Advertisement

ޕީއެންސީ މެންބަރުޝިޕް ޑްރައިވް: ފަސް މަހުން 2000 ވެސް ދަފުތަރަށް އިތުރު ނުކުރެވުނު

ޕީއެންސީ މެންބަރުން އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ޕީޕީއެމްގެ ނައިބު ލީޑަރު، އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ


ޕީއެންސީ މެންބަރުޝިޕް ޑްރައިވް: ފަސް މަހުން 2000 ވެސް ދަފުތަރަށް އިތުރު ނުކުރެވުނު

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން އެ ޕާޓީން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ފަސް މަސް ދުވަހުން 2000 މެންބަރުން ވެސް ދަފުތަރަށް އިތުރު ނުކުރެވުނުކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި އަދާހަމަ ކުރި މައުލޫމާތައް ބަލާއިރު، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ޕީއެންސީގެ ރަސްމީ ދަފުތަރުގައި ތިބީ 28،983 މެންބަރުންނެވެ. މީގެ ފަސް މަސް ދުވަސް ކުރީގެ އަދަދުތަކަށް ބަލާއިރު، މިދިޔަ އޭޕްރިލް 25، ގެ ނިޔަލަށް އެ ޕާޓީގައި ތިބި ޖުމުލަ މެންބަރުންގެ އަދަދަކީ 27،704 އެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. އެ ޕާޓީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ.

އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި ޕީއެންސީއަށް 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މިއަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ. އެއަށްފަހު ޕީއެންސީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާ ވެސް އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެގޮތުން މަސައްކަތް ކުރަމުން ދަނީ މި އަންނަ ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީ މެންބަރުންގެ އަދަދު 70،000 އަށްވުރެ އިތުރު ކުރަން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ސެޕްޓެމްބަރު 11، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް އެންމެފަހުން ރޭ އޮތް ޖަލްސާގައި ވިދާޅުވިފަދައިން ހަމަ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 70،000 މެންބަރުން ޕީއެންސީއަށް ވެއްދުން، އިނގޭތޯ؟،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިހާރު ޕީއެންސީގެ މެންބަޝިޕް، ސައްހަ މެންބަރުންގެ އަދަދަކީ 28،000، މި މަސައްކަތް ފެށިއިރު. އެހެންވީމާ ނޮވެމްބަަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ހަމަ 100 ޕަސެންޓު ޔަގީން 70،000 ހަމަ ކުރެވޭނެ. އެހެންވެއްޖެއްޔާ އެއީ ގާތްގަނޑަކަށް 45،000 ނޫނީ 49،000 މެންބަރުން މި އިތުރު ކުރެވެނީ."

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަން ފެށުމުން ރައީސް އަބްދުﷲ ޔާމީނުގެ އަރިސް ބައެއް މީހުންގެ ފާޑުކިޔުމާއި ތުހުމަތުތައް ރައީސް މުއިއްޒުއަށް އަމާޒު ކުރި އެވެ. އެގޮތުން މަޖިލިސް އިންތިހާބާ ހަމައަށް ދާއިރު، ޕީޕީއެމް އެއްކޮށް ހުސްކޮށްލުމަށް ޕީއެންސީގެ އިސްވެރިން މަސައްކަތް ކުރާ ކަމަށް ޕީއެންއެފްގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި، ޑރ. މުހައްމަދު ޖަމީލު އަހުމަދު އޭރު ވިދާޅުވި އެވެ.

އެ ވާހަކަތައް ޕީއެންސީގެ އިސްވެރިން އޭރު ދޮގު ކުރި އެވެ. ނަމަވެސް ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް، އަބްދުއްރަހީމް އަބްދުﷲ އަންގަވައިގެން ޕީޕީއެމް އުވައިލުމުގެ މަސައްކަތް މިދިޔަ އޯގަސްޓު 1، ގައި ރަސްމީކޮށް ފެށި އެވެ.