Advertisement

ކޮމަންވެލްތުން ރާއްޖޭގެ ކުޅިވަރަށް އޮތް ފުރުސަތު ބޮޑު

22 ސެޕްޓެންބަރު 2024 - 17:19 0

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ކްރިސް (ކ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތުން ރާއްޖޭގެ ކުޅިވަރަށް އޮތް ފުރުސަތު ބޮޑު

22 ސެޕްޓެންބަރު 2024 - 17:19 0

ކޮމަންވެލްތުން ރާއްޖޭގެ ކުލިވަރު ކުރިއަރުވަން ހުރި ފުރުސަތުތައް ބޮޑު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު އާއި ސައްތާރު މި ގޮތަށް ވިދާޅުވީ، ރާއްޖޭގައި މިއަދު ފެށި، ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަން (ސީޖީއެފް)ގެ އޯޝެނިއާ އާއި އޭޝިއާގެ ރީޖަނަލް ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ކްރޮސް ރޯޑްސްގައި މި ބައްދަލުވުމުގެ ކަންކަން ކުރިއަށްދާއިރު، ސައްތާރު ވިދާޅުވީ، މިއީ، އޭޝިއާގައި މި ބައްދަލުވުން ކުރިއަށްދާ ފުރަތަމަ ފަަހަރު ކަމަށްވާއިރު، މި ތާރީހީ ޝަރަފް ލިބިފައިވަނީ ރާއްޖެ އަށް ކަމަށެވެ. އަދި މިއީ މި ހާތަނަށް ރާއްޖޭގައި ބޭއްވޭ މި ފަދަ އެންމެ ބޮޑު ބައްދަލުވުން ކަމަށް ސައްތާރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ އޯޝެނިއާ އާއި އޭޝިއާ އަށް ނިސްބަތްވާ 21 ގައުމުގެ އޮފިޝަލުން ބައިވެރިވެ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ކޮމަންވެލްތަކީ ހާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭ ޖަމިއްޔާއެއް ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު ކުރިއެރުވޭނެ ގޮތްތައް ހޯދުމުގައި، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަަމަށް ރާފިއު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ސައްތާރު ވާހަކަ ދައްކަވަނީ،.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. އެހެންވެ، 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ވާދަނުކުރެ އެވެ.

ކޮމަންވެލްތާ ގުޅުމަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ 2020 ވަނަ އަހަރު އޮގަސްޓް މަހުގަ އެވެ. ރާއްޖޭން ވަނީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ.

ސީޖީއެފްގެ ރައީސް، ކްރިސް ޖެންކިންސް ވިދާޅުވީ، ރާއްޖޭގައި މި ބޭއްވޭ، ކޮމަންވެލްތުގެ އޭޝިއާ އާއި އޯޝެނިއާ ގައުމުތަކުގެ ރީޖަނަލް ބައްދަލުވުމުގައި، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މުސްތަގުބަލާ ގުޅޭ މުހިންމު ކަންތައްތަކެއްގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.