Advertisement

ދެއްކުންތެރިކަމުގެ އަމަލުތަކާއި ލޮނު ރަހަ ނުލާ ގަރުދިޔަ

20 ސެޕްޓެންބަރު 2024 - 09:23 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދެއްކުންތެރިކަމުގެ އަމަލުތަކާއި ލޮނު ރަހަ ނުލާ ގަރުދިޔަ

20 ސެޕްޓެންބަރު 2024 - 09:23 0

ގިޔާމަތްވުމުގެ ބޮޑެތި އަލާމާތްތަކުގެ ތެރެއިން އަލާމާތެއްގެ ގޮތުގައި ދައްޖާލު ފާޅުވާނެކަމާއި ދައްޖާލަކީ ބޮޑުވެގެންވާ ފިތުނައެއްކަމީ އަހަރެމެން ސުންނީ މުސްލިމުން ގަބޫލުކުރާ ހަގީގަތެކެވެ. ދައްޖާލާބެހޭ ގޮތުން އައިސްފައިވާ ހަދީސްތަކަށް ބަލާއިރު، ދައްޖާލުގެ ފިތުނައަކީ އެ ފިތުނައިގެ ބޮޑުކަމުން އޭގައި ޖެހި އެތައް ބަޔަކު ކާފަރުވެ މަގު ގެއްލިގެންދާނެ ސަބަބެއްކަން ވެސް އެނގެން އޮވެ އެވެ. އަދި މިކަމަށްޓަކައި އަހަރެމެން ކޮންމެ ނަމާދެއްގެ އައްތަހިއްޔާތުގައި މިދަނީ ދައްޖާލުގެ ފިތުނަވެރިކަމުން ސަލާމަތްކުރައްވާތޯ ދުއާ ވެސް ކުރަމުންނެވެ. ވީއިރު އެ ފިތުނަވެރިކަމަށް ވުރެ ބޮޑު ފިތުނަވެރިކަމެއްގެ ނުރައްކާތެރިކަން ހާދަހާވާ ބޮޑުވާނެ އެވެ.

ހަދީސް އިލްމުވެރިންކުރެ އަހުމަދު ބިން ޙަންބަލްއާއި އިބްނު މާޖާ ސައްހަ ސަނަދުން އަބޫސަޢީދުގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ތިމަން ބޭކަލުން އެއްދުވަހަކު ދައްޖާލުފާޅުވާނެ ވާހަކަތައް ދައްކަން ތިއްބައި، މާތް ނަބިއްޔާ ތިމަންމެންގެ ތެރެއަށް ނުކުމެވަޑައިގަތެވެ. އަދި ހަދީސްކުރެއްވި އެވެ. ތިޔަބައި މީހުންނާމެދު ދައްޖާލުގެ ކަންތަކަށްވުރެ ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއްގެ ހަބަރުދެއްވަންތޯ އެވެ؟ އެ ހިނދު ތިމަންމަން ދެންނެވީމެވެ. އާދޭހެވެ! ހަދީސްކުރެއްވި އެވެ. ކުޑަ ޝިރުކެވެ. މީހަކު ނަމާދުކުރަން ހުރެފައި މީހަކު ބަލާކަން އެނގުމުން ނަމާދުކުރަން ހުރި ގޮތް އިތުރަށް ރީތިކޮށްލުމެވެ. އެހެން ރިވާޔަތެއްގައިވެ އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނާމެދު އެންމެ ބޮޑަށް ބިރުފުޅުގެންވަޑައިގަންނަވާ ކަމަކީ ކުޑަ ޝިރުކެވެ. އެއީ ދެއްކުންތެރިކަމެވެ.

ދެއްކުންތެރިކަމަކީ ކުޑަ ޝިރުކުގެ ގޮތުގައި މާތް ނަބިއްޔާގެ ދޫފުޅުން ހާމަވެފައި އޮތުމުން ކަމުގެ ނުބައިކަމުގެ މިންވަރު ދޭހަކޮށްދެ އެވެ. އެހެނީ ޝިރުކަކީ އެންމެ ބޮޑު ފާފަކަމުގައިވީ ހިނދު، ކުޑަ ޝިރުކެއްގެ ގޮތުގައި ސިފަކުރެވިފައި އޮންނާނީކީ އާދައިގެ ކަމެއް ނޫނެވެ. އެހެންނޫނަސް އެކަމަކީ ދައްޖާލުގެ ފިތުނަވެރިކަމަށްވުރެ މާތް ނަބިއްޔާ އަހަރެމެންނާމެދު ބިރުފުޅުގެން ވަޑައިގެންނެވި ކަމެއްކަމުގައިވެސް ޚުދު އެކަލޭގެފާނު އެވަނީ ހަބަރުކުރައްވާފައެވެ.

ދެއްކުންތެރިކަމަކީ ކޮބައިކަން ބަޔާންކުރައްވައި އިލްމުވެރިން ވިދާޅުވަނީ ދެއްކުންތެރިކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރަން އޮންނަ އަޅުކަންތައް މީސްތަކުންގެ ރުހުމާއި ލޯތްބާއި ތައުރީފަށް އެދިގެން ގެނެސްގަތުމެވެ. އާދޭހެވެ! ﷲ އަށް އިހުލާސްތެރިކަމާއެކު ކުރާން އޮންނަ އަޅުކަން ދުނިޔަވީ ފައިދާ އާއި މަންފާއަށްޓަކައި މީހުންގެ ރުހުމަށްޓަކައި ކުރަމުންގެންދިއުމެވެ.

ހަމަ މިޔާއެކު މިމައުލޫގައި އިލްމުވެރިން އިތުރަށް ބަޔާންކުރައްވަނީ، މީހަކު ހަމަ ހަގީގަތުގައިވެސް ﷲ އަށް އިހުލާސްތެރިކަމާއެކު އަޅުކަންކުރުމުގެ ސަބަބުން، ބަޔަކު އަދި އެމީހަކަށް ތައުރީފުކުރުން އެއީ ދެއްކުންތެރިކަންކަމުގައި ނުވާނެކަމަށެވެ. އެކަމުގެ ދަލީލު މިއޮތީ އެވެ. އަބޫޒައްރުގެފާނުގެ އަރިހުން މުސްލިމް ރިވާކުރައްވަ އެވެ. ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! މީހަކު ހެޔޮކަންތަކުގެ ތެރެއިން ކަމެއް ކުރުމުން އެކަމާ މީސްތަކުން އޭނާއަށް އެބަ ތައުރީފުކުރެ އެވެ. އެ ހިނދު ހަދީސްކުރެއްވި އެވެ. އެއީ މުއުމިންއަޅާއަށް އަވަހަށް ލިބޭ އުފާވެރިކަމުގެ ހަބަރެވެ.

އިސްވެދިޔަ ދެ ރިވާޔަތަށް ބަލާއިރު، އިހުލާސްތެރިކަމާއެކު އަޅުކަންކުރުމުގެ ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ލޯތްބާއި ތައުރީފު ލިބުމަކީ ދެއްކުންތެރިކަމެއް ނޫނެވެ. ދެއްކުންތެރިކަމަށް ވަނީ މީސްތަކުންގެ ލޯތްބާއި ތައުރީފު އަދައިގެން އަޅުކަންތައްކުރުމެވެ. އަދި އެއީ ކުޑަ ޝިރުކުވެސްމެ އެވެ. އަދި އެއީ ދައްޖާލަށްވުރެ އެކަމެއްގެ ފިތުނަވެރިކަމާމެދު މާތް ނަބިއްޔާ އަހަރެމެންނާ މެދު ބިރުފުޅުގެން ވަޑައިގެންނެވި ކަންތައްވެސްމެ އެވެ.

އާދޭހެވެ! ދެއްކުންތެރިކަމުގެ ކޮންސެޕްޓަކީ އިސްލާމްދީނުގައި އަޅުކަމާ ގުޅިގެން އިލްމުވެރިން ބަޔާންކުރައްވާ ކަމެކެވެ. އެހެންނަމަވެސް އިސްލާމްދީނުގައި އައިސްފައިހުރި އަޅުކަންތައް އެއީ ވަރަށް މަތިވެރި މަގުސަދުތަކެއްގައި މާތް ﷲ އިންސާނުންނަށް އިންސާނުންގެ ލާބަޔަށް ކަނޑައަޅުއްވާފައި ހުރި ކަންކަންކަމާމެދަކަށް ޝައްކެތް ނެތެވެ. އެހެންނާ އިންސާނުން އަޅުކަންކުރިޔަސް ނުކުރިޔަސް ހުސްތާހިރުވަންތަ މާތް ﷲ އަށް އެކަމުން ވާނެ މަންފާއެއްވެސް އަދި ދެވޭނޭ ގެއްލުމެއް ވެސް ނޯންނާނެއެވެ. އެކަލާނގެއީ އެހެން އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ އެހެން އެންމެހާ ތަކެއްޗެއް އެކަލާނގެއަށް ބޭނުންޖެހިގެންވާ ހުސްތާހިރުވަންތަ ކަލާނގެ އެވެ.

އިސްލާމްދީނުގައި އަޅުކަންތައް ލައްވާފައިވަނީ އިންސާނުންގެ ނަފުސުތައް ތަރުބިއްޔަތުކޮށް، ރޫހުތައް ތަހުޒީބުކޮށް، ދިރުއުޅުން ތަރުތީބުކުރުމުގެ މަތިވެރި ފިލާވަޅުތަކާއި ތަމްރީންތައް ލިއްބައިގަތުމަށެވެ. ޝަހާދަތުގެ ދެކަލިމައަށް ބައްލަވާށެވެ! އެދެކަލިމަ ދުލުން ކިޔައި އެ ދެކަލިމައިގެ މައްޗަށް ހަގީގީ އީމާންކަން ބިނާކޮށްފި މީހާ ދުނިޔޭގައި ފުރިހަމަ މިނިވަނަކަށްވާނެއެވެ. އޭނާ ބިރުގަންނަ ސިޔާސީ ލީޑަރަކު ތަނެއްގެ ވެރިޔަކު އަދި މުއްސަންޖަކު ވިޔަސް ނުހުންނާނެއެވެ. މިނޫންވެސް އެތައް ކަމެކެވެ. ނަމާދަށް ބައްލަވާށެވެ. ފަރުޟު ފަސްވަގުތު ނަމާދުކުރަން އާދަކޮށްފި މީހާ އޭނާގެ ދުނިޔަވީ ހުރިހާ ކަމެއް އޭގެ ވަގުތުގައި ގެނެސްގަނެ ދުނިޔަވީ ހަޔާތުގެ ކާމިޔާބު ހޯދުމަށް ނަފުސު ތަރުބިއްޔަތުކޮށްގަންނާނެއެވެ. މިބީދައިން ރޯދައާއި ޒަކާތާއި ހައްޖަށް ބެއްޔަސް ނަފުސާނީ ދުޅަހެޔޮކަމުގެ އެތައް ތަމްރީނަކާއި ޕްރޮގްރާމެއް އޭގައި ހިމެނިފައިވާކަން އެނގިގެންދާނެއެވެ. އަޅުގަނޑުގެ މައުލޫއަކީ ސީދާ އެއީކަމަށް ނުވާތީ ދެތިން މިސާލަކުން އެވާހަކަ ކުރުކޮށްލީއެވެ.

އަޅުގަނޑުގެ މައުލޫއަކީ މިބާވަތުން އޮތް އިސްލާމްދީނުގެ ފަސްރުކުނާއި އެހެންވެސް އަޅުކަންތައް އަދާކުރުމުގައި ދެއްކުންތެރިކަން އެހާބޮޑަށް ނަހީކުރެއްވުނީ ކީއްވެތޯ ވިސްނާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދައުވަތުދިނުމެވެ. ކުރުޖަވާބަކުން ދަންނަވާނަމަ އެންމެ ބޮޑު ސަބަބަކީ، އެއިން އެއްވެސް އަޅުކަމެއްގެ ހަގީގީ މަންފާ އަދި ނަފްސާނީ ދުޅަހެޔޮކަން ﷲ އަށް އިހުލާސްތެރިކަމާއެކު އަދާކޮށްގެން މެނުވީ ލިބިނުގަނެވޭނެތީ އެވެ. މީސްތަކުންނަށް ދެއްކުމަށް ޝަހާދަތުގެ ދެކަލިމަ ކިޔާ މީހާ އޭނާ އެއްވެސް ކަމަކުން އެއްޗަކުން މީހެއްގެ ކިބަޔަކުން މިނިވަނެއް ނުވާނެ އެވެ. ﷲ އަށް ދެއްކުމަށް ނަމާދުކުރާ މީހާ، އެ ނަމާދުގެ އެންމެ މުހިންމު މަގުސަދުކަމުގައިވާ ﷲ ގެ މަތީން ފަސް ވަގުތު ހަނދާންކުރުމާއި އެކަލާނގެ މަތީން ހަނދާންކުރުމުގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނާއި ރިޝްވަތުދިނުމާއި ހިފުން ފަދަ ނުބައި އަމަލުތަކުން ދުރުވެގަތުމުގެ ހިތްވަރު ލިބިގަތުމެއް ހޯދައެއް ނުގަނެވޭނެ އެވެ. މިހެން ގޮސް ތަފާތު މިސާލުތަކަށް ވިސްނަވާށެވެ.

ދެން މިފަލްސަފާ އަހަރެމެންގެ ދުނިޔަވީ ކަންކަމަށް ހުށަހަޅާށެވެ! އޭރަށް ދެއްކުންތެރިކަން އެހާ ބޮޑަށް އަޅުކަންތަކުން ނަހީކުރެއްވުނީ ކީއްވެކަމާއި އެކަމުގައި އަހަރެމެންނަށް ދީން ދަސްކޮށްދެނީ ކޮން ފިލާވަޅަކާއި ކޮން ހިކުމަތްތަކެއްކަން އިސާހިތަކު ދެނެގަނެވޭނެއެވެ. ހުރިހާދިމާއަކުން ބޮއްސުންލައިފައިވާ އަހަރެމެންގެ ގައުމާ މެދަށް ވިސްނާވަޑައިގެން ބައްލަވާށެވެ! ވެރިން ބޭނުންވަނީ އެބައިމީހުންނަށް ތައުރީފުކުރާނޭ ރައްޔިތުންނެވެ. އޭގެ ޒާތުން ތައުރީފާއި ސަނާއަށް އެދެވުމާއި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ލޯބި ލިބުމާއި މިއީ މުޅިން ދެކަމެކެވެ.

ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދުމަށް މެނުވީ އެހެން އެއްވެސް ބޭނުމަކު ނުހިންގޭ ބާވަތުން ހިނގަމުންދާ ދިވެހި ސިޔާސީ މަސައްކަތްތަކުގެ ތެރެއަށް އަޅުގަނޑުގެ މިއަދުގެ މައުލޫގެ ފަލްސަފާ ހުށަހަޅުއްވައި ބައްލަވާށެވެ. ގައުމެއްގެ ކަންކަން ރަނގަޅުކުރަނީ އެގައުމެއްގެ ސިޔާސީ ލީޑަރުންނެވެ. ސިޔާސީ މަސައްކަތްތެރިންނެވެ. ސިޔާސީ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ވަސީލަތުންނެވެ. އެކަމަކު ސިޔާސީ ހުރިހާ މަސައްކަތެއް ބިނާކުރެވިފައި އޮންނަނީ ދެއްކުންތެރިކަމުގެ މައްޗަށް ހަމައެކަނި ރައްޔިތުންގެ ލޯތްބާއި ތައުރީފު އޭރަކަށް ލިބޭނެ ގޮތަކަށް ބަލައިގެން، އިހުލާސްތެރިކަމެއް ނެތިކަމުގައިވާނަމަ، ގައުމެއްގެ ކަންކަން ހިނގާނީ ގޯހުން ގޯހަށެވެ. އަޅުގަނޑުމެންގެ ގައުމުން މިފެންނަނީ އެމަންޒަރެވެ. ސިޔާސީ މަސައްކަތްތައް އިހުލާސްތެރިކަމެއް ނެތް ދެއްކުންތެރިކަމުގެ މައްޗަށް ބިނާކޮށްފައިވާއިރު، އަދި އެ ދެއްކުންތެރިކަމުގެ ޒީނަތްތެރިކަން ފުރިހަމަކުރުމަށް ދީންވެރިކަމުގެ ދެއްކުންތެރިކަންވެސް އެޔަށް އިތުރުކޮށްގެން ހިންގޭ ހަރަކާތްތަކުގެ ހުރި ފިތުނަވެރިކަމުގެ ބޮޑުކަމާއެވެ.

ދިވެހި ޅެންވެރިޔަކު ކިޔާފައި އޮވެ އެވެ.

"ދެއްކުމަށް ކުރެވޭ އަމަލު ހާލިސް ރަނގަޅު ނިޔަތާ ނުލައި

ކެއްކުމެއް ފަދައޭ ކެކުނު ހުރިހާ ތަކެއްޗަށް ލޮނު ނުލައި"

ވަރަށްބޮޑު ހަގީގަތެކެވެ. ދެއްކުންތެރިކަމާއެކު ކުރެވޭ ނަމާދެއްގެ އުޚްރަވީ ސަވާބު ފުރިހަމައެއް ނުވާނެއެވެ. ނުވިތާކަށް ލޮނު ރަހަލާންޖެހޭ ކާއެއްޗެއް ލޮނު ނުލައި ކެއުމުން ދުލަށް ގެއްލިދާ މީރުކަން ގެއްލިދާ ފަދައިން، ދެއްކުންތެރިކަމާއެކު ކުރެވޭ ނަމާދުން ލިބެން އޮންނަ ދުނިޔަވީ ފައިދާގެ މީރުކަންވެސް ގެއްލިގެންދާނެއެވެ. ހަމަ މިހެންނެވެ. އިހުލާސްތެރިކަމެއް ނެތި ދެއްކުންތެރިކަމުގެ މައްޗަށް ބިނާކުރެވޭ ސިޔާސަތުތަކާއި ސިޔާސީ ވާހަކަތަކުގެ މިސާލަކީ ލޮނު ރަހަ ނުލާ ގަރުދިޔައިގެ މިސާލެވެ. ސިކުނޑިން އެ ތަސައްވުރުކުރަން އުނދަގުވާނެއެވެ. އެކަމަކު ދިވެހި ސިޔާސީ ލީޑަރުންގެ ވައުދުތަކާއި އަހުދުތަކަށް ބެލީމާ ތަސައްވުރުކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ.