Advertisement

އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް؛ އަޒާން ވިދާޅުވީ މީހަކު ބުނާހާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް

22 ސެޕްޓެންބަރު 2024 - 12:24 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން: "އިންޑިއާ އައުޓް" ހަރަކާތުގައި އެންމެ އިސްކޮށް އުޅުނު އެކަކަކީ އަޒާން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް؛ އަޒާން ވިދާޅުވީ މީހަކު ބުނާހާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް

22 ސެޕްޓެންބަރު 2024 - 12:24 2

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ވާހަކައަށް ރައްދު ދެއްވައި މި ސަރުކާރަކީ ބަޔަކު ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި މަޑުޖެހިފައި އޮތް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމު ކުރުމުގެ ޕްލޭނާ ގުޅޭގޮތުން އިންޑިއާގެ ސަރުކާރާ އެކު ރާއްޖެއިން މަޝްވަރާ ކުރަން ފެށި ހަބަރު "އަދަދު" އިން ޝާއިއު ކުރުމުން، ހަބަރު ލިންކު ރީޕޯސްޓު ކުރައްވައި އަޒާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބަޔަކު ބުނާހާ ގޮތަކަށް ކަން ހިނގީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން، އެއީ އެމްޑީޕީ ވެރިކަމުގައި ކަން ހިނގި ގޮތް، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރު ކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ،" އަޒާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރަން އެ ގައުމުގެ ކެބިނެޓުން ފާސްކުރީ 2021 ގަ އެވެ. ނަމަވެސް އެކަން މަޑުޖެހިފައި އޮތީ މިދިޔަ ސަރުކާރުން އެކަމަށް ބޭނުންވާ ހުއްދަ ނުދޭތީ އެވެ.

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމު ކުރުމުގެ މަޝްވަރާތަކާ ގުޅޭގޮތުން ރާއްޖެ އަދި އިންޑިއާގެ ސަރުކާރުން ވެސް ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

އިންޑިއާގެ ކެޕިޓަލް ސިޓީ، ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ހުންނައިރު، އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމުކުރުމުން އިންޑިއާގެ އިތުރު ސްޓޭޓެއްގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ފުރުސަތު ދޭން އެ ގައުމުން އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިން އަޑުއުފުލި އެވެ. އަދި ސޭވް އައްޑޫގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ކޮންސިއުލޭޓެއް ގާއިމުކުރުމާ ދެކޮޅަށް އޭޑު އަޑުފުލި ބައެއް ބޭފުޅުން، މި ސަރުކާރުގެ ކެބިނެޓުގައި އެބަ ތިއްބެވި އެވެ.

ރާއްޖެއިން އިންޑިއާ އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައި ވާއިރު، އެ މަޝްވަރާތަކަށް، ދަނޑު ހައްދަން ކަމަށް ބުނެ ޗައިނާގެ ކުންފުންޏަކަށް ދީފައި އޮތް އުތުރުތިލަފަޅުގެ މައްސަލަ އިންޑިއާ ސަރުކާރުން ގެނައިކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އަދި ވެރިކަމުގެ އެންމެ ކުރީކޮޅުގައި އިންޑިއާ ދެކޮޅު ޝުއޫރުތައް ފާޅުކުރެއްވި ނަމަވެސް، އެ މަނިކުފާނުގެ ރާގު ބަދަލުވެ، އިންޑިއާ އޮތް ގުޅުން ދަނީ ބަދަހި ކުރަމުންނެވެ. އެގޮތުން ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ވެސް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.