23 ސެޕްޓެންބަރު 2024 - 08:41 2
ލީވާން އަލީ ނާސިރު
23 ސެޕްޓެންބަރު 2024 - 08:41 2
އިއްޔެ ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިހާބު، ވާތު ފިޔައިގެ ލީޑަރެއް ގޮތުގައި ފާހަގަކުރެވޭ އަނޫރާ ކުމާރާ ޑިސަނަޔަކެ 55, ކާމިޔާބު ކުރުމަކީ ހައިރާންކަށް ގެނުވި ކަމެކެވެ.
އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު ވެސް ސުރުހީތަކުގައި ފަލަ އަކުރުން ލިޔެފައި ހުރީ އިދިކޮޅު ކޯލިޝަނުގެ ލީޑަރު ސަޖިތު ޕްރެމަޑާސާ އާއި މިހާރުގެ ރައީސް، ރަނިލް ވިކްރަމްސިންހަގެ ނަމެވެ. ވޯޓު ގުނަން ފެށި ވަގުތުން ފެށިގެން ގޮސް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ވެސް ޑިސަނަޔަކެއަށް ވެރިކަން ލިބިދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވެސް ލަފައެއް ނުކުރެ އެވެ.
ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ސްރީލަންކާގެ ތާރީހުގައި ޑިސަނަޔަކެ ނިސްބަތްވެވަޑައިގަންނަވާ ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީ (ޖޭވީޕީ) ގެ ނަން ކަޅު ކުލައިން ލިޔެވިފައި އޮތުމާއި 225 ގޮނޑީގެ މައްޗަށް އެކުލެވިފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީން ތަމްސީލު ކުރަނީ އެންމެ ތިން ގޮނޑި ކަމަށް ވުމެވެ.
އެ ސަބަބުތައް ފަހަނައަޅައި ގޮސް ސްރީ ލަންކާގެ އިތުރުން އަވައްޓެރި ގައުމުތައް ވެސް އިއްޔެ ހައިރާން ކޮށްލީ އިންތިހާބުގެ ފުރަތަމަ ބުރުން 5.63 މިލިއަން ވޯޓު ހޯއްދަވައި އެގައުމުގެ ރިޔާސީ އިންތިހާބުގެ ތާރީހު ވެސް ޑިސަނަޔަކެ ބަދަލު ކޮށްލުމުންނެވެ. އޭނާއާ އާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތުއަށް ލިބިވަޑައިގެންފައި ވަނީ 4.36 މިލިއަން ވޯޓެވެ.
ވޯޓުގެ ފުރަތަމަ ގުނުމުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ހަމަ ނުވުމުން އެގައުމުގެ ތާރީހުގައި ވެސް އަލަށް ޕްރިފެރެންޝަލް ވޯޓުތައް ގުނަން މަޖުބޫރުވި އެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ވެރިކަމަށް ގެންނަން އެންމެ ބޭނުންވާ ތަރުތީބަކުން ތިން ކެންޑިޑޭޓަކަށް ވޯޓު ލެވެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ގުނަނީ ކޮންމެ ވޯޓެއްގެ ވެސް އެއްވަނައިގައި އޮންނަ ނަމަށް ބަލައިގެންނެވެ. ދެވަނައަށް އަދި ތިންވަނައަށް ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް ވޯޓު ކަރުދާހުގައި ޖެހި ފާހަގަތައް ގުނަން ފެށީ އެއްވަނަ ވޯޓުތައް ގުނިއިރު، އެއްވެސް ކެންޑިޑޭޓެއްގެ ވޯޓު 50 ޕަސެންޓަށް ނޭރުމުންނެވެ.
ޑިސަނަޔަކެއަށް އެންމެންގެ ލޯތަށް އަމާޒުވީ އެ ހިސާބުންނެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.
ލަންކާގެ އާ ރައީސް ޑިސަނަޔަކެ
އާދައިގެ އާއިލާއަކުން އައި ޑިސެނަޔަކެ އުފަންވީ ލަންކާގެ އަނޫރާދަޕުރާ ޑިސްޓްރިކްޓުގެ ވިލެޖެއް ކަމަށްވާ ތަމްބަޓެގަމާ އަށެވެ. އެއީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާ ގާތްގަނޑަކަށް 170 ދުރުގައި އޮންނަ ވިލެޖެކެވެ. އެ ވިލެޖުން އެކަނި ވެސް އޭނާއަށް 285،944 ވޯޓު ލިބިވަޑައިގެންނެވި އެވެ. އަދި ކޮލޮމްބޯއިން 629،963 ވޯޓު ހޯއްދެވި އެވެ.
ޑިސެނަޔަކެގެ ބައްޕައަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހަކަށް ވާއިރު މަންމަ ހުންނަނީ އާއިލާގެ ކަންކަމާ ހަވާލުވެ ގޭގަ އެވެ . އޭނާގެ އާއިލާގެ ބުރަ މަސައްކަތުން ޑިސެނަޔަކެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ސައިންސް ޑިގްރީއެއް ހާސިލް ކުރެއްވި އެވެ.
ކޮލެޖުގައި އުޅުއްވި ދުވަސްވަރު ކެމްޕަހުގައި ސިޔާސީ ކަންކަމުގެ ތެރެެއަށް ވަދެވަޑައިގަތެވެ. އެގޮތުން ސަރުކާރާ ދެކޮޅު ޖޭވީޕީއާ 1987 ގައި ގުޅި، ސޯޝަލިސްޓް ސްޓޫޑެންޓް އެސޯސިއޭޝަންގައި ނެޝަނަލް އޯގަނައިޒާއެއް ގޮތަށް 1995 އިން ފެށިގެން މަސައްކަތް ކުރެއްވި އެވެ. ޑިސެނަޔަކެ ޖޭވީޕީގެ ސެންޓްރަލް ވޯކިން ކޮމިޓީގައި ހިމެނިވަޑައިގެން، 1998 ގައި ޖޭވީޕީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރުކަން ކުރެއްވި އެވެ.
ޑިސެނަޔަކެގެ އަންބަކާއި ފިރިހެން ދަރިއެއް ހުރެ އެވެ.
ކުރު މުއްދަތެއް ތެރޭގައި މަޝްހޫރުކަން ހޯދައި ޑިސެނަޔަކެ ލަންކާ ގާނޫނު ހަދާ މަޖިލީހުން 2000 ގައި ޖާގައެއް ކަށަވަރު ކުރީ ނެޝަނަލިސްޓުންގެ ލިސްޓުގައި ހިމެނިގެންނެވެ. އެއާއެކު ސިޔާސީ މައިދާނުގައި ޑިސެނަޔަކެ ފިޔަ ޖަހަމުން ގޮސް 2014 ގައި ޖޭވީޕީގެ ލީޑަރުކަން ހޯއްދެވި އެވެ.
ޖޭވީޕީގެ ލީޑަރުކަމާ ހަވާލުވުމަށް ފަހު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޑިސެނަޔަކެ ވަނީ އޭނާގެ ޕާޓީން އޭގެ ކުރިން ހިންގާފައިވާ އެކި ކަހަލަ ލޭ އޮހޮރުވުންތަކަށް މައާފަށް އެދިފަ އެވެ. އެއީ އެ ޕާޓީގެ ތާރީހުގައި ވެސް ކުރިން ހިނގި ލާއިންސާނީ އަމަލުތަކަށް މައާފަށް އެދުނު ފުރަތަމަ ފަހަރެވެ. އެއާއެކު ޕާޓީގެ ބައެއް މެންބަރުންގެ ނުރުހުން އަމާޒުވި ނަމަވެސް، ޑިސެނަޔަކެ ގަބޫލުކުރާ ގޮތުގައި އެއީ ކުރަން ޖެހޭ ކަމެކެވެ.
ޓެމިލް ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން ކުރިއަށް ގެންދިޔަ އެތެރޭގެ ހަނގުރާމައިގައި ޖޭވީޕީން 2000 ގައި މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް އެއްބާރުލުން ދިނުން ޑިސެނަޔަކެ ސިފަ ކުރެއްވީ އެއީ ރަނގަޅު ކަމެއް ގޮތުގަ އެވެ.
ލަންކާއަށް ދިމާވި އިގުތިސާދީ ކާރިސާއާއެކު އެ ގައުމު 2022 ގައި ބަނގުރޫޓުވިއިރު އުފެދުނު މޫވްމަންޓުގައި އިސްކޮށް ހަރަކާތްތެރިވީ ޑިސެނަޔަކެ ލީޑު ކުރައްވަމުން ގެންދެވި ޖޭވީޕީ އެވެ. އެ ޕާޓީން ދިޔައީ ރައްޔިތުންގެ ހައްގުގައި އަޑު އުފުލައި ކޮންމެ ދުވަހަކުހެން ބޮޑެތި އިހުތިޖާޖުތައް ބާއްވަމުންނެވެ. އެއާއެކު ބޮޑެތި ޕްރެޝަރުތައް ސަރުކާރަށް އަމާޒުވި އެވެ.
ނަތީޖާއެއްގެ ގޮތުން އެ އިހުތިޖާޖުތައް ވަރުގަދަވެ، ރައީސްއަކަށް ހުންނެވި ގޮތަބަޔާ ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު މަހިންދައަށް ވެސް މަގާމުން އިސްތިއުފާ ދެއްވައި ގައުމު ދޫކޮށް ފިއްލަވަން މަޖުބޫރުވި އެވެ. އެއަށްފަހު ޖޭވީޕީން ދިޔައީ ލަންކާއަށް ބަދަލެއް ބޭނުންވާ ކަމަށް ބުނެ ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ ވެސް ދައްކަން ފެށި އެވެ.
އިންތިހާބުގެ ވޯޓުލުމާ ހަމައަށް ޑިސެނަޔަކެ ދައްކަމުން ދިޔައީ އެ ގައުމުގައި ކޮރަޕްޓުވެފައި ތިބި ލީޑަރުންނާއި މަހުޖަނުންނާއި ސިޔާސީ މީހުންގެ މައްސަލަތައް ބަލާނެ ވާހަކަ އެވެ. އޭގެއިތުރުން އެ ގައުމުން ބައިވެރިވި އައިއެމްއެފްގެ ޕެކޭޖް ދަމަހައްޓައި، އެކަމާ ގުޅޭގޮތުން އެ ޖަމާއަތާ އިތުރަށް މަޝްވަރާ ކުރާނެ ކަމަށް ވެސް ޑިސެނަޔަކެ ވިދާޅުވި އެވެ.
ޑިސެނަޔަކެ ދައްކާ ވާހަކަ ގަބޫލުކުރާ އެތައް ބަޔަކު މިއަދު ލަންކާގައި ތިބި ކަމީ ގަބޫލުކުރަން ފަސޭހަ ކެމެކެވެ. އެއީ އޭނާ ދެއްކި އެ ވާހަކަތައް ގަބޫލުކޮށް އެތައް ބަޔަކު އިތުބާރުކޮށް ވޯޓު ދިނީތީ އެވެ.
އިންތިހާބުވުމަށްފަހު ޑިސެނަޔަކެ ވިދާޅުވީ މިއީ ރައްޔިތުން ހޯދި ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީއާއެކު ގައުމަށް ބަދަލުތަކެއް ގެނެސް ހަމަޖެހުން ގާއިމު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އަދި އެންމެ މުހިންމީ ރައްޔިތުން ކަމާއި، ކޮންމެ ކަމަކަށް ގައުމު އިސްކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަހަރުމެން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެން މިއަދު ހަގީގަތަކަށްވެއްޖެ. މިއީ އެންމެ މީހެއްގެ މަސައްކަތެއް ނޫން. މިއީ އެތައް ލައްކަ މީހުންގެ ބުރަ މަސައްކަތް،" ޑިސެނަޔަކެ ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ޑިސެނަޔަކެ ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ވެސް ސަރަހައްދީ ހަމަޖެހުމަށް ރަނގަޅު ފިޔަވަޅެއް ކަމަށް މީހުން ދެކެ އެވެ.
ހަލަބޮލި ލަންކާގެ ސިޔާސީ ދިގު ތާރީހުގައި ޑިސެނަޔަކެ ވިސްނުމާއި ސިޔާސަތައް ގުޑުމެއް ނާރަ އެވެ. އޭނާއަކީ ގޮތުގައި ހުންނަވާ ލީޑަރެކެވެ. މިއަދު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނަށް ދެން އޮތީ ރަނގަޅު ފާލުގައި ސަމުގާ ބަހައްޓައިގެން ގައުމު ހަމަ މަގުގައި ކުރިއަށް ގެންދިޔުމެވެ.
Comment