Advertisement

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމާއި ޕީޕީއެމްގެ މުސްތަގުބަލް!

26 ސެޕްޓެންބަރު 2024 - 06:45 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ޕީއެންސީއަށް މެންބަރުން އިތުރު ކުރުމާއި ޕީޕީއެމްގެ މުސްތަގުބަލް!

26 ސެޕްޓެންބަރު 2024 - 06:45 1

ފުރަތަމަ ރިޔާސީ ޓިކެޓެވެ. ގަދަ ފިޔާތޮށި ކުލައިން މުޅި ރާއްޖެ ދިއްލާލައިގެން ކުރި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފަހު، ތަހުތު ކަށަވަރުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ފާޅުކަން ބޮޑުކޮށް ޕީއެންސީގެ ކުލައިން ރޮނގު ދަމައިލެއްވި އެެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ބާރުވެރިކަން ފުރިހަމައަށް ލިބިވަޑައިގަތުމާއެކު، އަވަސްވެވަޑައިގަތީ ޕީޕީއެމް "އުވައިލުމަށެވެ."

ޖުލައި 31 ގައި އެ ވާހަކަ އަދަދު ނޫހުގައި ޝާއިޢުކޮށްފައިވެ އެވެ. އެއަށް ފަހު ވޭތުވެދިޔަ މުއްދަތުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް މެންބަރުން އައީ އެ ކަންބޮޑުވުން މި ނޫހާ ތަކުރާރުކޮށް ހިއްސާ ކުރައްވަމުންނެވެ. އެބޭފުޅުންގެ ހިތްވަރު މި ވަގުތަށް ހުރީ އެ މިންވަރުގައި ކަމަށް ވެދާނެ އެވެ.

ޕީޕީއެމް އުވައިލުމުގެ ނިޔަތުގައި އެންމެ ބާރަށް ކުރަމުން ގެންދާ މަސައްކަތަކީ މެންބަރުން ޕީއެންސީއަށް ކަހައިލުމެވެ. އެކަމަށްޓަކައި ހާއްސަ މަސައްކަތްތަކެއް، އެންމެ އިސް ލީޑަޝިޕުން ފެށިގެން ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމުގައި ފޮރުވިފައި އޮތް އަމާޒަކީ ޕީޕީއެމް ބަލިކަށިކޮށްލުމާއި އުވައިލުމެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. އެ ޕާޓީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މި އަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުން ދައްކާ ގޮތުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ޕީއެންސީގެ ދަފުތަރުގައި ތިބީ 28،983 މެންބަރުންނެވެ. ނަމަވެސް، މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 75،000 މެންބަރުން ހަމަކުރުމަށްޓަކައި ހަރަކާތްތައް ހުރީ މެކުހުގަ އެވެ.

ސަރުކާރުގެ ބައެއް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެ އަމާޒު ހާސިލުކުރަން މަޖިލީހުގެ ކޮންމެ މެންބަރަކު 300 މީހުން، ވަޒީރަކު 500 މީހުން، އަދި ކޮންމެ އެސްއޯއީއެއްގެ މެނޭޖިން ޑިރެކްޓަރުން 1،000 މީހުން ޕާޓީއަށް ވައްދަންޖެހެ އެވެ. މި ނަންބަރުންތަކަށް ބަލާއިރު، 22 ވަޒީރުންނަށް ޖުމުލަ 11،000 މީހުން ޕީއެންސީ އަށް ވެއްދޭނެ އެވެ. މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 75 މެންބަރުންނަށް 22،500 މީހުން ޕާޓީއަށް އިތުރުކޮށް ދެވޭނެ އެވެ.

އިދިކޮޅުގައި ޕީޕީއެމް އޮތްއިރު ކުރި މުޒާހަރާއެއްގައި ފުލުހުންގެ ފާރެއް އަތުރާލާފައި. -- ފޮޓޯ: އަދަދު


އަމާޒު ހާސިލު ވާނެތަ؟

ޕީއެންސީގެ އަމާޒާ އެއްގޮތަށް މަޖިލީހުގެ މެންބަރުންނާއި ވަޒީރުން އަދި އެސްއޯއީތަކުގެ އެމްޑީންގެ ފަރާތުން ޕާޓީއަށް އަލަށް ވައްދާ މީހުންނާއެކު މެންބަޝިޕް 75،000 އެރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެކަން ވެދާނެތޯ، އެއީ ޕީއެންސީ/ޕީއެމްއެމްގެ މެންބަރުން ވެސް އުފައްދާ ސުވާލެވެ.

ބައެއް ވަޒީރުންނަކީ ދުވަހަކު ވެސް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންނެއް ނޫނެވެ. ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވިޔަސް، އަދި އެ ގާބިލުކަން ހުއްޓަސް، ބައެއް ވަޒީރުންނަށް 500 ފޯމު ހަމަ ކުރެއްވުން ވެފައިއޮތީ ބުރައަކަށެވެ.

"ބައެއް ވަޒީރުންނަށް މިއީ ވަރަށް އުނދަގޫ ކަމެއް. ކިހިނެއްތޯ އެ އަދަދު ހަމަކުރާނީ ވަޒީރަކު އަޅުގަނޑު ގާތު ވިދާޅުވި،" މި ސަރުކާރުގެ ވެރިޔަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު މިހާތަނަށް އީސީގެ ދަފުތަރުގައި ސިޔާސީ ޕާޓީއަކަށް 75،000 މެންބަރުން ހަމައެއް ނުކުރެވިފައެއް ނެތެވެ. ކުރިއަށް ވުރެ ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުން މިހާރު މަދުވުމާއެކު، ޕީއެންސީގެ އަމާޒު ހަމަކުރުމަކީ ނާދިރު ކަމެއް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ގަބޫލު ކުރައްވަ އެވެ.

"އެއީ ވުން ދުރު ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މީހުން ޕާޓީ ބަދަލު ކުރަން ބޭނުމެއް ނުވޭ. ނަމަވެސް މަސައްކަތް އެބަ ކުރަން. ކޮންމެ ފޯމެއް 100 ރުފިޔާ އަށް ފުރަމުން މިދަނީ،" ދާދި ފަހުން ދިމާވި މެންބަރަކު ހިނިގަނޑެއް ޖަހާލާފައި ވިދާޅުވި އެވެ.

އެ ވިދާޅުވި ވާހަކަ މާބޮޑަށް ތިލަ ނުކުރިޔަސް، އެއީ މުޖުތައުމުގެ ކޮން ބްރެކެޓެއްގައި ތިބި ބައެއްގެ ވާހަކަކަން ވިސްނާލުމުން އެނގޭނެ އެވެ.

އެ އަގަށް ފޯމް ފުރައިދޭނީ އެންމެ މެންބަރަކަށް ނޫނެވެ. އެކަން މެންބަރުން ވެސް ގަބޫލު ކުރައްވަ އެވެ. އެހެންވެ، ޕީއެންސީގެ މެންބަޝިޕް ޑްރައިވްގައި ބޮނޑި ބޮނޑިއަށް ފޯމުތައް ވެއްދިޔަސް، ތަކުރާރުވާ މީހުންގެ ފޯމު މަދެއް ނުވާނެ އެވެ.

އިލްތިމާސް އާއި ސިޔާސީ މުސްތަގުބަލު

އަމާޒު ހާސިލު ނުވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ޕީޕީއެމްގެ އިހުލާސްތެރި މެންބަރުން ޕީޕީއެމް ދޫކޮށްލަން ބޭނުން ނުވުމެވެ. ސިޔާސީ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ޕީއެންސީ އަށް ބަދަލުވިޔަސް، އޭގެ ތެރެއިން ވެސް ބައެއް ބޭފުޅުން ބަދަލުވީ ހިތާއި ރޫހަކުން ނޫނެވެ. އަދި މިހާރު ވެސް ޕާޓީ ބަދަލުނުކުރާ މީހުން ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި އެބަ ތިއްބެވެ. މަޖިލީހުގައި ޕީއެންސީ އަށް ނިސްބަތް ވިޔަސް، "ހިތް" ޕީޕީއެމްގައި އޮތް މެންބަރުން އެބަ ތިއްބެ އެވެ. އެއީ ސިއްރެއް ވެސް ނޫނެވެ.

"ޕީޕީއެމްގެ މެންބަރުން އެހެން ޕާޓީއަކަށް ބަދަލު ނުވެ ތިއްބެވުމަކީ އިލްތިމާސްއެއް. މިވަގުތު ޕީޕީއެމް މެންބަރުން ޕީއެންސީ އަށް ބަދަލުވުމަކީ، ރާއްޖޭގެ ސިޔާސީ ހަރަކާތަށް ވެސް ރަނގަޅު ބަދަލެއް ނޫން،" ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގައި ހިމެނޭ ބޭފުޅަކު ވިދާޅުވި އެވެ.

ކޮވިޑު ދުވަސްވަރު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


އީސީގެ ދަފުތަރު ދައްކާ ގޮތުން ޕީޕީއެމްގައި މިހާރު ވެސް 34،000 އަށް ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ބާރުގަދަ ގިނަ ބަޔަކު ހިމެނެ އެވެ. އެ ޕާޓީ އުވައިލަން ބޭނުންވާ އެއް ސަބަބަކީ އެފަދަ ބޭފުޅުން ދިރިގެން ދިޔަ ނުދިނުން ކަމަށް ގަބޫލު ކުރެވެ އެވެ.

"ގިނަ މެންބަރުންނާއި ވަޒީރުން ވެސް އެ މަސައްކަތް ކުރައްވަނީ ވަޒީފާގައި ތިއްބެވުމުން. އެހެން ނޫނީ ނުކުރެއްވީސް،" ޕީޕީއެމް/ޕީއެންސީގެ އިސް މެންބަރަކު ވިދާޅުވި އެވެ.

"އެންމެންނަށް ވެސް މެންބަޝިޕް ޑްރައިވްގައި ފޮރުވިފައި އޮތް ހަގީގަތް އެނގޭ. އެއި މިހާރު ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބޭފުޅުން ސިޔާސީ ގޮތުން ހަރަކާތްތެރިވިޔަ ނުދިނުން."

ޕީޕީއެމްގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންގެ ސިޔާސީ ނުފޫޒާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތުގެ ބިންވަޅު ނެގިފައިވާ ވަރުން އަދިވެސް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ހިންދެމިލެވޭނެ އެވެ. ނަމަވެސް އެކަން ވާނީ އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ "މައިބަދަ" ހުރެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މެންބަރުންނަށް ވާދަ ނުކުރެވުނީ، އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ބަލިކަށިކަމުންނެވެ.

އެހެންވެ، މިހާރު ޕީޕީއެމްގެ ލީޑަޝިޕަށް ނިންމަންޖެހިފައި އޮތީ، ހިތާއި ރޫހާ ދެކޮޅަށް މަސައްކަތް ކުރާނީތޯ އާއި އަމިއްލަ އަތުން ކަފުން އަޅައި، ސަންދޯކުގައި މޮހަރުޖަހާނީތޯ، ނޫނީ މައިބަދައިގަ ވަރު ޖައްސައި، ސިޔާސީ މުސްތަގުބަލަށްޓަކައި ހިންދެމިލާނީތޯ، ނިންމުމެވެ. ދަންފުޅިން ވެލި އެދަނީ މަދުވަމުންނެވެ.