Advertisement

މެންބަރުންނަށް ފައިސާ ދޭ މައްސަލައިގައި އޭސީސީން އެއްޗެއް ނުބުނި

އެންޓި ކަރަޕްޝަން ކޮމިޝަނުގެ މެންބަރުން: މެންބަރުންނަށް ފައިސާ ދިން މައްސަލައިގައި އޭސީސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ -- ފޮޓޯ: އޭސީސީ


މެންބަރުންނަށް ފައިސާ ދޭ މައްސަލައިގައި އޭސީސީން އެއްޗެއް ނުބުނި

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ފައިސާގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްވެސް އެއްޗެއް ނުބުނި އެވެ.

މެންބަރުންނަށް ފައިސާ ދޭ މައްސަލައާ ގުޅިގެން ތަކުރާރުކޮށް މި ހަފްތާގައި އޭސީސީގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އަދި އަބްދުއް ސަލާމްއަށް "އަދަދު" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އޭގެ އިތުރުން އޭސީސީގެ މީޑިއާ އޮފިޝަލުންނަށް ލިޔުމުން ސުވާލުތައް ފޮނުވުމުން ވެސް މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން ތިއްބެވިއިރު، އެ ހުރިހާ މެންބަރުންނަށް 50،000ރ. ދޭން މަހަކު 3.75 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އަދި ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކުރި ކަމަށް މެންބަރުން މައުލޫމާތު ދިނެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް މެއި މަހު ފެށި ފަހުން ކޮންމެ މަހަކު މެންބަރުންނަށް ރައީސް މުއިއްޒު ދެއްވާ ފައިސާ ހޯއްދަވާ ގޮތާމެދު އެ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަން ނިންމަވައި، އެކަން އިއުލާނު ކުރެއްވި ބައްދަލުވުމުގައި، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މައުލޫމާތު ދިނެވެ.

ރައީސް މުއިއްޒު މެންބަރުންނަށް ފައިސާ ދެއްވާ ވާހަކައަށް ބިނާކޮށް މި ނޫހުން "ބައިލައްކަ" ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ހެދި އެވެ. އެ ޑޮކިއުމެޓްރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވެސް ހުށަހެޅި އެވެ.

ކޮންމެ މަހެއްގައި ވެސް މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މި ނޫހުން ގެނެސްދީފައިވާނެ އެވެ. އެ ހަބަރުތައް ގެނެސްދީފައިވާނީ ފައިސާ ލިބުނު ޕީއެންސީގެ ބައެއް މެންބަރުން ނަން ސިއްރު ކުރުމަށް އެދި މި ނޫހާ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭން ފައިސާ ހޯދަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ އެންމެ 100،000ރ. އެވެ.