަދަހަދައިގެން ވާހަކަ ދެއްކިއަކަސް ކަނޑު ވިއްކާ ނުލާ ކަމަކަށް ނުވާނެ."

މަތީގައި ހިމަނާފައި މިވަނީ ރާއްޖޭގެ ދެކުނުން ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ބަޔާ ގުޅޭގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އޭރު ކެންޑިޑޭޓު މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކެވެ. މިކަމުގައި އެމަނިކުފާނު ގެންގުޅުއްވި ރެޓޮރިކް ނުވަތަ ބަސްމަގު ވެސް ބިނާވީ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ދެން ތިބި ކެންޑިޑޭޓުންނަކީ ގައުމާ ދެކޮޅު ބައެއް ކަމަށް ދެއްކުމަށެވެ.

ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް މި ސަރުކާރުން ވައުދުވި އެވެ. ނަމަވެސް, އެކަން އެގޮތަކަށް ނުކުރެ އެވެ.

ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިޔާން ހިމެނޭ ކޮމިޓީއަކުން އެ މައްސަލާގައި އެކުލަވާލި ރިޕޯޓު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ.

ރައީސް އޭރު ކެމްޕޭނުގައި ދެއްކެވީ ސީރިއަސް ވާހަކަތަކެކެވެ. އުޝާމް ވެސް ކުރީ ސަފުން ފެނުނު "ފޯޅަވަހި ކޯލިޝަން" ގެ ޖަލްސާތަކުގައި ދެއްކި ވާހަކަތައް މިއަދު ސަރުކާރަށް އައުމުން ހަނދާނެއް ނެތެވެ. ހާރިޖީ ސިޔާސަތާ ގުޅޭ މިފަދަ ބޮޑު ވާހަކައެއްގެ އަޑެއްބަޑެއް މިހާރު ނީވެ އެވެ.

ގެއްލުނު ކަނޑު އަނބުރާ ހޯދުމުގެ ވައުދު ދެކުނުން ގެއްލުނު ކަމަށް ބުނާ ކަނޑަށް އަރަގުވެ ނިމިއްޖެ އެވެ. އެ ވާހަކަ ދެއްކީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ފަލަސްތީނުގެ ނަމުގައި ޖަހަމުންދާ ސިޔާސީ މެޑަލް

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހާރިޖީ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު ނިފާގުކަމެއް ފެންނަނީ ފަލަސްތީނުގެ ނަމުގައި ޖަހަމުންދާ ސިޔާސީ މެޑަލުންނެވެ. ކޮންމެ ވެރިޔަކު ހުއްޓަސް މި ދިވެހިފަސްގަނޑުގައި ފަލަސްތީނަށް އޮތް ލޯތްބާއި ގަދަރު ނެތި ނުދާނެ އެވެ. އެއީ ތާރީހު ދައްކައިދީފައި އޮތް ހަގީގަތެކެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ އިޒްރޭލުގެ އުދުވާނު މިއިން ދުވަހަކު އަނިޔާވެރި ނުވާ ވަރަށް ވެގެންދިޔައިރު ގިނަ ދިވެހިން އެދެމުން ދިޔައީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށެވެ. ކުޑަކުޑަ ގައުމެއްގެ ގޮތުން ދިވެހިރާއްޖެއަށް ކުރެވެން އޮތީ އެފަދަ ކަންކަމެވެ.

ޕާސްޕޯޓެއް ބޭން ކުރުމަކީ ސީދާ ރައީސަށް އޮތް ބާރެއް ކަމަށްވާއިރު ގާނޫނެއް މެދުވެރިކޮށް އެކަން ކުރަން ކަމަށް ބުނެ ހާސަރުދަމުންދާތާ 200 އަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަން އޮތީ ތާށި ކޮށްލާފަ އެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރި ކަމަށް ބުނެ ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ހަބަރު އަދިވެސް އެގޮތަށް އެބައޮތެވެ. އެކަމަކު މި ގައުމަށް އިޒްރޭލު ޕާސްޕޯޓުގައި އަދިވެސް އެތެރެވެވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލުހޭދަ ހިންގުމަށް އެންމެ ވާގިވެރިވަނީ އެމެރިކާ އެވެ. އެ ކަމުގެ އަޑީގައި އޮތީ ވެސް އެމެރިކާ އެވެ. އެ ކަމަށް ފަންޑު ކުރަނީ ވެސް އެމެރިކާއިންނެވެ.

ކަންމިހެން އޮތްއިރު ވެސް މިފަހުގެ ތާރީހެއްގައި އެމެރިކާ ސަރުކާރާ އެންމެ ބަދަހި ގުޅުމެއް ބާއްވަމުން ދަނީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. އެމެރިކާގެ ޕްރެޒެންސް ރާއްޖޭގައި މިދިޔަ 10 މަހުގެ ތެރޭގައި ވަރަށް ބޮޑުތަނުން އިތުރުވެއްޖެ އެވެ. ރާއްޖޭގައި ފައި ވިއްދަން އެމެރިކާއިން ކުރަމުންދާ ހުރިހާ ކަމަކަށް މި ސަރުކާރުން ދަނީ ވާގިވެރިވަމުންނެވެ.

--

ހާރިޖީ ސިޔާސަތުން ވެސް ފެންނަނީ ނިފާގު ކަމެވެ. ރައީސް މުއިއްޒުގެ ބަހާއި އަމަލުން ވެސް ފެންނަނީ ހަމަ އެ ނިފާގު ކަމެވެ. ވެރިކަމަށް އައުމާއި ދެމެހެއްޓުމުގައި ވެސް އިސްކުރައްވަމުން އެ ގެންދަނީ ނިފާގު ކަމެވެ. އެ ނިފާގު ކަމުގެ އާހިރު އަގަކީ ދައުލަތަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކެވެ. އެ ނިފާގު ކަމުގެ މުސީބާތް ޖެހޭނީ އާންމު ދިވެހިންނަށެވެ.