23 ސެޕްޓެންބަރު 2024 - 10:21 0
ލީވާން އަލީ ނާސިރު
ލަންކާގެ އާ ރައީސް ޑިސަނަޔަކެ މަގާމުގެ ހުވާ ކުރެއްވުން -- ފޮޓޯ: އެކްސް
23 ސެޕްޓެންބަރު 2024 - 10:21 0
ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ، ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީ (ޖޭވީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކެ 55, ސްރީ ލަންކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ލަންކާގެ ނުވަ ވަނަ ރައީސް ކަމުގެ ހުވާ ޑިސަނަޔަކެ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ.
ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.
ލަންކާގެ ރައީސްކަމަށް ޑިސެނަޔަކެ އިންތިހާބުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ. އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.
ކުރު މުއްދަތެއް ތެރޭގައި މަޝްހޫރުކަން ހޯދައި ޑިސެނަޔަކެ ލަންކާ ގާނޫނު ހަދާ މަޖިލީހުން 2000 ގައި ޖާގައެއް ކަށަވަރު ކުރީ ނެޝަނަލިސްޓުންގެ ލިސްޓުގައި ހިމެނިގެންނެވެ. އެއާއެކު ސިޔާސީ މައިދާނުގައި ޑިސެނަޔަކެ ފިޔަ ޖަހަމުން ގޮސް 2014 ގައި ޖޭވީޕީގެ ލީޑަރުކަން ހޯއްދެވި އެވެ.
އިންތިހާބުވުމަށްފަހު ޑިސެނަޔަކެ ވިދާޅުވީ މިއީ ރައްޔިތުން ހޯދި ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީއާއެކު ގައުމަށް ބަދަލުތަކެއް ގެނެސް ހަމަޖެހުން ގާއިމު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އަދި އެންމެ މުހިންމީ ރައްޔިތުން ކަމާއި، ކޮންމެ ކަމަކަށް ގައުމު އިސްކުރާނެ ކަމަށް ވިދާޅުވި އެވެ.
Comment