Advertisement

9.4 މިލިއަން ރުފިޔާއަށް މެންބަރު ޝުޖާއު ހުޅުމާލެއިން ބިމެއް ގަނެފި

20 ސެޕްޓެންބަރު 2024 - 14:52 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ހުޅުމާލެއިން ބައްލަވާގެންނެވި ބިމުގެ އަގު ނުވަ މިލިއަނަށް އަރާ --- ފޮޓޯ: މަޖިލިސް އިދާރާ


9.4 މިލިއަން ރުފިޔާއަށް މެންބަރު ޝުޖާއު ހުޅުމާލެއިން ބިމެއް ގަނެފި

20 ސެޕްޓެންބަރު 2024 - 14:52 1

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު، 9.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން ޝުޖާއު އަށް ވިއްކައި އޭނާގެ މައްޗަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލް ކޯޓުން ނިންމީ އިއްޔެ އެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން ޝުޖާއު ގަތީ ހުޅުމާލެ ހުޅުމާލޭގެ ލޮޓު ނަމްބަރު 20339 އެވެ. އެ ބިމުގެ ބޮޑުމިނަކީ 2،197 އަކަފޫޓެވެ.

އެ ބިން ގަތުމަށް ޖީއެސްޓީ ހިމެނޭހެން ޝުޖާއު ވަނީ އެޗްޑީސީއަށް ޖުމްލަ 9،488،318.40ރ. ދައްކައިފަ އެވެ.

ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެންބަރުކަން އަދާކުރައްވައިފަ އެވެ. ޖެހިގެން އައި އިންތިހާބުގައި އެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް ނާކާމިޔާބުވެ، ވޭތުވެދިޔަ ފަސް އަހަރު އޭނާ ހުންނެވީ އިދިކޮޅު ޕީއެންސީ ކޯލިޝަނުގެ އިސް ސަފުގަ އެވެ.

ސިޔާސީ މަސައްކަތުގެ އިތުރުން ޝުޖާއު އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓު މެނޭޖްމަންޓު ކުންފުނި "އޮފިޝަލް އިވެންޓްސް" ގެ މެނޭޖިން ޑިރެކްޓަރު އަދި ހިއްސާދާރެކެވެ. އޭނާގެ ކުންފުނިން ދަނީ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ ގިނަ އިވެންޓުތަކެއް މެނޭޖުކުރަމުންނެވެ.

މިދިޔަ މަހު ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވެސް ވަނީ ތިން މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ގަނެފަ އެވެ. އެ ހަބަރު ތިލަވުމާއެކު، އެ ފްލެޓު ބައްލަވައިގަތީ ބީއެމްއެލްއިން ލޯނެއް ނަގައިގެން މީގެ ފަސް އަހަރު ކުރިން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.