Advertisement

މެންބަރުންނަށް ވައުދުވި ވަޒީފާތައް މާލީ ދަތިކަމުގައި ވެސް ހަމަޖައްސައިދީފި

ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ


މެންބަރުންނަށް ވައުދުވި ވަޒީފާތައް މާލީ ދަތިކަމުގައި ވެސް ހަމަޖައްސައިދީފި

މާލީ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ވެސް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެދިގެން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހަމަޖައްސައިފި އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ 75 މެމްބަރުން އެބަ ތިއްބެ އެވެ.

ކޮންމެ މެންބަރަކަށް ވެސް ވަކި އަދަދަކަށް ވަޒީފާ ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމާއި އޭގެ ތެރެއިން ބައެއް ވަޒީފާތައް ކުރިން މީހުން ހަމަޖައްސާފައިވާ ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ހިނގަމުން މިދާ ސެޕްޓެމްބަރު މަހު ވެސް ގިނަ ވަޒީފާތަކަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މި ނޫހަށް ވިދާޅުވި އެވެ.

މެންބަރުންނަށް ވައުދުވި ގޮތަށް ވަޒީފާ ދެމުންދަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުންނެވެ. މިގޮތަށް ބޭކާރު ހަރަދުކުރަމުން ދާއިރު، ސަރުކާރުގެ މާލީ ހާލަތު ދަށްވެ، ކްރެޑިޓު ރޭޓިންތައް ވެސް ވަނީ ދަަށްކޮށްފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. ނަމަވެސް، މެއި މަހުގެ ނިޔަލަށްވެސް 700 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުކޫމާތުން އެނގެ އެވެ.

ސަރުކާރުން ދަނީ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރަން ދެކޮޅު ހަދަމުންނެވެ.