Advertisement

މާލޭ މަގުމަތިން ޕާކިން ސްލޮޓު ކުއްޔަށް ދިނުން ހުއްޓާލަން ޓްރާންސްޕޯޓުން އަންގައިފި

23 ސެޕްޓެންބަރު 2024 - 20:27 0

އަމަން ހަލީމް

އަމަން ހަލީމް

އަމީނީ މަގުމުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް: މާލޭ މަގު މަތިން 1120 ޕާކިން ސްލޮޓް ކުއްޔަށް ދޫކޮށްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މާލޭ މަގުމަތިން ޕާކިން ސްލޮޓު ކުއްޔަށް ދިނުން ހުއްޓާލަން ޓްރާންސްޕޯޓުން އަންގައިފި

23 ސެޕްޓެންބަރު 2024 - 20:27 0

މާލެ މަގުތަކުގައި އާންމުން ބޭނުންކުރަން އޮންނަ ޖާގެ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ ކަމަށް ބުނެ ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދިނުން މިއަދުން ފެށިގެން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މީގެ ބޭނުމަކީ މާލެ ތެރޭގައި ވަގުތީ ގޮތުން ޕާކުކުރާނެ ޖާގަތައް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމާއި އެންމެނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޖާގަތައް ބޭނުން ހިފޭ ގޮތަށް ކަންކަން ފަހިކުރަން ފަށާފައިވާ މަސައްކަތަށް ފަހިކުރުމެވެ.

އިތުރު ޕާކިން ޖާގަތައް ކުއްޔަށް ދިނުން ހުއްޓާލުމުގެ އިތުރުން މިހާރު މާލޭ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް ޕާކިންއަށް ދޫނުކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ޓްރާންސްޕޯޓުގެ އިއުލާނުގައިވެ އެވެ.

މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު، 2022 ގަ އެވެ. އޭރު ވެސް ގިނަ ބަޔަކު ވަނީ ތޮއްޖެހި، ފުރި ބާރުވެފައިވާ މާލޭގެ މަގުމަތިން ޕާކިން ސްލޮޓްތައް ދޫކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދާފައިވާ މައުލޫމާތުން އެނގުނު ގޮތުގައި މި އަހަރުގެ މެއި މަހާ ހަމައަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 941 ޖާގައަކީ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ފަށައިގެން މި ނޫހަށް މައުލޫމާތު ދިން މުއްދަތާ ހަމައަށް ޕާކިން ޖާގަތަކުން އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.